ކ. މާލެ
|
5 ޖުލައި 2022 | އަންގާރަ 15:40
މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުއިއްޒު
މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުއިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯރޓް
ޖާދޫގެ ވޮށްގަނޑުން މޭޔަރުގެ ގެކޮޅު 15 ބުރިއަށް
 
ހައުސިންގ މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު މޭޔަރު ކަމަށް ވަޑައިގެން، ރައްޔިތުންނަށް ގޯތި ދޭށޭ ވިދާޅުވެ ކުރައްވަނީ މަލާމާތެއް
 
ގަވާއިދު ހެދިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުއިއްޒުގެ ގެކޮޅު 15 ބުރިއަށް ނެންގެވި
 
ގެދޮރުގެ އުސްމިން ކަނޑައަޅާ ގަވާއިދު މުއިއްޒު އޯވަރނައިޓަކުން ބަދަލުކުރެއްވި

މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑުގޮންޖެހުމަކީ ބޯހިޔާވަހިކަމެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް ކޮންމެ ސަރުކާރަކުންވެސް އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންއައެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ތަފާތެވެ. މިނިވަން ދުވަހު ރައްއިތުންނާ މުޚާތަބުކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

18 އަހަރު ފުރެމުންދާ ކޮންމެ ޒުވާނަކަށް މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބޭނެ. ދެން މިރާއްޖޭގައި ބޯހިޔާވަހިކަމެއް ނެތްމީހަކު ނުހުންނާނެ.
ކުރީގެ ރައީސް ޔަމީން

ތެދެކެވެ. ރައީސް ޔާމީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިލާތަކުގައި ޖެހޭވަރުގެ އުސް ޓަވަރުތަކެއް އަޅުއްވައި އެޓަވަރުތަކުގެ ކުރިމަތީ ޖަލްސާ ބާއްވަވައި ރައްޔިތުންގެ ލޮލުގައި އަދުންއެޅުއްވިއެވެ. ނަމަވެސް އެ ރައްޔިތުންނަށް އެބުނާ 1000 އަކަފޫޓުގެ އެޕާޓްމަންޓްތައް ހަމަލޮލަށް ފެނި ވީ ދެރައިން ހިޔާ ފުލެޓްގެ ނަން ކޮތަރުކޮއްޓަށް ބަދަލުކުރިއެވެ. އެއީ 11 ފޫޓު ވެސް އެއިން ކޮޓަރިއެއްގައި ނެތީމައެވެ. ނަމަވެސް ރައްޔިތުންނަށްވުރެ އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ ކަންބޮޑުވުން މާބޮޑެވެ. އެއީ މިހާރުގެ މާލޭ ސިޓީ، މޭޔަރުގެ ގެ (ދިމްޔާތު ގެސްޓް ހައުސް) ހުންނަ މަގު (ބުރުޒު މަގު) ފުޅާމިން މިވަނީ މޭޔަރުގެ ބޯހިޔާވަހިކަމަށް އެޅިފައިވާ ހުރަހަކަށެވެ. މާލޭގައި އިމާރާތެއް އަޅާނަމަ އެ އިމާރާތެއް ހުންނަ މަގުގެ ފުޅާމިން އެ އިމާރާތެއްގެ އުސްމިން ކަނޑައަޅައެވެ.

ތުންތުމަތިން އަޑުއިވޭގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ނުފޫޒުގަދަ ކޮންމެ ބޭފުޅެއްގެ އަތުގައި ޖާދޫގެ ވޮށްގަނޑެއް އޮންނަކަމަށްވެއެވެ. އެބޭފުޅަކު ބޭނުންފުޅުވާ ކަމެއް ހިތަށް އެރުއްވުމަށްފަހު އެބުނާ ވޮށްގަނޑުގައި އަތް ހާކާލުމުން އެމީހެއްގެ އުންމީދުތަކުގައި ކުލަޖެހޭކަމަށްވެއެވެ. އަދި މުއިއްޒުގެ ހުވަފެންތަކުގައި ކުލަ ޖެއްސެވުމުގެ ބޭނުމުގައި "އެއްކަލަ ޖާދުވީ ވޮށްގަނޑުގައި އަތް އުނގުޅާލެއްވީ" ކަމަށްވެސް ވެދާނެއެވެ.

އަސްތާ! ކަމަކުދާކަށް ނެތެވެ. ގެދޮރުގެ އުސްމިން ކަނޑައަޅާ ގަވާއިދު މުއިއްޒު އޯވަރނައިޓަކުން ބަދަލުކުރެއްވީ އަމިއްލަފުޅު ގެ، ގަނޑުވަރު ފެންވަރުގައި ހެއްދެވުމުގެ ބޭނުމުގައެވެ.

މޭޔަރު މުއިއްޒު އާރާ ބާރުގައި ހައުސިންގ މިނިސްޓަރަކަށް ހުންނަވައި ނެރުއްވި ގަވައިދު (2015/R-192)ގައި ވާގޮތުން، ގޯތީގެ މަގުގެ ފުޅާމިނަށް ނިސްބަތްކޮށް އިމާރާތް ކުރެވޭނެ އުސްމިން ކަނޑައަޅަންޖެހޭ ގޮތަށް ކުރީގެ ގަވާއިދަށް ބަދަލުގެންނެވިއެވެ. 

މި ގޮތަށް ކަނޑައެޅުއްވުމުގެ މައިގަނޑު ބޭނުން ދިވެހި ރައްޔިތުންނަށް އޮޅުއްވާލެއްވޭނެކަމަށް މުއިއްޒު ހީފުޅުކުރެއްވީ ކަމަށްވެސް ވެދާނެއެވެ. ގަވާއިދު ހެދިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މާލޭގެ އެންމެ އަގުބޮޑު އެއް ހިސާބުގައި ބުރިބުރިއަށް ގެއެއް އަރާތަން ނުފެންނަ މާލޭގައި ދިރިއުޅުނު ރައްޔިތަކު ނުހުންނާނެއެވެ.

މީގެކުރިން ރައްޔިތުން އުފުލި ވޭނާއި ކުރި އާދޭހުގެ އަޑު ނާއްސަވައި، މުއިއްޒު އަމިއްލަ ގެކޮޅު އިމާރާތް ކުރަންވީމައި އޯވަރނައިޓަކުން މި ބަދަލު ގެންނެވީއެވެ. ހަމަޔަގީނުންވެސް ރައީސް ޔާމީނުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު، ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދުފުޅު އޮތީ ފުއްދަވާފައޭ ބުނާއަޑުވެސް އަޅުގަނޑު އެހީމެވެ.  

އެކަމަކު މި ވައުދުފުޅު ފުއްދެވީ އާދައިގެ ނިކަމެތި ރައްޔިތުންނަކަށް ނޫނެވެ. މި ވައުދު ފުއްދެވީ މާލޭގެ އިރުމަތީ ފަރާތުގައި 25 ބުރީގެ އިމާރާތަކާއެކު ވެރިކަމުން ފޭބި ރައީސް ޔާމީނާއި ހައުސިންގ މިނިސްޓަރަކަށް ހުންނަވާ ރައީސް ޔާމީންގެ "ޖާދުވީ ވޮށްގަނޑު"ގެ ބޭނުން ހިއްޕަވައި މާލޭގެ ހުޅަނގު ފަރާތުގައި 15 ބުރީގެ ޓަވަރެއް އެޅުއްވި މިހާރުގެ މާލޭ ސިޓީގެ މޭޔަރު މުއިއްޒަށެވެ.

އެހެންތާއެވެ. ރައްޔިތުން ތެޅޭނެ ހާލަކަށް ވީ ތެޅޭށެވެ. 2018ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވައުދުފުޅަކީ ބޯހިޔާވަހިކަމެވެ. 26 ޖޫން 2022 ވީ ދުވަހު މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 7 އަހަރުދުވަހު ހައުސިންގ މިނިސްޓަރަކަށް ހުންނެވި މުއިއްޒު މިވަނީ މިކަމާ ވަރަށް ކަންބޮޑުވެވެވަޑައިގެންފައެވެ. އެއީ މުއިއްޒު ކޮށްދެއްވަން ބޭނުންފުޅުނުވި ކަމެއް ކުރާތީ ކަމަށްވެސް ވެދާނެއެވެ.

ވާނީވެސް އެހެންތާ! ގެދޮރުވެރިކަމުގެ މަންފާއާއި ލައްޒަތު މިހާރު އެންމެ ރަނގަޅަށް އެނގޭނީވެސް އެތަނަވަސްކަން ލިބޭ ފަރާތަކަށްތާއެވެ. އާރާއި ބާރު ގެއްލި، މިއަދު މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވަޑައިގެން ދިވެހި ރައްޔިތުންނަށް، ޚާއްސަކޮށް މާލޭ ރައްޔިތުން ގެދޮރުވެރިކަމުން ބާކީވެއްޖެއޭ ވިދާޅުވެ މިކުރައްވަނީ މަލާމާތެއް ނޫންތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
26%
9%
11%
46%
0%
9%
ކޮމެންޓް