އަނިޔާވެރި ގޮތަކަށް މަރާލެވުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ވިދާޅުވި ކަމަށް ޑރ. ހާލާ ހަމީދު ވިދާޅުވި ވާހަކަތަކަކީ ޔާމީން ރަޝީދު މަރާލި ދުވަހު ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ ވާހަކަތައްކަން ހާމަވެއްޖެ އެވެ.
ޖެނީވާގައި އޮތް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 35 ވަނަ އާއްމު ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހާލަތު ދަށަށް ދިއުމާ ގުޅޭ ގޮތުން 30 ގައުމަކުން އިއްވި ބަޔާނަށް ރައްދު ދެއްވަމުން ޖެނީވާގައި ހުންނަ އދ. ގެ އިދާރާއަށް ރާއްޖެއިން ހުށަހަޅާފައިވާ ދައިމީ މަންދޫބު ޑރ. ހާލާ ހަމީދު ދެއްވި ބަޔާނާ ގުޅިގެން ސޯޝަލް މީޑިޔާގައި އަންނަނީ ތަފާތު އެތަކެއް ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ.
އެހެންނަމަވެސް، ޔާމީން ރަޝީދުގެ މަރާ ގުޅިގެން ރައީސް އޮފީހުން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ވަނީ މި ވާހަކަތައް ހިމަނާފަ އެވެ.
މިގޮތަށް ބަޔާނުގައި ބަޔާންކޮށްފައިވާ އިރު ރައީސް އޮފީހުން އެދުވަހު ދިވެހިން ނެރުނު ބަޔާނުގައި ބުނާ ބަސްތައް ތަފާތެވެ. އަދި އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ވެސް ޑރ. ހާލާ ވިދާޅުވި، ޖުމްލަތަކުގައި ތަފާތުތަކެއް ހުއްޓެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަޖުރަމާނު އިބްރާހިމް މުއާޒް އަލީއާ ސުވާލު ކުރުމުން އެކަމަށް ޖަވާބު ދެވޭނީ، ޑރ. ހާލާއަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް މި ސްޓޭޓްމެންޓާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ އެމީހުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކޮށްފަ އެވެ.
More importantly there was never a message of condolence. The title of the statement itself is a big lie.
— Shahindha Ismail (@HindhaIsmail) June 11, 2017
When was this press release then, the day of the murder? Never heard of and seen this
— Fathimath Ryn Ali (@rynaali) June 11, 2017
I havent found the underlined quote in any of President Yameen's speeches.
— Aishath Aniya (@Aniya_A) June 10, 2017
Did some1 make it up@ahmedshaheed @MDVForeign @evattey @AANaseer pic.twitter.com/8VoiQnuUSK
މި ބަޔާނުގެ އިތުރުން ރައީސް ޔާމީން ވަނީ ޔާމީން ރަޝީދާއި ގުޅޭ ގޮތުން އޭނާ މަރާލެވުނު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެ އަނިޔާވި އަމަލު ވަނީ ކުށްވެރިކުރައްވާފަ އެވެ.
" ދިވެހި ދައުލަތުގެ އެންމެ މަތީ ދިފާއީ ބާރަށް 125 އަހަރު ފުރިގެންދާއިރު މި މަތިވެރި އުފާވެރި ޖަލްސާކުރަމުންދާ އިރު މިއަދު ހެނދުނު މުއައްސަސާ އަލިވިލިގެންދިޔަ އިރު މި މުއައްސަސާ އަށާއި ދިވެހި ރައްޔިތުންނަށް ގެނައީ ހައިރާން ކަމާ ސިއްސުން. އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އާއްމުވެފައި ނެތް ކަމުގަ ވީ ނަމަވެސް އަޅުގަނޑުމެންނަށް ފެންނަ ކޮންމެ މިކަހަލަ ތަޖުރިބާ އަކީ، ބޮޑު ގެއްލުމަކީ، އަޅުގަނޑުމެން ސިއްސުވާލާ ގެއްލުމެއް. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ބްލޮގަރެއް ޖާނަލިސްޓެއް، މިއަދު ކަތިލާ އޭނާގެ ފުރާނަ ޖިސްމާ ވަކި ކުރެވުނު ތަން. މިއީ ޝައްކެއް ވެސް ނެތް ގޮތުގައި އަޅުގަނޑުމެން ހުރިހާ ދިވެހިން، ދިވެހި ދައުލަތުން ކުށްވެރިކުރާ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ 125 ވަނަ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވަނީ މިހެން ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ މުއައްސަސާތަކުން މުޖުތަމައުގައި މިފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށެވެ.
މި ޖަލްސާގައި ރައީސް ވަނީ ދީނީ ހައްދުފަހަނަ އަޅާފައިވާ ސިޔާސަތުތަކަށް ސަރުކާރުން ތާއީދު ނުކުރާނެ ކަމަށާއި، އެފަދަ ކަންކަމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ހަމައެއާއެކު އޭޕްރީލް މަހުގެ ފަހުކޮޅު ބޭއްވި ޕީޕީއެމް ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ މިފަދަ އެހެން ވާހަކައެއް ފާހަގަކޮށްފަ އެވެ.
"ޓެރަރިސްޓަކީ އެއްގޮތަކަށްވެސް ތަނެއް ގޮއްވާލާ މީހާއެއް ނޫން. އެހެން ނަމަވެސް މައުސޫމު މީހެއް އޭނާގެ ތަސައްވަރު ރައްޔިތުންގެ ކުރިމަތީގައި ގޯސްކުރުމަށްޓަކާއި ހޭޓް މެސެޖް ލިޔަމުން ލިޔަމުން ގޮސް އޭނަ އަކީ ނުރައްކާތެރި މީހެއްކަން ރައްޔިތުންގެ ތެރެއިން ބަޔަކަށް ގަބޫލު ކުރެވޭ ހިސާބަށް ދިއައިމަ އެމީހަކާ ދޭތެރޭގައި ކޮންމެ ފަދަ ކަމެއް ވެސް ކުރަން ކެރޭނެ ބައެއް ތިބެދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ ދީނަށް ފުރައްސާރަ ނުކުރި ކަމުގައިވީ ނަމަވެސް، ދިވެހި ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޔާމީން ރަޝީދާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ވިދާޅުވި، ބަސްތައް ބަހުން ބަހަށް ޑރ. ހާލާ ވިދާޅުވެފައި ވަނީ އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުގައި 30 ގައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި، ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބަޔާންކުރުމުން އެކަމަށް ރައްދު ދެއްވާ ވާހަކަ ދައްކަވަމުންނެވެ.