އައްޑޫ ސިޓީ
|
26 ޖޫން 2022 | އާދީއްތަ 07:41
މަރަދޫގައި ކުރިއަށް ދިޔަ އީދު ފާހަގަކުރުމުގެ ހަރަކާތެއް
މަރަދޫގައި ކުރިއަށް ދިޔަ އީދު ފާހަގަކުރުމުގެ ހަރަކާތެއް
ފޭސްބުކް
އައްޑޫ އީދި ސަމާ 1443
އައްޑޫގައި މިއަހަރުގެ ބޮޑު އީދު ހީވެސްނުކުރާހާ ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވެފައި
އައްޑޫސިޓީގެ ހުރިހާ އަވަށްތަކެއްގައި އީދު ކުޅިވަރުތަކުގެ ތަމްރީންތަކާއި ތައްޔާރީތައް ފަށާފައިވޭ
އީދު ބަންދާއި ދިމާކޮށް އައްޑޫ ދަތުރުގެ އަގު ހެޔޮކުރުމާއި ޖާގަ އިތުރުކުރުމުގެ މަޝްވަރާތައް ކުރިއަށްދޭ

ޒަމާންތަކެއްގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ ބޮޑު އީދު ވީހާވެސް ކުލަގަދަކޮށް ބޭއްވުމުގެ ތައްޔާރީތައް އައްޑޫގައި ފަށައިފިއެވެ. އައްޑޫސިޓީ ކައުންސިލުގެ އިސްނެންގެވުމާއެކު ސިޓީގެ އެކި އަވަށްތަކުގައި އީދު ޙަރަކާތްތައް ބާއްވަނީ އައްޑޫގެ ޖަމްޢިއްޔާތަކާއި މުވައްސަސާތައް އަދި ޑަބްލިއުޑީސީއާއި ރައްޔިތުން ގުޅިގެންނެވެ.

ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ މޭޔަރު ޢަލީ ނިޒާރު ވަނީ އީދު ފާހަގަކުރުމަށް ހިންގާ އައްޑޫ އީދި ސަމާގެ ހަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ. ފޭސްބުކު ލައިވް މެދުވެރިކޮށް ވާހަކަދައްކަވަމުން މޭޔަރ ވަނީ ޢީދު ޙަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ގޮވާލައްވާފައެވެ.

މިއީ އިޖްތިމާޢީ ގުޅުން ވަރުގަދަ ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް. އަދި ހަމައެހެންމެ މިފަދަ އީދު ހަރަކާތްތަކާއެކު މުޅި ސިޓީގެ މަލަމަތިވެސް ރީތިވެ ސާފުވެގެންދާނެ. މުޖުތަމަޢުގައި އޮތް އެކުވެރިކަން ބަދަހިވުންފަދަ ގިނަގުނަ ފައިދާތަކެއް ޙާސިލުވާނެތީ މިކަމުގައި ވީހާގިނަ ބަޔަކު ބައިވެރިވުމަކީ މި ކަން ކާމިޔާބުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް
އައްޑޫ ސިޓީ މޭޔަރު ޢަލީ ނިޒާރު

މޭޔަރު ވިދާޅުވީ ރަށަށް ޒިޔާރަތްކުރާ މެހްމާނުންނަށް ބޭނުންވާ ވަރަށް ގެސްޓްހައުސްތަކުގެ ޖާގަ އެބަހުރި ކަމަށާއި މިހާރު އޮތް ފްލައިޓް ޓިކެޓްގެ ދަތިކަމަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ.

