ޓައިވާންގެ މިނިވަންކަމާބެހޭ ގޮތުން އެމެރިކާގެ ރައީސް ޗައިނާއަށް އިންޒާރު ދެއްވާ މޭރުމަކުން ވާހަކަފުޅު ދެއްކެވިތާ މަހެއްހާދުވަސް ވެސް ނުވަނީސް، ޓައިވާނަށް މިނިވަންކަން ހޯދާދޭން ކުރާ ކޮންމެ މަސައްކަތެއް ވަގުތުން "ފުނޑު ފުނޑު ކޮށްލާނެ" ކަމަށް ބެއިޖިންގ އިން ބުނެފިއެވެ.
ސިންގަޕޫރުގައި ކުރިޔަށްދާ އޭޝިއަން ސެކިއުރިޓީ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ވެއި ފެންގް ހެއި ވިދާޅުވީ އެމެރިކާއިން ޓައިވާންގެ މިނިވަންކަމަށް ތާއީދު ކުރުމަކީ ކުރިން އެއްބަސްވެފައި އޮތްގޮތާއި ޚިލާފް ކަމެއް ކަމަށާއި އަދި އެކަމަކީ ޗައިނާގެ އެތެރޭގެ ކަންކަމާ ބެހުން ކަމުގައެވެ. ހަމަ މިއާއެކު ޖެނެރަލް ވެއި ވިދާޅުވީ އެއްވެސް ފަރާތަކުން ޓައިވާން ޗައިނާއިން ވަކިކޮށްލަން އުޅެފިނަމަ ހަނގުރާމައަކަށް ދާން ޗައިނާއިން ފަސްނުޖެހޭނެ ކަމުގައެވެ. އަދި އެއީ އެކަމުގެ އަގު ކޮންމެފަދަ ގޮތަކަށް ދައްކަން ޖެހުނު ކަމެއް ކަމުގައި ވީނަމަވެސް މައްސަލަ ކޮޅެއްގައި ޖެހެންދެން ނުވަތަ ނަތީޖާ އެއް ފެންނަންދެން ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށެވެ. މިނޫން "ޗޮއިސް އެއް" ޗައިނާއަށް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރިން ވިދާޅުވެފައިވަނީ ޗައިނާއިން ޓައިވާން ކައިރިއަށް ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވުމަކީ ނުރައްކަލަށް "ތުއިދެއްކުން" ކަމަށާއި އެހާކައިރިއަށް ޖެހި، ކަތި ފިޔަވަޅެއް އަޅައިފި ނަމަ އެމެރިކާއިން ޓައިވާންއަށް އަސްކަރީ ހިމާޔަތް ދޭނެ ކަމަށެވެ.
މީގެ ދެތިން ހަފްތާކުރިން ޗައިނާއިން ޓައިވާންގެ އެއާ ޑިފެންސް ޒޯން ތެރެއިން ހަނގުރާމަމަތީ ބޯޓުތައް އުދުއްސާފައިވާއިރު އެމެރިކާއިން ވަނީ ނޭވީ މަނަވަރުތައް ޓައިވާން އާއި ގާތަށް ފޮނުވާފައެވެ. މިހާރު އޮތް ބިރަކީ ޗައިނާއިން ގަދަބާރުން ޓައިވާންއަށް އަރާ އެތަން ހިސޯރު ކޮށްފިނަމަ ހަނގުރާމަ ވަގުތުން ފެށިދާނެ ކަމުގެ ބިރެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާގޮތުގައި މިފަދަ ހަނގުރާމައެއްގެ ގެއްލުން ވާނީ ހަމައެކަނި ޗައިނާއާއި ޓައިވާންއަކަށް ނޫނެވެ. އެކަމުގެ ގެއްލުން މުޅި ދުނިޔެއަށްވެސް ވަރަށް ބޮޑުވާނެކަން ޗައިނާއަށް ރަގަޅަށް އެނގޭނެ އެވެ.
1949 ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމަޔާ ހަމައިން ޓައިވާންވަނީ ވަކި ގައުމެއްގެ ގޮތުގައި އިއުލާންކޮށް އެކަން ދަމަހައްޓަމުންނެވެ. މިވަގުތުވެސް ޓައިވާނުންވެސް ގެންދަނީ އަމިއްލަ ދިފާއީ ބާރުތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ.