ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 07:01
އިސްރާއީލުން 2021 ވަނަ އަހަރު ގައްޒާއަށް ބޮމުގެ ހަމަލާދެނީ
އިސްރާއީލުން 2021 ވަނަ އަހަރު ގައްޒާއަށް ބޮމުގެ ހަމަލާދެނީ
އަލްޖަޒީރާ
އިސްރާއީލުން ފަލަސްތީނަށް ވެރިވެގަތުން
އިސްރާއީލުން ބޭނުންވަނީ މުޅި ފަލަސްތީނުގެ ކޮންޓްރޯލު، ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓުމުގެ ވިސްނުމެއް ނެތް: އދ ގެ ރިޕޯޓް
ޔަހޫދީން ވަޒަންވެރިވުން ނިމުމަކަށް ގެނެސްގެން މެނުވީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުނުކުރެވޭނެ
މިހާތަނަށް އައިއިރު ހުޅަނގު އައްސޭރިއާއި އިރުމަތީ ޖޭރޫސަލަމްގައި އިސްރާއީލުގެ 700،000 މީހުން ވަނީ ވަޒަންވެރިކުރުވާފައި
ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން ނިމުމަކަށް ގެނައުމުގެ އެއްވެސް ވިސްނުމެއް އިސްރާއީލުން ނުގެންގުޅޭ

ފަލަސްތީނުގެ ލީޑަރުން ބޭނުންވާ ގޮތަށް ފަލަސްތީނުގައި ވަކި ދައުލަތެއް ހެދުމަށް އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންކުރަމުން ދާދިޔުން ނިމުމަކަށް ގެނައުމުގެ އިތުރުން އެތައް ކަމެއް ކުރަން ޖެހޭނެކަމަށް 2021 ވަނަ އަހަރު އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކާއި ގުޅިގެން އދ ގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކައުންސިލުން އެކުލަވާލި މިނިވަން ކޮމިޝަނުން ކުރިޔަށްގެންދިޔަ އިންކުއަރީ ރިޕޯޓްގައި ބުނެފިއެވެ.

އަންގާރަ ދުވަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ޔަހޫދީން ވަޒަންވެރިވުން ނިމުމަކަށް ގެނެސްގެން މެނުވީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ނުކުރެވޭނެކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށްވެސް އިސްރާއީލުގެ ރައްޔިތުންނަށް ލިބޭފަދަ އިންސާނީ ހައްގުތައް ލިބުމަށް އެތައް ބައިވަރު ކަންތައްތަކެއް ކުރަންޖެހޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން ރިޕޯޓްގައި ބުނެފައިވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން ނިމުމަކަށް ގެނައުމުގެ އެއްވެސް ވިސްނުމެއް އިސްރާއީލުން ނުގެންގުޅޭކަމަށެވެ.

އިސްރާއީލުން އަންނަނީ ފަލަސްތީނުގެ އެކި ބިންތަކުގެ މުޅި ކޮންޓްރޯލް ހޯދަމުންކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. އޭގެތެރޭގައި އިރުމަތީ ޖޭރޫސަލަމްވެސް ހިމެނެއެވެ. މި ސަރަހައްދަކީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިސްރާއީލުން އަތުލާފައިވާ ބިމަކަށްވެފައިވާއިރު އެބިމަކީ އިސްރާއީލުގެ ބިމެއްކަމަށް ބައިނަލްއަގްވާމީ މުޖުތަމައުން ބަލައެއް ނުގަނެއެވެ.

މީގެއިތުރުން ރިޕޯޓްގައި ބުނެފައިވަނީ އިސްރާއީލުގެ ސަރުކާރުން އަންނަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަ ޔަހޫދީންނަށް ރަނގަޅަށް ހުރިހާ ކަމެއް އެތަންތަނުގައި ހިނގާނެ ގޮތްތަކަށް ކަންކަން ރާވަމުންނެވެ. އެއާ ޚިލާފަށް ފަލަސްތީނުގެ ރައްޔިތުންނަށް އެތަންތަނުގައި އުޅެން އުނދަގޫވާ ގޮތަށް ކަންކަން ބައްޓަންކުރަމުންނެވެ.

