ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދައި ނިންމާފައިވާ ކަމަށް ހައުންސިންގ މިނިސްޓަރު ޑރ. މުހައްމަފު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު އެގޮތަށް ވިދާޅުވީ ވަޒީރާ ސުވާލު ކުރުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ތ. އޮމަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސުވާލާ ގުޅިގެން ހޯމަ ދުވަހުުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
"މިހާތަނަށް އައިއިރު، 29 ރަށެއްގެ ފަޅު ފުންކުރުމާއި މެއިންޓެނެސް ޑްރެޖިންގ މަސައްކަތް ނިންމާފަ. 34 ބަނދަރެއްގެ މަސައްކަތް ނިންމާފަ. އެއީ 1.2 ބިލިއަން ރުފިޔާގެ މަސައްކަތްކަތް. މިހާރު ކުރިއަށް އެބަދޭ 39 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތާއި 7 ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތް. އެއީވެސް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާގެ މަސައްކަތްތަކެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ އެޖަވާބާއި ގުޅިގެން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފުރު މޫސާ ވިދާޅުވީ ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު 42 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރާގޮތަށް ލިޔެކިއުމުން ފެންނަން އެބައޮތް ކަމަށާއި މިހާތަނަށް މިނިފައި ވަނީ ހަތް ރަށެއްގެ ބަނދަރު ކަމަށެވެ.
ނަމަވެސް މުއިއްޒު ވިދާޅުވީ ހަގީގީ މައުލޫމާތަކީ މުއިއްޒު މަޖިލީހުގައި ދެއްވި މައުލޫމާތު ކަމަށެވެ.
ތ. އޮމަދޫ ބަނދަރުގެ ފެށޭނެ ތާރީހެއް ސާފުކޮށްދެއްވުން އެދި ރިޔާޒު ހުށަހެޅުއްވި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އޮމަދޫގައި ބަނދަރެއް ނެތް ކަމަށާއި ޖެޓީއެއް އޮތް ނަމަވެސް އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އޮމަދޫ ބަނދަރު ހެދުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އީއައިއޭ ރިޕޯޓް ވެސް ހަދާފައިވާނެ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރާއި މިއަހަރުގެ ބަޖެޓްގައި އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށިފައިނުވާ ކަމަށާއި އެހެންނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި، އެ ޕްރޮޖެކްޓް އަމަލީ މަސައްކަތް ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.