ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓުވިޓްތަކުގައި ބުނެފައިވާ ގޮތުގައި އެއަރޕޯޓުގައި އަލަށް ޢިމާރާތްކުރާ އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް އަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޓަރމިނަލް ޢިމާރާތް ކުރުމަށް ހުޅުލޭގެ ދެކުނު ހުޅަނގުން 7.8 ހެކްޓަރުގެ ބިން ކަނޑައަޅާފައިވާއިރު، ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިމި އެ ސަރަޙައްދުގެ ޝީޓް-ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އާ ޓާމިނަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ.
އެމްއޭސީއެލްގެ ޓުވިޓޓްތަކުގައި ބުނެފައިވާ ގޮތުގައި އެއަރޕޯޓުގައި އަލަށް ހަދާ އެއަރލައިން ކޮމްޕެލްކްސްގެ މަސައްކަތުގެ ތެރެއިން އެއަރލައިން ކޮމްޕްލެކްސްގެ ކޮންކްރީޓް މަސައްކަތްތަކާއި، މެއިން ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދަނީ އިންޓީރިއަރ ޑިޒައިނިންގެ މަސައްކަތެވެ.
މި ޢިމާރާތުގެ މަސައްކަތްވެސް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިންމާ، މިތަން ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އަލަށް ހަދާ މި ޢިމާރާތުގައި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ އެއަރލައިންތަކަށް ބޭނުންވާ އޮފީސްތަކާއި، ސެކިއުރިޓީ ކަންތައްތަކަށް ޚާއްޞަކުރެވިފައިވާ ސެންޓަރަކާއި، އެކުންފުނީގެ އޮފީސް ބޭނުންތަކަށް ޚާއްޞަ ކުރެވިފައިވާ ޖާގައިގެ އިތުރުން، މުވައްޒަފުންނަށް އިތުރު ކެންޓީނެއް ހުންނާނެއެވެ. މި މަޝްރޫޢުއަކީ 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަރަދުކޮށްގެން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
އެއަރޕޯޓުގައި އަލަށް ހަދާ ރަންވޭގެ މަސައްކަތް ކުރިއަށްދަނީ ސީޕްލޭންގެ އޮޕަރޭޝަންތައް ކުރިއަށްދާ ސަރަޙައްދުގައި ކަމަށްވާތީ، ހުޅުލޭގައި ހުރި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރ، އޭ.ޓީ.ސީ ޓަވަރ ހިމެނޭ ސަރަޙައްދުން ބިން ހިއްކުމަށްފަހު، އެ ސަރަޙައްދަށް މިހާރު ބޭނުންކުރަމުންދާ ސީ-ޕްލޭން ބޭސް ބަދަލުކުރުމަށް އެމް.އޭ.ސީއެލުން ވަނީ ނިންމާފައެވެ.
އެގޮތުން އައު ސީޕްލޭން ޓަރމިނަލް ހެދުމަށް ބޭނުންވާ 1.83 ހެކްޓަރުގެ ބިން ހިއްކާ ނިމި، އެ ސަރަޙައްދު ޝީޓް-ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށްޓަކާ މިހާރު ތައްޔާރުވަމުންދާކަމަށް އެމް.އޭ.ސީއެލުން ބުނެއެވެ.
ސީ-ޕްލޭން ބޭސް ބަދަލުކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ޓެކްނިކަލް ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ދަނީ ކުރަމުންނެވެ. އަދި އައު ސީ-ޕްލޭން ޓަރމިނަލަށް ބޭނުންވާ ޑީޓެއިލް ޑިޒައިން ނިމުނުހާ އަވަހަކަށް، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޓަރމިނަލްގެ މަސައްކަތް ފެށޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އައު ސީ-ޕްލޭން ޓަރމިނަލްގެ މަސައްކަތް ނިންމާ، އެތަނުގެ އޮޕަރޭޝަންތައް ފެށުންކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.