މެންޗެސްތަރ ޔުނައިޓެޑްގެ ދެވަނަ ކީޕަރު ޑީން ހެންޑާސަން ނޮޓިންހަމް ފޮރެސްޓްއަށް ބަދަލުވެއްޖެއެވެ.
ހެންޑާސަން ނޮޓިންހަމްއަށް ބަދަލުވީ އެއް އަހަރުގެ މުއްދަތަކަށް ލޯނު އުސޫލުންނެވެ. ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުއެވެ.
ހެންޑާސަން ނޮޓިންހަމްއަށް ބަދަލުވި މައިގަނޑު ސަބަބަކީ ޔުނައިޓެޑްގެ އެއް ނަންބަރު ކީޕަރު ޑޭވިޑް ޑެހެއާ އާއި ވާދަކޮށް ފުރަތަމަ 11 ގައި ކުޅުމުގެ ފުރުސަތު ނުލިބޭތީއެވެ. ހެންޑާސަންގެ އަމާޒަކީ ކުރިއަށް އޮތް ސީޒަންގައި ނޮޓިންހަމްއާއެކު ގިނަ މެޗުތަކެއް ކުޅުމެވެ. އަދި މިއަހަރު ނިމޭކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ނަގާ އިންގްލެންޑު ޓީމުގެ ސްކޮޑުން ޖާގަ ހޯދުމެވެ.
ހެންޑާސަންގެ ޑީލަށްފަހު ނޮޓިންހަމްގެ ކޯޗު ސްޓީވް ކޫޕާ ބުނީ ހެންޑާސަންއަށް މިވަގުތު އެންމެ މުހިންމީ ގިނަ މެޗުތަކެއް ކުޅުން ކަމަށެވެ. އަދި ހެންޑާސަން ހޯދުމަށް ބައެއް ކްލަބުތަކުން މަސައްކަތް ކުރަމުން ދަނިކޮށް ނޮޓިންހަމްއާ އޭނާ ގުޅުމަކީ ޓީމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ކޫޕާ ފާހަގަކުރިއެވެ. ކޫޕާ ބުނީ ޕްރިމިއަރ ލީގު އަދި ޗެމްޕިއަންސް ލީގުގެވެސް ތަޖުރިބާހުރި ހެންޑާސަންގެ ސަބަބުން ޓީމަށް ބޮޑު ފައިދާއެއް ކުރާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
ޔުނައިޓެޑްގައި ހެންޑާސަން ކުޅުނު 49 ޕްރިމިއަރ ލީގު މެޗުގެ ތެރެއިން އޭނާ ވަނީ 17 މެޗު ބައިކޮޅަށް ގޯލެއް ވަނަނުދީ ނިންމާލާފައެވެ. ލީގުގެ ބޮޑެތި ބައެއް މެޗުތަކުގައިވެސް ޔުނައިޓެޑްގެ ގޯލު ބަލަހައްޓާފައިވާ ހެންޑަސަން ވާދަވެރި މެޗެއްގައި އެންމެ ފަހުން ޔުނައިޓެޑުގެ ގޯލަށް ކުޅުނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.
ނޮޓިންހަމް އެނބުރި ޕްރިމިއަރ ލީގަށް ކޮލިފައިވީ 22 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން އެޓީމު ޕްރިމިއަރ ލީގުގައި ކުޅެފައިވަނީ 1999 ވަނަ އަހަރުއެވެ. އެހެންކަމުން އެޓީމުގެ އެއް ނަންބަރުގެ ގޮތުގައި ހެންޑާސަންއަށް ކުޅެން ފުރުސަތު ލިބުމަކީ އޭނާ ނޮޓިންހަމް ޚިޔާރުކުރި މައިގަނޑު ސަބަބެވެ. ލީގުގެ ފުރަތަމަ މެޗުގައި އޯގަސްޓު 6 ވަނަ ދުވަހު ނޮޓިންހަމް ނުކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ.