ކ. މާލެ
|
22 ޖޫން 2022 | ބުދަ 08:11
ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު
ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު
ރާއްޖެއެމްވީ
ޤައުމީ ޓީމްގެ އާ ކެޕްޓަންގެ އުއްމީދު
ޤައުމީ ކްރިކެޓް ޓީމްގެ އާ ކެޕްޓަން އަޒްޔާންއަށް ފެންނަ މަންޒަރާއި އުއްމީދު!
އަޒްޔާން ވަނީ ޖޫނިއަރ ޓީމްތަކުގައި ކެޕްޓަންކަން ކޮށްފައި

"އަސްލު ހީކުރާވަރަށްވުރެ ބޮޑު ސަޕޯޓެއް އޮވޭ ރާއްޖޭގެ މީހުން ކްރިކެޓަށް. ބައެއްފަހަރު މީހުން ބުނޭދޯ ރާއްޖޭގެ ކްރިކެޓް އެހާ މަޝްހޫރު ކުޅިވަރެއްނޫނޭ. ކީއްކުރަން ކުޅޭ އެއްޗެއްހޭ."

ހޯމަ ދުވަހުގެ ރޭ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންކަމާ ހަވާލުވުމަށްފަހު, ހަމައެރޭ ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ޔޫސުފް އަޒްޔާން ފަރުހަތު ބުނި ވާހަކައަކީ މިއީއެވެ.

ކްރިކެޓްގެ އާއިލާއަކުން ނުކުތް އާ ކެޕްޓަންގެ އެވާހަކައަށް އޭނާ ބާރުދިނީ ފެންނަ މަންޒަރުތަކުންނެވެ. އަޒްޔާން ބުނީ ބޭރަށް ނިކުމެލުމުން ކްރިކެޓަށް ދިވެހިންގެ ހިތުގައިވެސް އޮންނަ ލޯބި އެނގޭކަމަށާއި, ކެފޭތަކުގައި ކްރިކެޓް މެޗުތައް އަޅުވާފައި ހުންނައިރު ބަލަން ތިބޭ މީހުންގެ އަދަދުން ކްރިކެޓަށް އޮންނަ ލޯބި ފާހަގަކުރެވޭކަމަށެވެ.

ސީނިއަރ ޓީމްގެ ކެޕްޓަންކަން ބޭންޑް އަޅައިގެން އަޒްޔާންއަށް އޮތް ފުރަތަމަ ތަޖުރިބާއަކީ އަންނަ މަހު މެލޭޝިޔާގައި އޮންނަ ހަތަރު ޤައުމު ވާދަކުރާ މުބާރާތެވެ. މެލޭޝިޔާއާއި, ބޫޓާން އަދި ތައިލެންޑާއެކު މުބާރާތް ކުޅޭނީ މެލޭޝިޔާގައެވެ. މުބާރާތުގައި ދެން ވާދަކުރާ ތިން ޤައުމަކީވެސް ރޭންކިންގއަށް ބަލާއިރު ރާއްޖެއަށްވުރެ ކުރީގައި އޮތް ތިން ޤައުމެވެ. މިމުބާރާތަކީ ރޭންކިންގއަށް ގުނާ މުބާރާތެކެވެ. އެހެންކަމުން ރާއްޖޭގެ ރޭންކިންގ މައްޗަށް ޖައްސަން މިއީ ލިބޭ ރަނގަޅު ފުރުޞަތެކެވެ.

އެތިން ޓީމު އަތުން މޮޅުވެއްޖިއްޔާ ރާއްޖޭގެ ރޭންކިންގ ވަރަށް ބޮޑަށް މައްޗަށް ޖެހިލާނެ. އަނެއްކާ ބޫޓާނާ ތައިލެންޑަކީ ރާއްޖެއިން ޤަވާއިދުން އެމީހުން އަތުން މޮޅުވަމުން އަންނަ ޓީމްތައް. އެހެންވީމާ ރާއްޖެއަށް ވަރަށް ފުރުޞަތު ބޮޑު ރޭންކިންގައި މައްޗަށް ޖެހިލަން.
ޔޫސުފް އަޒްޔާން ފަރުހަތު/ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން

