ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚަށް ބަލާއިރު ވިޔަފާރީގައިވެސް ދިވެހިންނަކީ އުފެއްދުންތެރިބައެއްކަން އެނގެއެވެ. ތާރީޚީގޮތުން އެނގޭ ގޮތުގައި ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ މިނިވަން ރަޢިއްޔަތެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ބައެކެވެ. ރާއްޖޭގެ ތާރީޚްގައި ދިވެހިންގެ މިނިވަންކަން އެންމެ ބޮޑަށް ގެއްލުނީ ޕޯޗުގީޒުންގެ ބާރުގެ ދަށުގައި ރާއްޖެ އޮތް ދުވަސްވަރުއެވެ. އެއީ 18 މެއި 1558 އިން 1ޖުލައި 1573 އަށް ހިނގި މުއްދަތުގެ ވާހަކައެވެ. މި ދުވަސްވަރުވެސް ދިވެހިން އެމީހުންގެ އަމިއްލަ ވިޔަފާރި ކުރިއަށް ގެންދިއުމަށް ޙަރަކާތްތެރިވެފައިވެއެވެ.

މީލާދުގެ 16 ވަނަ ޤަރުނުން ފެށިގެން 19ވަނަ ޤަރުނުގެ ފަހު ބަޔާއި ހަމައަށް ނަޒަރު ހިންގާލާއިރު ދިވެހި ވިޔަފާރީގެ މުގޫ އޮތީ ސީދާ ދިވެހިންގެ އަތްމަތީގައިކަން އެނގެއެވެ. އޭރު ރާއްޖޭގެ ވިޔަފާރީގައި ހިމެނުނު މައިގަނޑު ބާވަތްތަކަކީ ހިކި ކަނޑުމަހާއި ބޮއްޔާއި ރޯނާއި ކުފުރާފަދަ ބާވަތްތަކެވެ. މި ތަކެތި ރާއްޖެއިން ބޭރަށް ގެންގޮސްގެން ރާއްޖެއަށް ބޭނުންވާ މައިގަނޑު ބާވަތްތައް އެތެރެކުރަމުން ދިޔައެވެ. މިދެންނެވި ބައިތަކުގެ އިތުރުން ދެކުނުގެ ބައެއް މީހުން ބޮނޑި އައުރުހާއި ފަލުދަ ފަދަ ބާވަތްތައްވެސް ވިޔަފާރީގައި ބޭނުންކުރިއެވެ. އޭރު ރާއްޖޭގެ މީހުން މައިގަނޑު ގޮތެއްގައި ވިޔަފާރިކަމު ގޮސް އުޅޭ ތަންތާންގެ ތެރޭގައި އޮޅުދޫ ކަރަ ޢާއި ބަންގާޅު ހިމެނެއެވެ. ވިޔަފާރިކަމު އަސޭކަރައަށް ދާމީހުންވެސް މަދުމަދުން ނަމަވެސް ތިބެއެވެ. ކޮއްޗޭއާއި މަލާބާރަށް ދާމީހުންވެސް ތިބޭމެއެވެ.

ދިވެހިން އުފާފާގަތި ކަމުގައި ވިޔަފާރިކޮށްކޮށް ތިއްބާ 1857 ވަނަ އަހަރު ވޯރާ ވިޔަފާރި ވެރިންނަށް ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ރާއްޖޭގެ އޭރުގެ ސަރުކާރުން ދެއްވިއެވެ.

އޭރު ރާއްޖޭގެ އެންމެ މަތީ ވެރިއަކީ އައްސުލްތާނު މުޙައްމަދު އިމާދުއްދީން (ހަތަރެއް) މުސްކުޅި ބަންޑާރައިން (ރަސްކަންކުރެއްވީ 22 ޖެއުއަރީ 1835 އިން 12 ޖެނުއަރީ 1882 އަށް) އެވެ. އޭރުގެ ބޮޑުވަޒީރަކީ ކަކާކޭ އަލްއަމީރު އަލީ ރަންނަބަނޑޭރި ކިލެގެފާނެއެވެ. ވޯރާއިންނަށް ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދެއްވުމުގައި އެންމެ މުހިއްމު ބައެއް އަދާކުރެއްވިކަމަށްވަނީ ކަކާގޭ އަލީ ރަންނަބަނޑޭރިކިލެގެފާނުއެވެ.

ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރުމަކީ ރާއްޖޭގައި އޭރުތިބި ވިޔަފާރިވެރިންނަށާ ބޮޑެތީން ނަށް ފެންނަކަމަކަށް ނުވިނަމަވެސް ރަދުން ވަރަށްބޮޑަށް ބޭނުންފުޅުވި ކަމެކެވެ. އެއީ ރާއްޖެއަށް އެތެރެކުރާ މުދަލުން ބަންޑާރައިންގެ ނަން ފުޅުގައި ޑިއުޓީއަށް ނެގި ވޯރާއިންގެ ބަންގަލާތައް ރާއްޖެއަށް އަންނަ އައުމަށް ބަންޑާރައިންގެ ނަންފުޅުގައި ކުއްޔެއް ނެގޭތީއެވެ. މިގޮތުން ލިބޭ އެއްޗަކީ ސަރުކާރުގެ މާލިއްޔަތަށް އިތުރުވާ އެއްޗެއްކަމުން ބަންޑާރައިންގެ ރުއްސެވުން އޮތީއެވެ.

ވޯރާވިޔަފާރިވެރިނަނަށް ރާއްޖޭގައި ލިބުނު ހުއްދައިގެ ދަށުން އެމީހުން ފުރަތަމަ ވިޔަފާރި ފަށައިގަތީ އެމީހުންގެ ބަންގަލާތަކުގައި ރާއްޖެއައިސް ވިޔަފާރިކުރާގޮތަށެވެ. ނަމަވެސް މިގޮތަށް ވިޔަފާރިކުރުމުން ލިބޭ ނަފާކުޑަވެ ޚަރަދުބޮޑުވާތީ އެމީހުން ގަސްދުކުރީ މާލޭގައި ދާއިމީގޮތެއްގައި ތިބެގެން ވިޔަފާރިކުރުމަށެވެ. މިގޮތަށް ތިބެންފެށީ 1860 ގެ އަހަރުތަކުގެތެރޭގައެވެ. ރާއްޖޭގައި ވޯރާ ވިޔަފާރިވެރިންގެ ވިޔަފާރި ފުޅާވާން ފެށުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅުހެއްދެވި ބޭފުޅަކީ ރާއްޖޭގައި އޭރު ހުންނެވި އެންމެ ބޮޑު ވިޔަފާރިވެރިޔާކަމުގައިވި، ގަލޮޅުގޭ ޢަލީ ދޮށިމޭނާކިލެގެފާނެވެ. މިކަމާ ދެކޮޅަށް ޢަލީ ކިލެގެފާނު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ނުވުމުން އެ ކިލެގެފާނު ރާއްޖެ ދޫކުރައްވައި އޮޅުދޫކަރައިގެ ގާއްޔަށް ހިޖުރަކުރެއްވީއެވެ.

ވޯރާވިޔަފާރިވެރިނަނަކީ މައިގަނޑުގޮތެއްގައި އިންޑިޔާގެ އަހުލުވެރިންނަށް ވެފައި އޭރު އިންޑިޔާއަކީ އިނގިރޭސީންގެ ކޮލޮނީއަކަށް ވުމާއިއެކު ވޯރާއިންގެ އެކިއެކި ޝަކުވާތަކާ އިނގިރޭސީންގެ ސުވާލުކުރުންތައް ދޭތެރެ ދޭތެރެއިން ދިޔައީ ކުރިމަތިވަމުންނެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔައެވެ. 1887 ޑިސެމްބަރ 16 ގައި ލިޔެވުނު "މުޢާހަދާ" ނުވަތަ ސިޓީގެ ސަބަބުން ނެވެ. ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރަމުން ދިޔަ ދުވަސްވަރު ދިވެހި ވިޔަފާރީގެ މައިނގަނޑު ޙަރަކާތްތެރިންނަކީ ވޯރާއިންނެވެ. ދިވެހިންގެ އެއްވެސް ބާރެއްނެތެވެ. މިގޮތަށް އައިސް ވިހިވަނަ ޤަރުނުގެތެރޭގައި، 1932 ޑިސެމްބަރ 22 ގައި، ރާއްޖޭގައި ޤާނޫނު އަސާސީއެއް ލިޔެވި ޤާނޫނުގެ ދަށުން ވެރިކަން ހިންގަވަން ފެއްޓެވުމުމާއެކު އުފެދުނު މަހުކަމާ ތަކުގެތެރޭގައި ވުޒާރަތުއް ތިޖާރާ ހިމެނެއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ވަޒީރުއްތިޖާރާއަކީ މުޙައްމަދު އަމީން އެވެ. އެމަނިކުފާނު 22 ޑިސެމްބަރ 1932 އިން ފެށިގެން މެދުކެނޑުމެއްނެތި 22 އޭޕްރީލް 1951 އާއި ހަމައަށް ވަޒީރުއްތިޖާރާކަން ކުރެއްވިއެވެ.

ރާއްޖޭގައި ވޯރާއިންގެ ވިޔަފާރި ހިނގިއިރު އެކި ސިފަސިފައިގައި ދިވެހީންނަށް ދުއްތުރާތައް ފޯރަމުންދިޔައެވެ. މިގޮތުން ދިވެހި ހިކިމަސް ނުގަތުމަށް އެމީހުންގެ ފަރާތުން ކުރެވުނު ކަންތައްތަކެއްގެ ނަތީޖާއަކީ ދިވެހީންގެ ހިކިމަސް ގަތުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ ބޮޑު އިސްޓޯރު ހުޅުވުމެވެ. މިތަން ހުޅުވުނީ 10 ޑިސެމްބަރ 1948ގައެވެ. އަދި ރައްޔިތުންނާއި ސަރުކާރު ގުޅިގެން ވިޔަފާރިކުރާ ކުންފުނިތަކެއްވެސް އުފެދުނެވެ. ފުރަތަމަ ޤައުމީކުންފުންޏެވެ. ދެން މައިޓް ކުންފުންޏާއި ސިނަމާ ކުންފުންޏާއި އޯކިޑް ކުންފުންޏެވެ. އިތުރަށް އަމިއްލަ މީހުންގެ ވިޔަފާރިވެސް މަޑުމަޑުން ހިނގާމެއެވެ. ރާއްޖޭގެ ވިޔަފާރީގެ ބޮޑުބައި ވޯރާއިންގެ އަތުގައި އޮވެ މަޑުމަޑުން ދިވެހީންގެ ބާރުވެސް ވިޔަފާރީގެ މަސްރަހުން ފާއްދާލައިގެން އައިސް 1960 ގެ އަހަރުތައް ފެށުނުއިރު ދިވެހި މަސްރަހުގައި ވަނީ ވަރަށް ވަރުގަދަ ހިތްވަރާއި އަޒުމެއްގެ ކުލަ ހިފާފައެވެ. އެއީ ދިވެހީން އިނގިރޭސީންގެ ހިމާޔަތުން ނުކުމެ މިނިވަން ގައުމެއްގެ ގޮތުގައި ނޭވާލުމަށް ފަށާފައިވާ ހިތްވަރުގަދަ މަސައްކަތުގެ ފާޅުކަންބޮޑު ކުލައެވެ. މިގޮތުން އެޅިގެންދިޔަ އެންމެ މުހިއްމު އަދި ބޭނުންތެރި އެއްފިޔަވަޅަކީ 1857 ވަނަ އަހަރުންފެށިން ރާއްޖޭގައި ވިޔަފާރިކުރަމުން އައި ވޯރާ ވިޔަފާރިވެރިންގެ ވިޔަފާރި ސަރުކާރުން ހުއްޓުވި ހުއްޓުވުމެވެ. މިކަން ހަމަޖެއްސީ 1 އޯގަސްޓް 1962 ގައެވެ. ގާތްގަނޑަކަށް 105 އަހަރުވީފަހުންނެވެ.

