ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތު ވަރަށް ގޯސް ކަމަށާއި ފަރުވާ ނުދެވި ލަސްވެއްޖެ ޖަލުގެ ގޮޅިތެރޭގައި މަރުވެދާނެ ކަމަށް، އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އެމްވީއަށް ސިރާޖު ވިދާޅުވީ އަދީބަށް ވެސް ބޭސްފަރުވާގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ނުދައްކާ ވާހަކަތައް އެބަ ހުރިކަން ފާހަގަ ކުރައްވައި ސިރާޖު ވިދާޅުވީ އަދީބަށް ކެންސަރުގެ ނުރައްކާ ވެސް އެބަ އޮތް ކަމަށެވެ.
"ހަގީގަތުގައި މިހާތަނަށް އަޅުގަނޑުމެން ނުދައްކާ ވާހަކަތައް ވެސް އެބަހުރި. އަދީބުގެ ހުރީ އެންމެ ސިސްޓެއް ނޫން. އެކަމަށް ފަރުވާއެއް ނުދޭ. ފަރުވާ ނުދެވި ގިނަ ދުވަސްވެއްޖެ ނަމަ، އެ ސިސްޓްތައް ކެންސަރަށް ބަދަލުވެދާނެ. ލޮލަށް ފަރުވާ ނުދެވިއްޖެ ނަމަ ވެސް އޭނާގެ ފެނުން ގެއްލިގެންދާނެ،" ސިރާޖު ވިދާޅުވި އެވެ.
"އަދީބުގެ އާއިލާގައި އެބަ ހުރި ސިސްޓް ކެންސަރަށް ބަދަލުވެގެން ބޭފުޅަކު ނިޔާވެސްވެފައި. އެހެންވީމާ، އަދީބަށް ފަރުވާ ނުދެވި ލަސްވެއްޖެ ނަމަ ޖަލުގެ ގޮޅީތެރޭގައި އޭނާ މަރުވާނެ."
މި ކަންކަމަށް ރާއްޖޭން ފަރުވާ ދެވެން ނެތް ކަމަށާއި ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ސިރާޖު ވިދާޅުވި އެވެ.
ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް އާއިލާއިން އެދިފައިވާއިރު، އެކަމުގައި ޒިންމާ ނަގާނެ ފަރާތެއް ނެތެވެ. ފުލުހުން ބުނަނީ އެކަމުގައި ޒިންމާ ނަގާނީ ކަރެކްޝަނަލް ސާވިސްއިން ކަމަށެވެ. ކަރެކްޝަނަލް ސާވިސްއިން ބުނަނީ އަދީބު ހުންނެވީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.
އަދީބު މިހާރު ހައްޔަރުކޮށްފައި ހުރީ ފުލުހުން ބަލަހައްޓާ ދޫނިދޫ ޖަލުގަ އެވެ.
ސިރާޖު ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދި ފައިވާއިރު، އެތެރެހަށީގައި ސިސްޓްތަކެއް ހުރި ކަމަށާއިި ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގުލޮކޮމާ ވަނީ އަދީބަށް ޖެހިފައިވާކަމަށެވެ.
އަދީބު ގެއަށް ބަދަލުކުރުމަށް އާއިލާއިން އެދިފައިވާއިރު، ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފައިވަނީ ގެއަށް ބަދަލުކޮށް ދެވެން ނެތް ކަމަށެވެ.
ޓެރަރިޒަމާއި ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އަދީބަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލަތައް ތަހްގީގުކުރާއިރު، ބައެއް މައްސަލަތައް ކްރިމިނަލް ކޯޓްގައި ކުރިއަށް އެބަ ގެންދެ އެވެ.