އަނެއްކޮޅުން އިސްރާއީލުގެ ގާނޫނުތަކުން އިސްރާއީލުގެ ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ ފަލަސްތީނުގެ ރައްޔިތަކަށް އިސްރާއީލުގެ ސިޓިޒެންޝިޕް ދިނުމަށް ދެކޮޅު ހަދާހެދުން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ރިޕޯޓްގައި އެކަމާއި ގުޅޭގޮތުން ބުނެފައިވަނީ އެއީ އިސްރާއީލުގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނާމެދު އެމީހުންގެ މަދަނީ ޙައްޤުތަކާއި ގާނޫނީ ގޮތުން ލިބެންޖެހޭ ރައްކާތެރިކަން ދިނުމުގައިވެސް ގެންގުޅޭ ތަފާތުކުރުމެއްކަމަށެވެ.

މިހާތަނަށް އައިއިރު ހުޅަނގު އައްސޭރިއާއި އިރުމަތީ ޖޭރޫސަލަމްގައި އިސްރާއީލުގެ 700،000 މީހުން ވަނީ ވަޒަންކުރުވާފައެވެ. މިއީ ތިން މިލިއަނަށް ވުރެ ގިނަ ފަލަސްތީނު މީހުންގެ ވަޒަނެވެ. އެތަންތަނުގައި ހަމައެކަނި ވަޒަންވެރިވެވެނީ ޔަހޫދީންނަށެވެ. މިބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަމުން އަންނަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފަށެވެ.

ހިޔުމަން ރައިޓްސް ވޮޗް އާއި އެމްނެސްޓީ އިންޓަރނޭޝަނަލް އިން ފާހަގަކުރާ ގޮތުގައި އިސްރާއީލުގެ ފުލުހުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ކަންކަން ކުރަނީ ތަފާތުކޮށެވެ.

އދ ގެ އިންކުއަރީ މިރިޕޯޓަކީ 2021 ވަނަ އަހަރުގެ މެއި މަހު އިސްރާއީލާއި ހަމާސް އާ ދެމެދު ކުރިޔަށްދިޔަ 11 ދުވަހުގެ ހަނގުރާމައާ ގުޅިގެން ކުރިޔަށްގެންދިޔަ އިންކުއަރީއެކެވެ. އެފަހަރުގެ ހަމަލާތަކުގައި ގައްޒާގައި އުޅޭ 260 މީހުން ޝަހީދުކޮށްލިއިރު އިސްރާއީލުގެ 13 މީހުން މަރާލިއެވެ.

އެފަހަރުގެ ހަމަލާތައް ފެށުނީ އިސްރާއީލުން އަލް އަގްސާ މިސްކިތުގައި އަޅުކަމުގައި ތިބި މީހުންނަށް އަމާޒުކޮށް ހަމަލާދިނުމުން ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ.

އދގެ މިރިޕޯޓަށް ހަމާސް އިން މަރުހަބާ ކިޔާފައިވާއިރު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާފައިވާ އިސްރާއީލުގެ ލީޑަރުންނަށް ދައުވާކުރުމަށް ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ އޮތޯރިޓީންވެސް ވަނީ މިރިޕޯޓަށް ތައުރީފުކޮށްފައެވެ. އަދި އިސްރާއީލުން ހިންގަމުން ގެންދާ މިއަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅާ އެމީހުން ޖަވާބުދާރީކުރުވުމަށް ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ މިރިޕޯޓަކީ ބޭކާރު ފައިސާ ޚަރަދުކޮށްގެން ކޮށްފައިވާ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިސްރާއީލުން ވަނީ މިއިންކުއަރީ ބޮއިކޮޓްކޮށްފައެވެ. އަދި މިއީ ވަކިކޮޅަކަށް ޖެހިފައިވާ އިންކުއަރީއެއްކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

މިރިޕޯޓަށް އަންނަ ހަފްތާގައި އދ ގެ ހިޔުމަން ރައިޓްސް ކައުންސިލްގައި މަޝްވަރާކުރާނެއެވެ. އެމެރިކާއިން ވަނީ 2018 ވަނަ އަހަރު އެކައުންސިލުން ވަކިވެފައެވެ. އެއީ އިސްރާއީލާއި ޖައްސާލާފައިވާކަމަށް ބުނެއެވެ. ނަމަވެސް އެމެރިކާއިން ވަނީ މިއަހަރު އަނެއްކާވެސް މިކައުންސިލާއި އަލުން ގުޅިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް