ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 12:34
ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން
ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން
ގެޓީ އިމޭޖަސް
ފަރަންސޭސި އިންތިޚާބު
ފަރަންސޭސި ނެޝަނަލް އެސެމްބްލީ ވޯޓުގައި ރައީސް މެކްރޯންއަށް ފުދޭވަރަށް ވޯޓު ލިބިވަޑައިނުގެންނެވި
ނެޝަނަލް އެސެމްބްލީގައި މެޖޯރިޓީއަކާ ހަމަޔަށް ދިއުމަށް ރައީސް މެކްރޯންގެ ޕާޓީއަށް 44 ގޮނޑި ބޭނުންވޭ

އާދީއްތަ ދުވަހު އޮތް ފަރަންސޭސި ނެޝަނަލް އެސެމްބްލީ ވޯޓުގެ ދެވަނަ ބުރުގައިވެސް ރައީސް އިމެނުއަލް މެކްރޯންއަށް ފުދޭވަރަށް ވޯޓު ލިބިވަޑައިގެންފައިނުވާތީ، ބޭނުންފުޅުވާ އަދަދު ހަމަކުރެއްވުމަށްޓަކައި އަންގާރަ ދުވަހު އެޤައުމުގެ ވާދަވެރި ޕާޓީތަކާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ކަންކަން ކުރިއަށް ގެންދެވުމަށްޓަކައި އިދިކޮޅު ޕާޓީތަކުގެ މަދަދު ބޭނުންފުޅުވެއެވެ. ނަމަވެސް އިދިކޮޅު އެންމެ ބޮޑު ދެޕާޓީގެ ވެރިން ކަމަށްވާ ފާރައިޓްގެ މަރީން ލެޕެން އަދި ލެފްޓް-ގްރީން އެލަޔަންސްގެ ލީޑަރު ޖާން ލޫކް މެލޯންޝޯން ރައީސް މެކްރޯން އާއެކު މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަމެއް ނެތްކަމަށް ޚަބަރުތައް ބުނެއެވެ.

މައިނޯރިޓީ ތާއީދާއެކު މަދުން ނަމަވެސް ފްރާންސްގައި ސަރުކާރުތައް އެކުލަވާލެވޭ އިރު މެޖޯރިޓީއަކާ ހަމައަށް ދިއުމަށް މެކްރޯންގެ "އެންސެމްބްލް އެލަޔަންސް" އަށް 44 ގޮނޑި ބޭނުންވެއެވެ.

އެހެންކަމުން ވަރކިންގ މެޖޯރިޓީއެއް އެކުލަވާލުމަށް ވައަތު އަދި ކަނާއަތު ފަޅީގެ ވަކިވަކި ޕާޓީތަކުގެ ތާއީދު ހޯއްދަވަން މެކްރޯންއަށް މަޖްބޫރުވާނެއެވެ. މިބައްދަލުވުންތަކަށްޓަކައި ޕާޓީތަކުގެ މަންދޫބުން މިއަދާއި މާދަމާ ތަފާތު ގަޑިތަކުގައި އެލީސީ ގަޑުވަރަށް ވަޑައިގަންނަވާނެއެވެ. އެނަލިސްޓުން ބުނާ ގޮތުގައި ރައިޓްވިންގ ރިޕަބްލިކަންސް އާކު އެއްބަސްވުމަކަށް ވަޑައިގެންނެވުމަށް ރައީސް މެކްރޯން މަސައްކަތް ކުރައްވާނެއެވެ. އަދި އެޕާޓީގެ ލީޑަރު ކްރިސްޓިއަން ޖޭކަބްސް ވަނީ ރައީސްއާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ފްރާންސްގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު މަރީން ލެޕެންވެސް މެކްރޯންއާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ އިރު ޖާން ލޫކް މެލޯންޝޯން ބައްދަލުނުކުރައްވާނެ ކަމަށްވެއެވެ.   

- ކޮމެންޓް