ރޭންކިންގައި މައްޗަށް ޖެހިލަން އޮތް ފުރުޞަތު ބޮޑުވާ ދެވަނަ ސަބަބެއްވެސް ކެޕްޓަނެއްގެ ގޮތުގައި އަޒްޔާނަށް ފެނެއެވެ. އެއީ ސީނިއަރ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންގެ ޖޯޝެވެ. އޭނާ ލީޑަރެއްގެ ގޮތުގައި ހުންނައިރު ފެންނަނީ ކޮންމެ ކުޅުންތެރިއަކުމެ ލިބޭ ވަގުތުގައި ނަތީޖާއެއް ނެރެން ކުރާ މަސައްކަތެވެ. ވަޒީފާއަށް ދަމުންވެސް ޕްރެކްޓިސްގައި ދައްކާ ޖޯޝާއި, ހިތްވަރެވެ. އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އެހީވެ, ކުރިއަރަން ކުރާ މަސައްކަތެވެ.

އަޒްޔާނަށް ކްރިކެޓް ބޯޑުގެ ރައީސް ކެޕްޓަންކަން ހަވާލުކުރަނީ: ފޮޓޯ-ކްރިކެޓް ބޯޑް

ޤައުމީ ކްރިކެޓް ޓީމް ޕްރެކްޓިސް ކުރަމުން އަންނަތާ ހަތަރު މަސްދުވަސް ވަނީ ވެފައެވެ. މިދިޔަ އެއްމަސް ދުވަހު ވަރަށް ސީދާ މުބާރާތަށް ޚާއްޞަކޮށް ތަފާތު ޓްރެއިނިންގތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަންގާރަ ދުވަހު ޓީމް ވަނީ ސްރީލަންކާގައި ކޭމްޕްކޮށްފައެވެ. ކޭމްޕްގައި 7 މެޗު ކުޅޭނެއެވެ. ކެޕްޓަނެއްގެ ޒިންމާއާ ހަވާލުވެ ޓީމް ގޮވައިގެން ސްރީލަންކާއަށް ފުރުމުގެ ކުރިން އަޒްޔާން ބުނީ ޤައުމު ލީޑްކުރަން ލިބުމަކީ އާދައިގެ ކަމެއް ނޫންކަމަށެވެ. އެއީ ޒިންމާއަކާއި, ފަޚުރެއްކަމަށެވެ. އަޒްޔާންދޭ ޔަޤީންކަމަކީ ކުރިއަށް އޮތް މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދާނެކަމުގެ ޔަޤީންކަމެވެ. އެއަށްވުރެ އަދި މާބޮޑު ޔަޤީންކަމެއް ކްރިކެޓްގެ ޤައުމީ ޓީމަށް ކުޅުނު ކުޅުންތެރިންތަކެއް ނިސްބަތްވާ އާއިލާގެ ޒުވާން ކުޅުންތެރިޔާ ދެނީ ވަރަށްބޮޑު އުއްމީދަކާއި, ޔަޤީންކަމަކާއެކުއެވެ.

ރާއްޖޭގެ އެންމެނަށްވެސް ދައްކާލަން ބޭނުންވޭ ކްރިކެޓުން ރާއްޖޭގެ އެންމެނަށްވެސް ކުރިއަށް އެރޭނެކަން. ޓީމްތެރޭގައި އަސްލު ވަރަށް ރަނގަޅު ވައިބެއް އޮތީ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ޓީމް ދުނިޔޭގައި ފިޔަޖަހާލާތަން ދައްކާލެވޭތީ މިމަސައްކަތްކުރަނީ.
ޔޫސުފް އަޒްޔާން ފަރުހަތު/ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން

 އަޒްޔާންގެ ބައްޕަ ފަރުހަތު ޖަލީލަކީ ޤައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. ކްރިކެޓްގެ ބޮޑު ޚިދުމަތްތެރިއެކެވެ. ބޭބެ ޝަފްރާޒް ޖަލީލަކީވެސް ޤައުމީ ޓީމްގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިސިލްސިލާ ކާފައާ ހަމައަށް ގުޅެއެވެ. ކްރިކެޓް އާއިލާގެ ފަޚުރަށްޓަކައިވެސް އަޒްޔާންގެ ޒިންމާ އިތުރަށް ބޮޑުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް