ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ޚާއްސަކޮށްގެން އިންޝުއަރެންސް ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފިއެވެ.
ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކުރި މި ޕްރޮޑަކްޓް ލޯންޗްކޮށްފައިވަނީ ސިޓީ ގާރޑަން ރެސްޓޯރެންޓްގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެކުންފުނިން ހާމަކުރި ގޮތުގައި މިއީ ކެފޭތަކާއި ރެސްޓޯރެންޓްތަށް އަދި ބޭރުގެ ފްރެންޗައިސް އައުޓްލެޓްސް ގިނަވަމުންދާ ދުވަސްވަރެއްގައި މިފަދަ ތަންތަނަށް ލިބިދާނެ އެކިއެކި ގެއްލުންތައް ފޫބެއްދުމަށްޓަކައި ތަޢާރަފްކުރި ސްކީމެއް ކަމަށެވެ.
ޤުދުރަތީ ކާރިސާތަކާއި، އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ތަނަށާއި ކައިރީގައިވާ އިމާރާތްތަކަށް ލިބިދާނެ ގެއްލުންތަކުގެ އިތުރުން ތަނުގެ މުއައްޒަފުންނާއި ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުމަށް މި ސްކީމުގެ ދަށުން ބަދަލު ހޯދައިދެވޭނެއެވެ.
އަދި ހަމަ އެގޮތަށް ވަށްކަމާއި ފައިސާގެ ގެއްލުމަކުން ވިޔަފާރީގެ ނަފާއަށް ކުރާ ގެއްލުންތަކަށްވެސް މި ސްކީމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިވެހި އިންޝުއަރެންސްއިން ވަނީ ބުނެފައެވެ.
މި ސްކީމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން ދިވެހި އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާހިދު ތައުފީޤު ވިދާޅުވީ، މިފަދަ އިންޝުއަރެންސް ސްކީމެއް ތަޢާރަފް ކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުވަހެއް ދުވަހަކަށް ކެފޭ ރެސްޓޯރަންޓުގެ މާކެޓް ފުޅާވެ، ވިޔަފާރިތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާއެކު، މިފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކުން މިބާވަތުގެ އިންޝުއަރެންސް ސްކީމަކަށް އެދެމުންދާތީ އެވެ. އެހެންކަމުން ކެފޭ ރެސްޓޯރެންޓް ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކަށް އެއް ސްކީމެއްގެ ދަށުން ބަދަލު ހޯދައިދެވޭނެއެވެ.
ދިވެހި އިންޝުއަރެންސްއަކީ ދިވެހި ރާއްޖޭގެ އިންޝުއަރެންސް ދާއިރާއައް ވަރަށް ފަހުން ތަޢާރަފުވި ކުންފުންޏެވެ. ކެފޭއާއި ރެސްޓޯރެންޓްތަކަށް ޚާއްސަކޮށްގެން މި ނެރެނު ޕްރޮޑަކްޓްގެ އިތުރުން، މިދިޔަ މާރޗް މަހުގައިވެސް ދިވެހި އިންޝުއަރެންސްއިން ވަނީ މާކެޓަށް ލައިބިލިޓީގެ އިތުރު ދެ ޕްރޮޑަކްޓެއް ނެރެފައެވެ.