ކ. މާލެ
|
4 ޖުލައި 2022 | ހޯމަ 21:33
މެޝިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މެޝިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫތު މިނިސްޓްރީ
ދަނޑުތައް ތަރައްގީކުރުން
25 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި
 
މިދިޔަ އަހަރުވެސް މިނިސްޓްރީން ވަނީ 12 ރަށެއްގެ ޓާފް ދަނޑުތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން އެރަށްރަށަށް ހަވާލުކޮށްފައި

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން 25 ރަށެއްގެ ދަނޑަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެރަށްރަށާ ހަވާލުކޮށްފިއެވެ.

25 ޑްރެގް ބްރަޝް މެޝިން ރަށްރަށަށް ހަވާލުކުރުމަށް މިއަދު ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ އަޙުމަދު މަޚުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޑްރެގް ބްރަޝްތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚުލޫފެވެ. ވިނަ ދަނޑުގައި ހެދޭ ވިނަތައް ކޮށުމަށާއި، ޓާފް ދަނޑުތަކުގައި ބްރަޝް އެޅުމަށް މި މެޝިންތައް ބޭނުންކުރެވޭނެއެވެ.

މެޝިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ޔޫތު މިނިސްޓްރީ

ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝިންތައް ހަވާލުކުރި 25 ރަށަކީ، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް، ހދ. ނެއްލައިދޫ، ށ. ފުނަދޫ، ށ. ފޯކައިދޫ، ނ. ކުޑަފަރި، ނ. ވެލިދޫ، ނ. މަނަދޫ، ރ. ދުވާފަރު، ރ. މާކުރަތު، ޅ. އޮޅުވެލިފުށި، ކ. ގުޅި، ކ. ގުރައިދޫ، އއ. ރަސްދޫ، އދ. މާމިގިލި، ވ. ކެޔޮދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ސ. ހުޅުދޫ އަދި ސ. ފޭދޫއެވެ.

މި 25 ރަށުގެ އިތުރުން މިދިޔަ އަހަރުވެސް މިނިސްޓްރީން ވަނީ 12 ރަށެއްގެ ޓާފް ދަނޑުތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން އެރަށްރަށަށް ހަވާލުކޮށްފައެވެ. އޭރު މެޝިން ހަވާލުކުރީ ފުވައްމުލައް ސިޓީ، ރ. އަލިފުށި، ދ. މީދޫ، ފ. ނިލަންދޫ، އދ. މަހިބަދޫ، ކުޅުދުއްފުށި ސިޓީ، ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ނ. ހޮޅުދޫ، ލ. ގަން އަދި ކ. މާފުށީގެ އިތުރުން ޅ. ހިންނަވަރަށެވެ.

ރާއްޖޭގެ ރަށްރަށުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިހާރުވެސް ވަނީ ގާތްގަނޑަކަށް 40 ދަނޑުގެ މަސައްކަތް ނިންމާލެވިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 85 ދަނޑުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް