އެވަޓަންއަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ރިޗާލިސަންގެ ސޮއި ޓޮޓެންހަމްއިން ހޯދައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމްއިން ވަނީ ރިޗާލިސަންގެ ސޮއި ހޯދާ، އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ރިޗާލިސަން ޓޮޓެންހަމްއަށް ބަދަލުވާން ނިންމިއިރު، އެވަޓަންއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން މިހާރު އޭނާ ހޯދުމަށް ޓޮޓެންހަމްއިން އެވަޓަންއަށް 50 މިލިއަން ޕައުންޑް ދައްކަން ޖެހޭނެއެވެ. އަދި އެޑްއޮންސްގެ ގޮތުގައި 10 މިލިއަން ޕައުންޑް ހަމަޖައްސާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޓޮޓެންހަމްއަށް ބަދަލުވާން ރިޗާލިސަން ނިންމީ ބުދަ ދުވަހު އޭނާގެ އެޖެންޓާއެކު ޓޮޓެންހަމްއިން ބޭއްވި ފައިނަލް މީޓިންގ އަށްފަހުއެވެ.
އުމުރުން 25 އަހަރުގެ ރިޗާލިސަން ވަޓްފޯޑަށް ކުޅުމަށްފަހު 2018 ވަނަ އަހަރު އެވަޓަންއަށް ބަދަލުވީ 50 މިލިިއަން ޕައުންޑަށެވެ. އޭގެ ފަހުން އޭނާ ވަނީ އެވަޓަންއަށް ކުޅެދިން 152 މެޗުން 53 ލަނޑު ކާމިޔާބުކޮށްފައެވެ. ކިރިޔާ ރެލިގޭޝަނުން ސަލާމަތްވި އެވަޓަންއަށް މިދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިދިނީވެސް ރިޗާލިސަންއެވެ.