މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިމެއް ނެތް މައްސަލައެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އިޓަލީގެ ބޮލޯނާގައި ބޭއްވި ޖީ ސެވެން ސަމިޓްގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، މޫސުމަށްއަންނަ ބަދަލުތަކުގެ މަސްއަލައަކީ، އިމެއްނެތް މައްސަލައެއްކަމަށާއި، އަދި އެކަމަށް އެންމެ ގައުމަކުން ނުވަތަ ގައުމުތަކަކަށް އެކަނި ހައްލެއް ނުގެނެވޭނެކަމަށެވެ.
ތޯރިގު ވިދާޅުވީ، މިކަމުގެ ނުރަގަނޅު އަސަރު އަހަރަކަށްފަހު އަހަރެއް އިތުރުވަމުން އަންނަ ކަމަށާއި، އެގޮތުން މޫސުމީ ނުރައްކާތަކާއި، ކާރިސާތަކާއި، ހަނަފަސްކަމާއި، ފެންބޮޑުވުމާއި އަދި ހޫނުމިން އިތުރުވުން ދުނިޔެއަށް ކުރިމަތިލާންޖެހޭ މިންވަރު އިތުރުވަމުން އަންނަކަމަށެވެ.
މީގެއިތުރުން ތޯރިގު ވިދާޅުވީ، މިކަމުގެ ނުރައްކާތަކާ ހުރިހާ ގައުމުތަކުން ކުރިމަތިލާންޖެހިފައިވީ ނަމަވެސް، މިކަމުގެ ނުރައްކާ ކުރިމަތިލާންޖެހޭ މިންވަރާއި މިކަމުގެ އަސަރުކުރާ މިންވަރު ހުރިހާ ގައުމުތަކަށް ހަމަހަމަނޫންކަން ކަމަށެވެ.
ޖަޒީރާ ގައުމުތަކުން ދަނީ މިކަމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައި، ނުރައްކާތައް ތަހައްމަލު ކުރަމުންކަން ފާހަގަ ކުރައްވަމުން ތޯރިގު ވިދާޅުވީ، މިފަދަ ޤައުމުތަކުގެ އިގްތިސާދަށާއި އެހެނިހެން ކަންކަމަށްވެސް މިކަމުގެ ނުރަގަނޅު އަސަރު ފޯރަމުން އަންނަކަމަށެވެ
މި މަހު 11 އިން 12 އަށް ކުރިޔަށްދިޔަ މި ސަމިޓަކީ ޖީ ހަތެއްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމުކަމަށްވާ އިޓަލީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ޖީ7 ގެ މެންބަރު ގައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާން، ޖަރުމަނު، ފްރާންސް، އިޓަލީ މި ގައުމުތަކުގެ މިނިސްޓަރުންނާއި ޔޫރަޕިއަން ޔުނިއަންގެ އެންވަޔަރަންމަންޓް އަދި ކުލައިމެޓް ޗޭންޖްގެ ކަމިޝަނަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.