ރާއްޖެ އެތެެރެކުރާ ތެލުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނަގަމުން އައި 10 ޕަސެންޓްގެ ޑިއުޓީ، ފަސް ޕަސެންޓަށް ދަށްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށް ފާސްކޮށް، އެބިލްގެ މަސައްކަތް އަންނަ ހޯމަ ދުވަހުގެ ކުރިން ނިންމުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެހުށަހެޅި އިސްލާހު ގެނައުމުގެ އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކުރުމަށްފަހު، މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ ނިމުމާ އެކު މުޅި މަޖިލީހުގެ ކޮމެޓީން ވަނީ އަންނަ ހޯމަ ދުވަހުގެ ކުރިން އެބިލްގެ މަސައްކަތް ނިންމުމަށް ފާސްކޮށްފައެވެ. ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑާއިގެންނެވި 37 މެމްބަރުން އަޣްލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން ސަރުކާރު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރު 27 އަށެވެ.
އެމާއްދާގެ ދަށުން މިހާރު ތެލުގެ ބާވާތްތަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އަންނަ 10 ޕަސެންޓްގެ ބަދަލުގައި ޑިއުޓީގެ ގޮތުގައި ފަސް ޕަސެންޓް ނެގުމަށް އެބިލްގައި ވެއެވެ.
މީގެ އިތުރުން ބިލްގައިވާ ގޮތުން އެ ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތެލުގެ ބާވަތްތައް ފިޔަވާ، މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތިން ޑިއުޓީން ސުން ޕަސެންޓް ނެގުމަށް ވެސް އެއިސްލާހުގައި ވެއެވެ.
އެބިލްގައިވާ ގޮތުން، މި އިސްލާހު ހުށަހަޅާފައި ވަނީ އާއްމު ބޭނުންތަކާއި އަސާސީ ހިދްމަތްތައް ރައްޔިތުން ބޭނުންކުރުމުގައި ހިނގާ ޚަރަދު ކުޑަކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށްޓަކައި ތެލުގެ ބާވާތްތަކުން މިހާރު ނަގަމުންދާ ޑިއުޓީގެ މިންވަރުގެ ދެބައިކުޅަ އެއްބައި ކުޑަކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެބިލް އެޖެންޑާކޮށްފައިވާއިރު، އެޖެންޑާ ކޮށްފައި ވަނީ އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އަހާ، އެބިލަށް ބަހުސް ކުރުމަށް ފާސްވެއްޖެ ނަމަ، ބަހުސްކުރުގާ ގޮތަށެވެ.