އާދަމް މުހައްމަދު ނަމަކަށް ކިޔާ އިރާޤްގެ ރައްޔިތަކު ފައިމަގުގައި ހިނގާފަ ހައްޖަށް ހިނގައްޖެ އެވެ. އޭނާގެ މިދަތުރަށް 11 މަސްދުވަހުގެ މުއްދަތެއް ނެގިއިރު އެގާރަ ގައުމު ހުރަސްކޮށް އޭނާ ހިނގާފައިވާކަމަށް ވެއެވެ.
މައްކާއަށް ފޯރުމަށް ފަހު އުމްރާއެއްކޮށް ކައުބަތުﷲ ގެފުޅު ގެ އަރިހުގައި ގިނަވަގުތު ހޭދަ ކުރަމުން އޭނާ ކިޔާދީފައިވާ ގޮތުގައި ގިނަބަޔަކު މިއީ ނުވާނެ ކަމެއް ކަމަށް ބުނަމުން އައި ކަންތައް އޭނާއަށް ހާސިލް ކުރެވުމުން އޭނާހުރީ ވަރަށް އުފަލުންނެވެ.
އިނގިރޭސި ވިލާތުގައި 25ހަކަށް އަހަރު ދިރިއުޅެފައިވާ އާދަމް މުހައްމަދު ބުނި ގޮތުގައި ހައްޖު ވުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެކެވެ. ކުރި އުންމީދެކެވެ. އެކަމަށް އެދިގެން މަސައްކަތް ކުރަމުން ދަނިކޮން އޭނާ މިކަން ކުރުމަށް ޚާއްސަ ބާރެއް ލިބޭފަދަ ހުވަފެނެއް އޭނާއަށް ދެއްކެވީ އެވެ. އޭނާ ބުނި ގޮތުގައި ކޮވިޑް 19 އާއި ގުޅިގެން ދަތުރު ފަތުރު ކުރުން ބަންދުވި ހަމައިން އޭނާ ހައްޖުގެ އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން ކީރިތި ގުރުއާން ކިޔަވާ އޭގެ މާނަދަސްކުރަން ފެށިއެވެ. މިކަމުގައި ދޮޅު އަހަރެއްހާދުވަސް ހޭދަވިތަނާ އޭނާއަށް އިލްހާމެއްފަދަ ހުވަފެނެއް ދެއްކެވީކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ހިނގާފަވިޔަސް ދަތުރު ފެށުމަށް ބާރަކަށް ވީ އެހުވަފެން ކަމަށް އޭނާ ބުނެފައި ވެއެވެ.
އުމުރުން 52 ދެއަހަރުގެ އާދަމް މުހައްމަދު ފައިމަގުގައި ދަތުރު ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ. އޭނާގެ ފޮށިތަންމަތި އުފުލުމަށް ތިންފުރޮޅުލީ ޓްރޮލީއެއް ގެންގުޅެފައި ވެއެވެ. އޭނާ ބުނި ގޮތުގައި އެއްވެސް މީހެއްގެ ފަރާތުން އެހީ އަކަށް އޭނާ އެދިފައެއްނުވާނެއެވެ. ނަމަވެސް ގިނަބަޔަކު އެހީވެފައިވާކަމަށް އޭނާ ބުނެފައި ވެއެވެ. މިއީ އެއްވެސް ކަހަލަ ރިކޯޑެއް ހެދުމަށްކުރި ކަމެއް ނޫން ކަމަށާ ހަމައެކަނި ކަނލާގެ ރަސްކަންފުޅަށްޓައި، އެފަރާތުން ދަރުމަ އެދިގެން ކުރިކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ދަތުރުގެ އެކި ހިސާބުން، ޚާއްސަކޮށް ސައޫދީ އަށް ފޯރުމަށް ފަހު އެގައުމުގެ ރައްޔިތުންނާއި އެހެންވެސް ހައްޖުވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމަށް އޭނާ ޝުކުރު އަދާކޮށްފައިވެއެވެ.