މިސްރު ފޯވާޑަށް އާދެވެން ނެތްކަމަށް އެންގުމުން ބެލަރޫސްގެ ފޯވާޑެއް ގެންނަން ނިއުރޭޑިއަންޓުން ނިންމައިފިއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ނިއުރޭޑިއަންޓުން ވަނީ ބެލަރޫސްގެ ފޯވާޑްގެ ވިސާގެ ކަންކަން ހަމަޖެެއްސުމަށް ހުށަހަޅާފައެވެ. ވިސާ ހަމަޖެހުމުން ދެދުވަހެއްގެ ތެރޭގައި އޭނާ މާލެ އަންނާނެކަމަށް މައުލޫމާތުލިބެއެވެ. މިސްރު ފޯވާޑަށް އާދެވެން ނެތްކަން ފަހުވަގުތު އެންގުމުން ސްރީލަންކާގެ ފޯވާޑެއް ގެންނަންވެސް ނިއުރޭޑިއަންޓުން މަސައްކަތްކުރިއެވެ.
ނިއުރޭޑިއަންޓަށް ގެންނަ ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިން މިހާރުވަނީ މާލެ އައިސްފައެވެ. ހޮނިހިރު ދުވަހު މާލެ އައީ ގާނާގެ އެޓޭކިންގ މިޑްފީލްޑަރަކާއި, ޑިފެންޑަރެއްގެ އިތުރުން އުޒުބެކިސްތާންގެ ޑިފެންސިވް މިޑްފީލްޑަރެކެވެ. ތިން ކުޅުންތެރިންވެސް އާދިއްތަ ދުވަހުގެރޭ އޮންނަ ޓީމްގެ ޕްރެކްޓިސްގައި ބައިވެރިވާނެއެވެ.
މުސާރައިގެ މައްސަލަތަކާ ގުޅިގެން ފީފާއިން ނިއުރޭޑިއަންޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި, ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ. އެފްއޭއެމްއިންވެސް އަންނަ އަންގާރަ ދުވަހު ނިއުގެ ސަސްޕެންޝަން އުވާލާނެކަމަށް މައުލޫމާތުލިބެއެވެ. ދިވެހި ކުޅުންތެރިންނަށް ފައިސާ ދޭނެގޮތުގެ އެއްބަސްވުންތަކެއް ކުޅުންތެރިންނާއެކު ހަދާފައިވާތީ, އެފްއޭއިން ފިޔަވަޅުތައް އުވާލާނީ އަންގާރަ ދުވަހު އޮންނަ އެކްސްކޯ ބައްދަލުވުމުގައެވެ. ކޮންގްރެސްއިން ވަނީ އެބާރު އެކްސްކޯއަށް ދީފައެވެ.