ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާފުށިން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނ ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 40 އަހަރުގެ ފިރިހެނަކާއި، 47 އަހަރުގެ ފިރިހެނަކާއި، 49 އަހަރުގެ ފިރިހެނަކާއި އަދި 35 އަހަރުގެ ފިރިހެނެކެވެ.
މި އޮޕަރޭޝަންގައު 40 އަހަރު މީހާ އާއި 47 އަހަރު މީހާއާއި 49 އަހަރު މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ ކ. މާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމާ ގުޅިގެންނެވެ. ފުލުހުންގެ އިންޓެލިޖެންސާއި ކ. މާފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖޫން 08 ވަނަ ދުވަހުގެ ރޭ ކ.މާފުށި އިރުމަތީފަރާތު އަތިރިމަތި ސަރަޙައްދުން މިމީހުން ހުއްޓުވައި ބަލާފާސްކުރިއިރު މި ތިން މީހުން ތިބި ސަރަޙައްދުން ވަނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައި ކަމަށް ފުލުހުން ބުނެ އެވެ.
މީގެ ތެރެއިން 35 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ ޖޫން 09 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ކ.މާފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށީ ބަނދަރު ސަރަހައްދުންނެވެ.
މިމީހާ ހުއްޓުވައި ބަލާ ފާސްކުރުމުން އޭނާ ވަނީ އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް މޫދަށް އެއްލާލާފައެވެ. އަދި އޭނާގެ ހާޒިރު ގައި ފުލުހުން އެސިނގިރޭޓް ފޮށި ނަގައި ބަލައިފާސްކުރި އިރު އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 31 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހަތަރު މީހުން ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ.
ފުލުހުން ބުނީ 40 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ އިރު 47 އަހަރުގެ މިހާއާއި 49 އަހަރުގެ މީހާއަށް 7 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ. އަދި 35 އަހަރުގެ މީހާއަށް ވަނީ 12 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.