ކ. މާލެ
|
10 ޖޫން 2022 | ހުކުރު 11:55
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ޤަރާރު ނެރުއްވީ އޭޕްރިލް މަހުގެ 21 ގައި
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ޤަރާރު ނެރުއްވީ އޭޕްރިލް މަހުގެ 21 ގައި
ރާއްޖެއެމްވީ
ރައީސްގެ ޤަރާރު
ޤަރާރުގައި ޤާނޫނު އަސާސީއާ ޚިލާފު އަދި އެއްވެސް މީހެއްގެ ހައްޤު ގެއްލޭ ކަމެއް ނޯންނާނެ - ރައީސް
 
އެއީ ޤާނޫނު އަސާސީން އެމަނިކުފާނުގެ މައްޗަށް 115 ވަނަ މާއްދާއިން މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނެރުއްވި ޤަރާރެއް
 
ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނިންމުމަކަށްވީ މި ކަންތައްތައް ހުއްޓުވުމަށްޓަކައި ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކުރެއްވުމަށް
 
ރާއްޖޭގެ އިޤްތިސާދަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އެމްޑީޕީން ނުކުރާނެ

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ޙަރަކާތަކީ ރާއްޖޭގެ ޤާނޫނުތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ޚިލާފު ޙަރަކާތެއް ކަމަށް ކަނޑައަޅުއްވައި އޭޕްރިލް މަހުގެ 21ގައި ނެރުއްވި ޤަރާރުގައި ޤާނޫނު އަސާސީއާ ޚިލާފު އަދި އެއްވެސް މީހެއްގެ ހައްޤު ގެއްލޭ ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، އިންޑިއާ އައުޓް ޙަރަކާތާއި ގުޅޭ ގޮތުން އެމްއެންޑީއެފް އާއި ޕޮލިހުން ޤައުމީ ސަލާމަތާ ބެހޭ މަޖިލީހަށާއި، ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް މައްސަލަތަކެއް ހުށަހެޅި ކަމަށެވެ. ރައީސް ވިދާޅުވީ، ނެޝަނަލް ސެކިއުރިޓީއާ ބެހޭ މައްސަލަތަކެއް މިކަމުގައި އުޅޭ ކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީން އެމަނިކުފާނުގެ މައްޗަށް 115 ވަނަ މާއްދާއިން މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކެއްވާކަމަށެވެ. އެއީ ހައްޤުތަކާއި މިނިވަންކަން ރައްކާކުރުމާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ސިޔާދަތުތަކަށް އިޙްތިރާމް ކުރުން އިތުރުކުރުމާއި، ޚާރިޖީ ސިޔާސަތު ކަނޑައެޅުން ފަދަ މަސައްކަތް ކުރުން ކަމަށެވެ. އެކަންކަން ކުރުމުގައި ލިޔުމުންވެސް އެކަން ކުރެއްވުމުގެ އިޚްތިޔާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާއިރު، އެކަމުގައި ޤަރާރެއްވެސް ނެރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެއިން އެއްވެސް ކަމަކަށް ޤާނޫނު އަސާސީ ހުރަހެއްނާޅާ ކަމަށެވެ.

އިންޑިއާއާ އިދިކޮޅަށް ހިންގާ މިކަންތައްތަކުގައި، ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅިފައި ހުރި ކަންތައްތަކުގެ ތެރޭގައި، ސީދާ އިންޑިއާ ރައްޔިތުންނަށާއި، ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުންނަށް ފުރައްސާރަކޮށް، ބިރުދައްކައި، މަގުމަތީގައި އުޅެން ދަތިވާ ކަންތައްތައް ކުރުން ހިމެނޭކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ބައެއް ޓެކްސީތަކަށް އެރުވުން ހުއްޓާލާފައި އެބަހުރި. އިންޑިއާ ހައިކޮމިޝަންގެ ބޭރުގައި ލިޔެފައި އެބަހުރި. ވިއެނާ ކޮންވެންޝަންތަކުން، އަޅުގަނޑުމެން ބައިވެރިވެފައި ހުރި ކޮންވެންޝަންތަކުގައި އެހެން ތިބޭ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން، އެ ހޯސްޓް ކަންޓްރީއަކުން ދޭންޖެހޭނެ. އަޅުގަނޑުމެން އެކަން ޔަޤީންކުރަންޖެހޭނެ
އިބްރާހިމް މުޙައްމަދު ސާލިޙު / ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ، އެ ޙަރަކާތަކީ ވަރަށް ބޮޑަށް ރޭވިގެން ހިންގާ ހަރަކާތެއް ކަމަށާއި، އެކަމަކީ ނުބައި ކަންތައްތަކެއް އަޑީގައި އޮވެގެން ވަކި މަޤުސަދެއްގައި ހިންގާ ޙަރަކާތެއްކަން ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް އެމްއެންޑީއެފްއާ ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކައުންސިލްގެ ނިންމުމަކަށްވީ މި ކަންތައްތައް ހުއްޓުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކުރެއްވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުގެ މަތިން އެ ޤަރާރު ނެރުއްވީ ކަމަށާއި، އޭގައި ޤާނޫނު އަސާސީ އާއި ޤާނޫނަކާއި ޚިލާފުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެެއްވިއެވެ. ރައީސް ވިދާޅުވީ، އެއްވެސް މީހެއްގެ އެއްވެސް ޙައްޤަކަށް ހުރަސްއެޅޭ ކަމެއްވެސް އެޤަރާރުގައި ނޯންނާނެ ކަމަށެވެ.

އަޅުގަނޑު އެ ޤަރާރުގައި ބުނެފައި އޮންނާނީ، ކަންތައްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މުއައްސަސާތަކުން ކުރަން. އެހެންވީމާ، އޭގެ ދަށުން ފުލުހުން ކުރިޔަސް، އަދި އެމް.އެން.ޑީ.އެފް. އިން ކުރިޔަސް، ކަން ކުރާނީ އެބޭފުޅުންގެ ޤާނޫނާ އެއްގޮތަށް
އިބްރާހިމް މުޙައްމަދު ސާލިޙު / ރައީސުލްޖުމްހޫރިއްޔާ

ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ރައީސް އިސްވެ ހުންނަވައި ގޮވާލެއްވި ކަމަށް ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނުގެ ލީޑަރޝީޕުން އެފަދަ ކަމަކަށް ގޮވާލައްވާފައި ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެމްޑީޕީގެ ފަރާތުންވެސް އެފަދަ ކަމެއް ކޮށްފައި ނުވާ ކަމަށާއި އަދި އެޕާޓީން އެފަދަ ކަމަކަށް ގޮވާލާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. ރާއްޖޭގެ އިޤްތިސާދަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އެމްޑީޕީން ނުކުރާނެކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި