މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ޓީމު ދޫކޮށްލަން ބޭނުންވާކަން ޔުނައިޓެޑަށް އަންގައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭޭޒްއާ ބައްދަލުކުރުމަށްފަހު އޭނާ ވަނީ ޓީމުގައި މަޑު ނުކުރަން ނިންމާފައެވެ. އަދި އޭނާ ދޫކޮށްދިނުމަށް ޔުނައިޓެޑްގެ މެނޭޖުމެންޓުގައި ރޮނާލްޑޯ އެދިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ނިންމީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައި ނުވުމުންނެވެ. ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުނީ ނިމުނު ސީޒަންގައި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ލީގު ނިންމާނުލެވުމުންނެވެ. ޕްރިމިއަރ ލީގުގެ ހަވަނާގައި ލީގު ނިންމާލުމުން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި އެޓީމު މިއަންނަ ސީޒަންގައި ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ.
ސްޕޯޓިންގ ދޫކޮށް 2003 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު ފަހުން ރޮނާލްޑޯ އަންނަނީ ހުރިހާ ސީޒަނެއްގެ ޗެމްޕިއަންސް ލީގުގައި ވާދަކުރަމުންނެވެ. ޔުނައިޓެޑްގައި މަޑުކޮށްފިނަމަ މިއަންނަ ސީޒަންވާނީ ފާއިތުވި 19 ސީޒަންގައި ރޮނާލްޑޯ ޗެމްޕިއަންސް ލީގުން ނުފެންނާނެ ފުރަތަމަ ސީޒަނަށެވެ. ނަމަވެސް ރޮނާލްޑޯ ބޭނުންވަނީ އޭނާގެ ކެރިއަރުގެ ފަހު އަހަރުތަކުގައި ކްލަބް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރާށެވެ.
ކްލަބު ދޫކޮށްލަން ބޭނުންވާކަން ރޮނާލްޑޯ އަންގާފައިވީ ނަމަވެސް ޔުނައިޓެޑުން ބޭނުންވަނީ ރޮނާލްޑޯ ޓީމުގައި މަޑުކުރުވާށެވެ. އަދި އޭނާ ވިއްކާލުމުގެ ވިސްނުމެއްވެސް ޔުނައިޓެޑްގެ ނެތްކަމަށް ރިޕޯޓުތައް ބުނެއެވެ. ޔުވެންޓަސްގައި ހުރުމަށްފަހު ރޮނާލްޑޯ އެނބުރި ޔުނައިޓެޑާއި ގުޅުނީ މިދިޔަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހުއެވެ. ޔުނައިޓެޑާއެކު ރޮނާލްޑޯ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގުދައްމާލުމުގެ އިޚްތިޔާރު އެކްލަބަށް އެބައޮތެވެ.
މިއަންނަ ސީޒަންގައި ޔުނައިޓެޑަށް ކުޅެން ބޭނުން ނުވާއިރު، ބައެއް ކްލަބުތަކުން މިހާރުވެސް އަންނަނީ ރޮނާލްޑޯއަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި ހޯސޭ މޮރީނިއޯ ކޯޗުކޮށްދެމުން އަންނަ އޭއެސް ރޯމާ ހިމެނެއެވެ. ނަމަވެސް ޔުނައިޓެޑެކޭ އެއްގޮތަށް ރޯމާއަށްވެސް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ނެތުމުން އެޓީމަށް ވަނީ ރޮނާލްޑޯގެ ހުވަފެން ދޫކޮށްލާށެވެ.
ފްރާންސްގެ ޕީއެސްޖީންވެސް ރޮނާލްޑޯއަށް ކަޅިއަޅަމުންދާ ކަމަށް މީގެ ކުރިން އަޑުތައް ފެތުރުނެވެ. ނަމަވެސް އިތުބާރުހުރި ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ޕީއެސްޖީއަށް ދިއުމަކީ ދުރު ކަމެކެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ އެނބުރި ރެއާލް މެޑްރިޑާއި ގުޅުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ރޮނާލްޑޯގެ ކެރިއަރު ނިންމާލުމުގެ ކުރިން އޭނާގެ މަންމަގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަށް އެނބުރި ސްޕޯޓިންގ ލިޒްބަންއަށް ބަދަލުވުން ގާތްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯ ހޯދުމަށް އިނގިރޭސިވިލާތުގެ ޗެލްސީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗެލްސީގެ އައު ވެރިޔާ ޓޮޑް ބޯލީ ވަނީ ރޮނާލްޑޯގެ އެޖެންޓާއި ބައްދަލުކޮށްފައެވެ. އަދި ރޮނާލްޑޯ ބޭނުންނަމަ ޗެލްސީއަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބޯލީ ބުނެފައިވެއެވެ.