Advertisement
ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 22:53
އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މުގައްރިރު އިބްރާހިމް އަމީރު
އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މުގައްރިރު އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ބޮންޑު ވިއްކާ ފެންވަރެއް ރާއްޖެއަކު ނެތް: އަމީރު
ރާއްޖޭގެ ދައުލަތުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 120 ޕަސެންޓް މަތީގައި
ރާއްޖެ އޮތީ ބިރުވެރި ޒޯނެއްގައި
ގާނޫނު ބުނާ ގޮތުން ދައުލަތުގެ ދަރަނި ޖީޑީޕީގެ 60 ޕަސެންޓަށް ވުރެ ބޮޑުވެގެން ނުވާނެ

ބޮންޑު ވިއްކާ ފެންވަރަކަށް ރާއްޖެއަކު ނެތް ކަމަށް އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި އަމީރު ވިދާޅުވީ އިގްތިސާދީ ސިޔާސަތު ދަންނަ ބައެއް މިސަރުކާރުގައި ނެތްކަމަށެވެ.

ސޮވަރިން ބޮންޑަކީ ނެގޭ ލޯނެއްކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ އިގުތިސާދުތަކުން ކޮށްފައިވާކަންކަން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި އެ ފެންވަރެއް ނެތްކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ރަތް ޒޯނުގައި. ބިރުވެރި ޒޯނުގައި. އެ ޒޯނުގައި އޮވެ އަޅުގަނޑުމެން 200 މިލިއަން ޑޮލަރުގެ ބޮންޑްސް ވިއްކުމަކީ އެއީ ހަގީގަތުގައި ރައްޔިތުން ވާވައްދާފައި ވެވޭ ދަރަނިތަކެއް" އަމީރު ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ރާއްޖޭގައި ކުރި ނާރަނީ ކަރަޕްޝަން އިންތިހާއަށް އޮތުމުން ކަމަށް އަމީރު ވިދާޅުވިއެވެ. އެހެން ކަމުން ކޮރަޕްޝަން އިންތިހާއަށް ރާއްޖޭގައި އޮތުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ނުވިސްނާކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެޖެންޑާއަކީ އަމިއްލަ ޖީބު ފުރުންކަމުގައިވާނަމަ އެކަން ވަރަށްރަނގަޅަށް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ  ދައުލަތުގެ ދަރަނި 60 ޕަސެންޓަށްވުރެ މަތިކޮށް ހުރެގެން ނުވާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ދައުލަތުގެ ދަރަނި ހުރީ ދެގުނަ ބޮޑުކޮށް 120 ޕަސެންޓް މަތީގައި ކަމަށެވެ. އެހެން ކަމުން މިހާރު ރާއްޖެ މިއޮތީ ބިރުވެރި ޒޯނެއްގައި ކަމަށް އަމީރު ވދާޅުވިއެވެ.

ސަރުކާރުން ތެލުގެ އަގު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށް އަމީރު ވިދާޅުވިއެވެ.

"އިންކަމް ޓެކްސް" ނަގަން ޖެހޭކަމަށާއި އެ ނަގަން ފެށުމުން މިހާރު ދައުލަތަށް ލިބޭ އާމްދަނީ ބޮޑުވެގެން ދާނެކަމަށް އަމީރު ވިދާޅުވިއެވެ. "އިންކަމް ޓެކްސް" އަކަށް ރާއްޖޭގެ ސަރުކާރުން ނުދާނީ އިޚްލާސްތެރިކަމެއް ނެތުމުން ކަމަށް އަމީރު ވިދާޅުވިއެވެ.  އޭރުން ފަގީރު މީހާއާއި މުއްސަނދި މީހާގެ ފަރަގު ކުޑަވެގެންދާނެތީ ކަމަށާއި ޓެކްސޭޝަންގެ ނިޒާމަކީ ވަށާޖެހިފައި އޮންނަ ނިޒާމަކަށް ވާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ޓެކްސް ނަގަންޏާ އެބަޖެހޭ އިންސާފުވެރި ޓެކްސްއަކަށްވާން. އިންސާފުވެރި ޓެކްސްއެކޭ މި ބުނަނީ ފަގީރު މީހާއަތުން ނެގެންޖެހޭނީ މަދުން. އަދި މުއްސަނދި މީހާ އަތުން ނެގެންޖެހޭނީ ގިނައިން. އެގޮތަށް ދުނިޔޭޣެ ކޮންމެ ގައުމެއްގައިވެސް ޓެކްސް ނެގެނީ. އިންސާފު ޓެކްސްއަކަށް ނުވަންޏާ އެ ނުވާނެ ވޯކް ކުރާ އެއްޗަކަށް" އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ބައްޓަން ކުރަނީ ސައުދީ އާއި ޗައިނާ ބޭނުންވާހާ ގޮތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.އަމީރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ދަރަނީގެ 80 ޕސެންޓް ކޮންޓްރޯލް ކުރަނީ ޗައިނާއިންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް