ކ. މާލެ
|
22 ޖޫން 2022 | ބުދަ 23:46
މެޗުގައި ތަފާތު ދެއްކި ކޯނޭއާއި ފޭދޫ އިއްބެ އުފާފާޅުކުރަނީ: ފޮޓޯ-މާޒިޔާ
މެޗުގައި ތަފާތު ދެއްކި ކޯނޭއާއި ފޭދޫ އިއްބެ އުފާފާޅުކުރަނީ: ފޮޓޯ-މާޒިޔާ
ދިވެހި ޕްރިމިއަރ ލީގު
ކޯނޭއާއި ފޭދޫ އިއްބެ ބެންޗުން އަރާ ދެއްކި ތަފާތުން، މާޒިޔާއަށް ހިތްހަމަޖެހުން!
މާޒިޔާ އެއްވަނާގައި އޮތީ ފަސް ޕޮއިންޓްގެ ލީޑެއްގައި

ދިވެހި ޕްރިމިއަރ ލީގުގައި ކޯނޭއާއި, އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ބެންޗުން އަރާ ދެއްކި ތަފާތުން މާޒިޔާއަށް ހިތްހަމަޖެހުން ލިބިއްޖެއެވެ.

މާޒިޔާއަށް ހިތްހަމަޖެހުން ލިބުނީ ބްރޭކަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ބުދަ ދުވަހުގެރޭ 4-0 ން ޓީސީ ބަލިކޮށްގެންނެވެ. މެޗުގައި މާޒިޔާއަށް ތަފާތެއް ގެނެސްދިނީ ފަހު ވިހި މިނިޓްގައި ކުޅެން ނިކުތް ކޯނޭއާއި ފޭދޫ އިއްބެއެވެ. އެކުޅުންތެރިން ކުޅެން ނިކުތް އިރު މާޒިޔާ ކުރީގައި އޮތީ ފުރަތަމަ ހާފްގައި ޓަނާ ޖެހި ގޯލުންނެވެ. މާޒިޔާގެ ދެވަނަ ގޯލް ފޭދޫ އިއްބެ ޖެހީ މެދުރޮނގާ ހިސާބުން ކޯނޭ ހިފައިގެން އެރި ބޯޅަ ޕެނަލްޓީ އޭރިޔާ ތެރެއިން ފޭދޫ އިއްބެއަށް ޖައްސާލުމުންނެވެ. އެގޯލް ޖެހުމުގެ ފުރުޞަތު ކޯނޭއަށް އޮތްނަމަވެސް އޭނާ ގަސްތުކުރީ އިބްރާހީމް މަހުދީއަށް ދޭށެވެ. މާޒިޔާއިން ތިންވަނަ ލަނޑު ޖެހީވެސް ކޯނޭ ތަނަވަސްކޮށްދިން ފުރުޞަތަކުން ފޭދޫ އިއްބެއެވެ. ހަތަރުވަނަ ލަނޑު ޖެހީ ކޯނޭއެވެ. އޭނާ ލަނޑު ޖެހީ ދެވަނަ ހާފްގައި އަސަދުالله ގެ ބަދަލުގައި ކުޅެން ނިކުތް ނިހާން (ނިހާޓް) އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅައިންނެވެ.

މެޗުގައި އެންމެ ބޮޑު ބަދަލަކަށް ފެނުނީ މާޒިޔާއިން ނޭޕާލް ކީޕަރު ކިރަންގެ ބަދަލުގައި ޒުވާން ކީޕަރު އިޔާން އަބުދުލް އަލީމްއަށް ފުރުޞަތު ދިނުމެވެ. ކޯނޭއާއި, ފޭދޫ އިއްބެ އަދި ނިހާންއަށްވެސް ފުރުޞަތު ދިނީ ދެވަނަ ހާފްގައެވެ. މިމޮޅާއެކު މާޒިޔާ ވަނީ އެއްވަނައިގައި އަލުން ފަސް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ 13 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އީގަލްސް އޮތީ 31 ޕޮއިންޓްއާއި އެކުގައެވެ. ޓީސީ އޮތީ 17 ޕޮއިންޓްގައެވެ.

- ކޮމެންޓް