ފަހު މިނެޓްގައި ކާޓަލް ޖެހި ލަނޑުން ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ބަލިކޮށް, ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރު ލީޑްގައި އޮވެ ނިންމާލައިފިއެވެ.
ލީޑް ހަނިވިޔަ ނުދީ މާޒިޔާއަށް ސަލާމަތްވެވުނީ ކިރިޔާއެވެ. މެޗުގެ ފަހު މިނެޓާ ހަމައަށް ދިޔައިރު ދެޓީމް އޮތީ 2-2 ން އެއްވަރުވެފައެވެ. އެއީ ފުރަތަމަ ހާފްގައި މާޒިޔާއިން ފުރަތަމަ ދެ ލަނޑު ޖަހާ ލީޑް ނަގާފައިވަނިކޮށެވެ. ސަސްއިން ނަތީޖާ ހަމަހަމަ ކުރުމުންނެވެ. މާޒިޔާއިން ފުރަތަމަ 22 މިނެޓްގައި ދެ ލަނޑުގެ ލީޑެ ނެގީ ނާއިޒު ހަސަން (ދާދު) އާއި, ޓަނާ ޖެހި ގޯލުންނެވެ. ހިލޭ ޖެހުމަކުން ޓަނާ ލީޑް ފުޅާކޮށްދީފައިވަނިކޮށް, ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ފަރަޤު ކުޑަވީ ކާޓަލް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ސަސްއިން ނަތީޖާ ހަމަހަމަކުރީ އޭގެ މިނިޓެއް ފަހުން އަލީ ނަސޫހު ރަޝީދެވެ.
ފުރަތަމަ ހާފް ނިމުނީ ދެޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފަހު މިނެޓްގެ ކުޅުން ފެށުނީވެސް އެނަތީޖާގައެވެ. 90 ވަނަ މިނެޓްގައި މާޒިޔާ މޮޅުކޮށްދިނީ ބައިކޮޅަށް ގޯލް ޖެހުނު ކާޓަލްއެވެ. މިމޮޅާއެކު މާޒިޔާ ވަނީ ދެވަނަ ބުރު ނިމުނުއިރު 14 މެޗުން 39 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އީގަލްސް އޮތީ 13 މެޗުން 31 ޕޮއިންޓާއެކުއެވެ. ސަސްއަށް ލިބިފައިވަނީ 14 މެޗުން 14 ޕޮއިންޓެވެ.