އަޅުގަނޑުމެން މިދަނީ ގަމަށް ޖައްސާ ޑޮމެސްޓިކް އެއަރލައިންތަކާއެކު މަޝްވަރާކުރަމުން. ވަރަށް ބޮޑު އުއްމީދެއް އެބައޮތް އީދަށް ޓިކެޓް ލިބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް. އަދި އަގަށް ވެސް ލުއިތަކެއް ހޯދުމަށް މަޝްވަރާ ކުރެވެމުންދަނީ
އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު

ހިތަދޫގައި އީދު ކުޅިވަރުތައް ބާއްވަނީ ހިތަދޫ އޮފީހާއި ގުޅިގެން ބޮޑެތި ޙަރަކާތްތަކަށް ވަކިވަކި ޖަމްޢިއްޔާތަކާއި މުވައްސަސާތައް އިސްކޮށްގެންނެވެ. އެގޮތުން އީދު ވިލޭރޭ ސިޓީ ސްކޮޔަރ ސަރަޙައްދުގައި އޮންނަ އީދު މަޅިލުން ހަވާލުވެފައިވަނީ ނޭޗަރ ޕާކުން އިންތިޒާމް ކުރާގޮތަށެވެ. އެދުވަހުގެ އީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމާއި އުޟްޙިއްޔާ ކަތިލުން ކުރިއަށް ގެންދަނީ ނޫރުލް އިސްލާމުންނެވެ. ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ސްކުއަރ ގައެވެ. އުޟްޙިއްޔާ ކަތިލަނީ ސިޓީ ބާޒާރު ހުރި ސަރަޙައްދުގައެވެ.

ޢީދު ދުވަހު ހަވީރު އޮތީ ފެން މަޖާގެ ނަމުގައި ކުރިއަށްދާ ހަރަކާތެކެވެ. އެދުވަހު ހަވީރު ބަނދަރު ސަހަޙައްދުގައި އޮންނަ މި ޙަރަކާތް އިސްވެ ހިންގަނީ އައްޑޫ ފްރެންޑްސްއިންނެވެ. ޢީދު 3 ވަނަ ދުވަހުގެ ރޭ(ޖުލައި 11) ގައި ޝާޢިރުންގެ ވާދީން "ސަގާފީ މަހުރަޖާން" ގެ ނަމުގައި ކުރިއަށްގެންދާ ތަމްސީލު ޝޯއެއް އޮންނާނެއެވެ. ސިޓީ ސްކޮޔަރގައި އޮންނަ އެ ޝޯވއަކީ އައްޑޫގެ ތާރީޚާއި އާދަކާދައިގެ ތެރެއިން އީދު ފާހަގަ ކުރެވެމުން އައި ގޮތާއި އީދުގެ ތެރޭ ކުރެވޭ އިސްލާން ކުރުމާއި ލިބާސްލެއްވުންފަދަ އެތައްކަމެއް ހިމެނޭ ގޮތަށް މިހާތަނަށް އައްޑޫގައި ބޭއްވޭ އެފަދަ އެންމެ ބޮޑު ސަގާފީ ޝޯވ އެވެ.

ޖުލައި 12 ވަނަ ދުވަހު އައްޑޫ ފްރެންޑްސް އިން އިންތިޒާމް ކުރާ ހައްބޯރާހި ޕެރޭޑެއް އޮންނާނެއެވެ. މި ޕެރޭޑްގައި އައްޑޫގެ އެކި އުމުރުފުރާތަކުގެ ކުދިންނާއި މީހުން ގިނަ އަދަދަކަށް ބައިވެރިވެ ސަގާފީ ހުށަހެޅުންތައް ހިތަދޫގެ ބޮޑެތި މަގުތަކުގައި ދެއްކުން އޮންނާނެއެވެ.

ޖުލައި 13 ވަނަ ދުވަހުގެ ހަވީރު އައްޑޫ ސިޓީ ސްކޮޔަރގައި އޮންނަ އާއިލީ ހަވީރަކީ އައްޑޫގެ ގިނަ މުވައްސަސާތަކަކުން ބައިވެރިވާ ވަރަށް ޚާއްސަ ހަވީރެކެވެ. ކުޑަކުދިން ގަޔާވާ އެތައް ކެރެކްޓާއެއް ފެނިގެންދާ އެ އާއިލީ ހަވީރުގައި މަޝްހޫރު ރޮބަރމޭންގެ ހުނަރުތައް ފެނިގެންދާނެއެވެ. ގޭމް ސްޓޯލްތަކާއި އެކު ބޮޑެތި އިނާމް އެއާއިލީ ހަވީރުގެ ތެރެއިން ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. ޖުލައި 14 ވަނަ ދުވަހުގެ ރޭ ވެސް ސިޓީ ސްކޮޔަރގައި ހަރަކާތްތަކެއް އޮންނާނެއެވެ. އެރޭ އޮންނާނީ އައްޑޫ ފްރެންޑްސްގެ ސަގާފީ ބޮޑުމަސް ބޭނުމުގެ ހަރަކާތެކެވެ. ޖުލައި 15 ވަނަ ދުވަހުގެ ރެއަކީ އީދުގެ އެންމެ ފަހު ހަރަކާތް އޮންނަ ރެއެވެ. އެރޭ ހިތަދޫ ޔޫތު ސެންޓަރުގެ ދެކުނުން އޮންނަ ހުސްބިމުގެ ސްޓޭޖްގައި ކުރިއަށްދާނީ މަޝްހޫރު އެތައް ފަންނާނުންނާއި މިއުޒިކް ބޭންޑްތަކާއެކު ބާއްވާ ޝޯވ އެކެވެ. އެ ޝޯވގައި މޯލްޑިވިއަން އައިޑަލް ޝަލަބީގެ އިތުރުން ރާފިޔަތު ރަމީޒާ ބައިވެރިވާނެއެވެ. އެރޭގެ ޝޯވގެ ތެރެއިން ހަވާ އެރުވުން ކުރިއަށް ދާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.  

އައްޑޫގައި އީދުތެރޭ އޮންނަ ބޮޑެތި ހަރަކާތްތަކުގެ އިތުރަށް ގިނަ މުބާރާތްތަކެއްވެސް އީދު ދުވަހުން ފެށިގެން ކުޅެމުންދާނެއެވެ. އޭގެ ތެރޭގައި ހިތަދޫގައި އޮންނަ ބައިބަލާ މުބާރާތާއި މަރަދޫގައި ބާއްވާ ވާދެމުމާއި، މަރަދޫފޭދޫގައި ކުޅޭ މިކްސް ވޮލީ ބޯޅަ މުބާރާތާއި ފޭދޫ ބައިކް ރޭހުގެ އިތުރުން ހުޅުދޫގައި ބާއްވާ ޓެކް ބޯޅަ މުބާރާތާއި މީދޫގައި އޮންނަ ޕާކް ވޮލީ މުބާރާތް ފާހަގަކޮށްލެވެއެވެ.

އައްޑޫ އީދި ސަމާ ކުޅިވަރު ހަރަކާތުގައި ހިތަދޫއެކޭ އެއްގޮތަށް އެހެން ހުރިހާ އަވަށްތަކުގައި ވެސް އުޝްޙިއްޔާ ކަތިލުން އޮންނާނެއެވެ. އޭގެ އިތުރުން ފޭދޫއާއި ހުޅުމީދޫގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރެވޭނެއެވެ. އީދު ސައިވެސް ހިތަދޫއެކޭ އެއްފަދައިން ފޭދޫއާއި ހުޅުމީދޫގައި އޮންނާނެއެވެ.

އައްޑޫ އީދި ސަމާ 1443 ގެ ކޮންމެ ހަރަކާތެއްގައި ވެސް އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކުގެ ރައްޔިތުން ބައިވެރިވުމަކީ އައްޑޫ ސިޓީ ކައުންސިލްގެ އެދުމެކެވެ. ހަރަކާތްތައް އޮންނަ ވަގުތުތަކުގައި ދަތުރު ހަމަޖެހޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫގައި ބާއްވާ އީދި ސަމާގެ އިތުރުން އަވަށްތަކުގައި ދަނީ އެހެނިހެން ބޮޑެތި ޙަރަކާތްތައް ވެސް ރާވާ ހިންގަމުންނެވެ. އެގޮތުން ހުޅުމީދޫގައި މުޅި އައްޑޫ ސިޓީ ތަމްސީލު ކުރާގޮތަށް ކުރިއަށްދާ އީދު ފެސްޓިވަލާއި މަރަދޫގައި އޮންނަ ސްޓްރީޓް ސޮކަރ އާއި މަސްރޭހާއި ވާދެމުން ފަދަ މުބާރާތްތައް ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް