ފާއިތުވި މޭ މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން ކޮންމެ މަހަކު އާންމުކުރާ ތަފާސް ހިސާބުގައިވާ ގޮތުން މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށާއި އެއީ %49.0 ނުވަތަ 598.2 މިލިއަން ރުފިޔާ ކަމަށެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސް ގޮތުގައި ލިބުނު ފައިސާއެވެ. އެއީ 317.1 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން ބީ.ޕީ.ޓީ ގެ ގޮތުގައި 72.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސް ގެ ގޮތުގައި 63.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއަރޕޯޓް ސަރވިސް ޗާރޖްގެ ގޮތުގައި 49.1 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު މިއީ 5.9 އިންސައްތަ އިތުރު އަދަދެއް ކަމަށާއި މީގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ އިތުރުވުމުން ކަމަށް މީރާއިން ހާމަކޮށްފައި ވެއެވެ.
މޭ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ އޭ ޕްރީލް މަހު، ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.