އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒިކް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓްކުރާއިރު ހާއްސަ ކަންތައްތަކެއް އެބަހުރިކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މުބާރާތުގެ ލޯގޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މުބާރާތް ވަރަށް ގިނަ ގޮތްގޮތުން ރާއްޖެއަށް ޚާއްސަ ކަމަށެވެ. އެގޮތުން މިއީ އެންމެ ގިނަ އަދަދެއްގެ ގައުމުތަކުން ބައިވެރިވެގެން ރާއްޖޭގައި ބާއްވާ މުބާރާތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނިމުނު ޖޫން މަހު ރާއްޖޭގައި ބޭއްވި ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕްގައި ކުޅުންތެރިންނާއި އާއިލާ ހިމެނޭ ގޮތަށް ގާތްގަނޑަކަށް 350 މީހުން ބައިވެރިވިއެވެ. ނަމަވެސް ކުރިއަށް އޮތް ބޮޑީބިލްޑިންގ މުބާރާތުގައި މިއަދަދު 550ށްވުރެ މަތިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މުބާރާތް ޚާއްސަވާ އިތުރު ސަބަބުތަކުގެ ތެރޭގައި މިނިސްޓަރ ވިދާޅުވީ މިއީ ހުރިހާ ކުޅިވަރަކަށް ސަމާލުކަން ދީގެން، ކުޅިވަރުތަކުގެ މެދުގައި އޮތް ތަފާތުކުރުން ނައްތާލަން ސަރުކާރުން ކުރާ މަސައްކަތުގެ ހެއްކެއްކަމަށެވެ.
މީގެ ކުރިން ފުޓްބޯޅަ ކަހަލަ ކުޅިވަރުތަކަށް ވަކި ސަމާލުކަމެއް ދީގެން ބޮޑު ތަފާތު ކުރުމެއް އޮވެގެން، ކުރިއަށް މިދިޔަ ދިއުމުގެ ބަދަލުގައި ދެން ކުދިކޮށް ފެނުނު ކުޅިވަރުތައް ވެސް ހަމަހަމަ ކުރުމަށް ކުރާ މަސައްކަތުގައި ބޮޅެއް އިތުރުވާ ދުވަހެއް.ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް
އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ޗެމްޕިއަންޝިޕްއަކީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ބޮޑީބިލްޑިންގ މުބާރާތެވެ. މިއީ ރާއްޖެގައި ބާއްވާ ދެވަނަ ބައިނަލްއަގްވާމީ ބޮޑީބިލްޑިންގ މުބާރާތެވެ. މީގެ ކުރިން 2001 ވަނަ އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތް ބަނޑޮހުގައި ބާއްވާފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުވެސް މި މުބާރާތް ނުވަތަ ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
މުބާރާތާއި ގުޅޭ ގޮތުން ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) ވިދާޅުވީ މިއީ ފާއިތުވި 15 އަހަރުގެ ކެރިއަރުގެ ތެރޭގައި ހުވަފެނުން ވެސް ނުދެކޭ ފަދަ ދުވަހެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ބޮޑީބިލްޑިންގ މުބާރާތާއި މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންގެ ފަރާތުން ވަރަށް ބޮޑު ތަފާތެއް ފެންނާނެކަމަށް އިއްބެ ވިދާޅުވިއެވެ. އަދި މިއީ އެސޯސިއޭޝަނުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން އިއްބެ ފާހަގަކުރެއްވިއެވެ.
އިއްބެ އިތުރަށް ވިދާޅުވީ އަފްޢާނިސްތާނުން އެ ގައުމުގެ ސަރުކާރާ ގުޅިގެން ބޮޑީބިލްޑިން އަށް ހާއްސަ ނަޒަރަކުން ދެކޭ ކަމަށެވެ.
ގާތްގަނޑަކަށް 21 މީހުން އަފްގާނިސްތާން ސަރުކާރުގެ ހަރަދުގައި މި ފަހަރުގެ އޭޝިއާ މުބާރާތުގައި ބައިވެރިވާނެ. އަދި މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ އަރަބި ގައުމުތަކަށް ބަލާއިރު އީރާން، އީރާގް އަދި ކުވޭތު ވެސް ހިމެނޭބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ)
އިއްބެ ވިދާޅުވީ މުބާރާތުގެ ތާރީޚައް ބަލާނަމަ އާންމުކޮށް މުބާރާތުގައި ބައިވެރިވަނީ 20 ނުވަތަ 25 ވަރަކަށް ގައުމު ކަމަށެވެ. ނަމަވެސް މި މުބާރާތުގައި 28 ގައުމަކުން ވާދަކުރުން އެއީ މުބާރާތަށް ލިބޭނެ އިތުރު ކުރިއެރުމެއްގެ ގޮތުގައި އިއްބެ ފާހަގަކުރެއްވިއެވެ.