ދިގު މުއްދަތެއްގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު އަހުމަދު އަދީބް ގޭ ބަންދަށް ބަދަލު ކުރެވެން ނެތް ކަމަށް މޯލްޑިވްސް ކެރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
އަދީބް ގޭ ބަންދަށް ބަދަލު ކުރެވެން ނެތް ކަމަށް ކެރެކްޝަންސް އިން ބުނެފައި މިވަނީ ރަމްޟާން މަހަށް އަދީބް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދި އާއިލާގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ފޮނުއްވި ސިޓާއާ ގުޅިގެންނެވެ.
ކަރެކްޝަންސް އިން ސިރާޖް އަށް ފޮނުވި ސިޓީގައި ހަމައެކަނި ބުނެފައި ވަނީ އަދީބް ގޭ ބަންދަށް ބަދަކުލުކުރެވެން ނެތް ކަމަށެވެ. އިތުރު އެއްވެސް އެއްޗެއެް އެ ސިޓީގައި ބުނެފައެއް ނުވެއެވެ.
މި ސިޓީއާ ގުޅިގެން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަދީބްގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ އަދީބްގެ ބޭސްފަރުވާގެ ކަންތަކާ ކެރްކްޝަން އަށް ސިޓީ ފޮނުވުމުން އޭގެ ޖަވާބެއް ނުދީ މި ސޓީގެ ޖަވާބު ދިނުމުން ހައިރާންވާ ކަމަށެވެ.
ސިރާޖް ވިދާޅުވީ އަދީބްގެ ބޭސްފަރުވާގެ ކަންތައްތަކުގައި ކަރެކްޝަން އަށް ސިޓީ ފޮނުވުމުން އަދީބަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމަށް ބުނާ ކަމަށާއި އަދި އެކަމުގައި ގޮތެއް ނިންމޭނީ ފުލުހުންނަށް ކަމަށް ކަރެކްޝަން އިން ބުނާ ކަމަށެވެ.
އެހެން ކަމުން ފުލުހުންގެ ބަންދުގައި ހުރި މީހަކު ގޭ ބަންދަށް ބަދަލު ކޮށްދެވެން ނެތް ކަމަށް ބުނެ ކަރެކްޝަންސް އިން ސިޓީ ފޮނުވުމުން ހައިރާންވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.
މީގެ އިތުރުން ސިރާޖް ވިދާޅުވީ އަދީބް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކައި ހުއްދަ ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ސިޓީ ފޮނުވާފައިވާ ކަމަށާއި ނަމަވެސް އަދި އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
އަދީބު ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމަށް އާއިލާ އިން މަސައްކަތްކުރާ އިރު ސިއްހީ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.