ރާއްޖޭގައި ވޯރާ ޖަމާޢަތުގެ މީހުން ކުރަމުން އައި ވިޔަފާރި ހުއްޓުމާއެކު ދިވެހި ވިޔަފާރީގައި މުޅިން އާ ބާބެއް ފެށުމުގެ މަގު ތަނަވަސްވެގެންދިޔައެވެ. އޭރު ފުރަތަމައަށް ޙަރަކާތްތެރިވަމުންދިޔައީ ކުރީއްސުރެ އުފެދިފައިވާ ކުންފުނިތަކެވެ. އެކަމަކު ދުވަސްކޮޅެއްފަހުން އަތިރީ މާފަންނުގޭ ޓްރޭޑިންގް އެކައުންޓް (ނުވަތަ އޭ.ޓީ.އޭ) ގެ ނަމުގައި ވަކި ވިޔަފާރިއެއް ފެށި ދިވެހި ސަރުކާރުގެ ބޮޑު އިސްޓޯރު ނުވަތަ އެމް.ޖީ.ބީ.އެސްގެ ނަމްބަރުތަކެއްގެގޮތުގައި މާލޭގައި ގިނަ ޢަދަދެއްގެ ފިހާރަތައް ހުޅުވިގެން ދިޔައެވެ. މި ވިޔަފާރި ފެށުނީ 18 މެއި 1964 ގައެވެ. މި ފެށުނު ވިޔަފާރިއަކީ މިހާރުވެސް ވިޔަފާރީގައި ޙަރަކާތްތެރިވަމުންދާ އެސް.ޓީ.އޯ.ޕލކ ގެ ފެށުމެވެ. އޭ.ޓީ.އޭ. / އެމް.ޖީ.ބީ.އެސްގެ ވިޔަފާރި ފުޅާވަމުން ދިއުމާއެކު އަމިއްލަ ވިޔަފާރިވެސް އައީ ބާރަށް ފުޅާވަމުންނެވެ. މިގޮތަށް އައިސް ޗާންދަނީމަގުގެ އުތުރުކޮޅުގައި"ސިންގަޕޫރު ބާޒާރު" ގެ ނަމުގައި ވިޔަފާރިކުރަން ފެށުނީ 1976 އެހާ ހިސާބުގައެވެ. އެއީ އައްޑޫއަތޮޅު ގަމުން އިނގިރޭސީން ފޭބުމާއެކު އޮހިގަތް ޕައުންޑާއި ޓޫރިޒަމްގެ ވަސީލަތުން ވަންނަ ޑޮލަރުގެ ބޭނުން ހިފައިގެންއަމިއްލަ މީސްމީހުން ސިންގަޕޫރަށް ގޮސް މުދާ ގެންނަން ފެށި ހިސާބުންނެވެ. މިގޮތަށް މުދާގެންނަން ފެށުމާއެކު ބާޒާރުން އައު ބާވަތްތައް ލިބެން ފެށުމުގެ އިތުރުން ބާޒާރުގެ ފިހާރަތަކަށްވެސް ބަދަލު އަންނަންފެށިއެވެ.

މީލާދީން 1976 ވަނަ އަހަރަކީ ހަމައެކަނި އެކްސްޕޯޓް، އިންޕޯޓް ވިޔަފާރީގައި ފާހަގަކުރެވޭ އަހަރަކަށްވުމުގެ އިތުރަށް އެ އަހަރަކީ ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓްގެ މަސައްކަތް ފެއްޓޭތޯ ސަރުކާރުން ކޮންމެވެސް ސިފައެއްގައި މަސައްކަތްފެއްޓެވި އަހަރެއްގެ ގޮތުގައި ފާހަގަކޮއްލެވެއެވެ. މިގޮތުން ފޮރިންއިންވެސްޓްމަންޓް ޑިވިޜަންގެ ނަމުގައިވަކި ބައެއް އުފައްދަވައިގެން މަސައްކަތްތަކެއް ކުރެއްވިއެވެ.

0%
25%
0%
0%
0%
75%