ކ. މާލެ
|
22 ޖޫން 2022 | ބުދަ 00:15
ލީގު މެޗެއްގައި ލަނޑުޖެހުމަށްފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އެފްއޭއެމް
ލީގު މެޗެއްގައި ލަނޑުޖެހުމަށްފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-އެފްއޭއެމް
އެފްއޭއެމް
އުރީދޫ ދިވެހި ޕްރިމިއަރ ލީގު
އާތީއާއެކު އީގަލްސްގެ ފެށުން މޮޅަކުން!
އީގަލްސް މޮޅުވީ ވެލެންސިޔާ އަތުން

މުޙައްމަދު އާތިފް (އާތީ) އީގަލްސްގެ ކޯޗުކަމާ ހަވާލުވެ އެޓީމް ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ވެލެންސިޔާ ބަލިކޮށް, އެއްވަނާގައި އޮތް މާޒިޔާއާއި ކައިރިކޮށްފިއެވެ.

ބޮޑު ބްރޭކް އަކަށްފަހު ލީގު އަލުން ފަށައި އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ވެލެންސިޔާ އަތުން މޮޅުވީ 3-1 ނެވެ. މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު ޖެހީ އަހުމަދު ހަސަންއެވެ. ދެވަނަ ލަނޑު ޖެހީ އިމްރާން ނަޝީދުއެވެ. ވެލެންސިޔާގެ ހަމައެކަނި ލަނޑު މުޙައްމަދު އުމެއިރު ޖެހީ އީގަލްސްއިން ދެ ލަނޑު ޖެހިފަހުންނެވެ. މިއީ އުމެއިރު ވެލެންސިޔާއަށް ކުޅުނު ފުރަތަމަ މެޗެވެ. ޓްރާސްފަރގައި މާޒިޔާއިން ވެލެންސިޔާއަށް ބަދަލުވި އުމެއިރުގެ އިތުރުން ގްރީންއިން ވެލެންސިޔާއަށް ބަދަލުވި އަލީ ޝާމިސް (ތޮއްޕޭ) އާއި ސަސްއިން ވެލެންސިޔާއަށް ބަދަލުވި ޑިފެންޑަރ އަބުދުالله ހަނީފް (ބެންޖޯ) ވެސް ފުރަތަމަ އެގާރައިގައި ކުޅުނެވެ.

އީގަލްސްއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން ސްޕެއިންގެ މިޑްފީލްޑަރ އެންޚެލް މުނޯޒް ފުރަތަމަ އެގާރައިގައި ކުޅެން ނުކުތް ނަމަވެސް ދެވަނަ ހާފްގައި ބަދަލުކުރިއެވެ. މިސްރު ޑިފެންޑަރު ސޯބީއަށްވެސް ކޯޗު އާތީ ފުރަތަމަ އެގާރައިން ފުރުޞަތު ދިނެވެ.

މިމޮޅާއެކު އީގަލްސް ވަނީ 13 މެޗުން 31 ޕޮއިންޓް ހޯދާފައެވެ. އެއްވަނައިގައި މާޒިޔާ އޮތީ 33 ޕޮއިންޓްއާއިއެކުއެވެ. އެކަމަކު މާޒިޔާ ކުޅުނީ 12 މެޗެވެ. ވެލެންސިޔާ އޮތީ 16 ޕޮއިންޓްގައެވެ. ލީގުގައި ބުދަދުވަހު ހަވީރު ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އެވެ.

- ކޮމެންޓް