3400 އަހަރުވެފައިވާ ބޮޑު، ޤަދީމީ ސިޓީއެއް އިރާޤުން ފެނިއްޖެއެވެ. މިތަން އޮތީ ރިޒަވޮޔަރ ނުވަތަ ފެން ރައްކާކުރުމަށް ހަދާފައިވާ ބޮޑު ސަރާސަރު ސަރަޙައްދެއްގެ ފަސްގަނޑުގައި ވަޅުލެވިފައިކަމަށް ވެއެވެ. ސިޓީ ފެނިފައިވަނީ އިރާޤަށް ކުރިމަތިވި އާދަޔާ ޚިލާފް ހަނަފަސް ކަމެއްގައި ރިޒަވޮޔަރ ގެ ފެންގަނޑު ހިނދިގެން ދިއުމުން ކަމަށް ވެއެވެ.
އިރާޤްގެ މޫސުލްގައި ހުރި ފެން ރައްކާކުރާ ރިޒަވޮޔަރ ގެ އަޑިން ފެނުނު ގަދީމީ ސިޓީގެ ތަންތަން މިހާރު ގެންދަނީ ކުރުދީ އަދި ޖަރމަނީގެ އާކިއޮލޮޖިސްޓުން ކޮންނަމުންނެވެ. މިތަނަކީ އުތުރު އިރާޤުގައި ޓައިގްރިސް ކޯރުގެ އަރިމަތިން ހަދާފައިވާ ރިޒަވޮޔަރ އެކެވެ.
ސިޓީ ވަޅުލެވިފައިވާކަމަށް ވަނީ އެހިސާބަށް އައި ބާރުގަދަ ބިންހެލުމެއްގައެވެ. އަދި މާފަހުން 1980ގެ އަހަރުތަކުގައި އިރާޤު ސަރުކާރުން އެތަނުގައި ޓައިގްރިސް ކޯރުން ބަންޑުންވާ ފެން ރައްކާކުރުމަށް ރިޒަވޮޔައެއް ހެދުމަށް ފަހު ސިޓީގެ އެއްވެސް ޚަބަރެއް އޮތީ މިހާތަނަށް ވެސް ފެންމަތި ނުވެއެވެ. މިހާރު އާކިއޮލޮޖިސްޓުން ގެންދަނީ އެތަނުން ފެންނަ ރުނބާ އަދި އެނޫންވެސް އެފަދަ އާސާރީ ތަކެތި ނަގާ ނެޝަނަލް ދާރުލް އާސާރަކަށް ބަދަލުކުރަމުންނެވެ. މީގެ އިތުރުން އަނެއްކާވެސް ވިއްސާރަ މޫސުން އައިސް އެތަނުގައި ފެންގަނޑު ބޮޑުވެ ތަން އަނެއްކާވެސް ފެނު އަޑިޔަށް ދިއުމުގެ ކުރިން ވީހާވެސް ގިނަ ތަކެތި ނަގާ އަދި ބިނާތަކާބެހޭ މައުލޫމާތު ވީހާވެސް ބޮޑަށް ޑޮކިއުމެންޓް ކުރެވޭތޯ ކަމާބެހޭ އިދާރާތައް ގުޅިގެން ވަރަށް އަވަސް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެއެވެ. މިގޮތުން ގަދަ ފިންޏާއި ތޫފާންތައް ފަދަ މޫސުމީ ގޮންޖެހުންތައް ހުރިނަމަވެސް އާކިއޮލޮޖިސްޓުން ހުއްޓާނުލާ އެތަނުގައި މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ބޭނުމަކީ ވީހާވެސް ގިނަ ޤަދީމީ އާސާރީ ތަރިކަ، މިހާރުގެ އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާ ކުރުމެވެ.
ކޮނެގެން ނުނެގޭ ބިނާތަކާ ތަންތަނަށް ދެންވެސް އެތަނަށް ޖަމާވާނެ ފެނުގެ ސަބަބުން އިތުރަށް ގެއްލުން ލިބުނަ ނުދިނުމަށް ބޮޑެތި ރަބަރު ޝީޓުތައް ބޭނުން ކޮށްގެން ވީވަރަކުން ހިމާޔަށް ކުރަމުން ދާކަމަށް ވެއެވެ.