Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 19:25
އިބްރާހީމް މުހައްމަދު ސޯލިހް: އިތުރު ދައުރަކަށްވެސް ވަނީ ހޮވިފައި
އިބްރާހީމް މުހައްމަދު ސޯލިހް: އިތުރު ދައުރަކަށްވެސް ވަނީ ހޮވިފައި
މުހައްމަދު ޝަރުހާން
އެމްޑީޕީ
އެމްޑީޕީ ޕީޖީ ލީޑަރަކަށް އަނެއްކާވެސް އިބޫ
އެމަޤާމަށް ކުރިމަތިލެއްވީ އިބޫ އެކަނި
އެންމެ މަގާމެއް ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވެސް ވާދަކުރީ އެ މަގާމުތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ ގްރޫޕުގެ) ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަނެއްކާވެސް އެމަޤާމަށް ހޮވިއްޖެއެވެ.

އެމްޑީޕީން ބުނީ މިމަހުގެ 20 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިންތިޚާބުގައި މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އާދީއްތަ ދުވަހު ހެނދުނު ހަމަވިއިރު ޕީޖީ ގްރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ އިބޫ އެކަނި ކަމަށާއި އެހެންކަމުން އިންތިޚާބަކާ ނުލައި އިތުރު ދައުރަކަށް އިބޫ ހޮވިވަޑައިގަންފައިވާ ކަމަށެވެ.

އިބޫގެ އިތުރުން އެ ގްރޫޕުގެ އެންމެ މަގާމެއް ފިޔަވައި އެހެން ހުރިހާ މަގާމަކަށް ވެސް ވާދަކުރީ އެ މަގާމުތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން ވެސް ވަނީ އިންތިޚާބަކާ ނުލައި، ހޮވިވަޑައިގެންފައެވެ.

އިންތިޚާބަކަށް ދާން ޖެހުނީ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށެވެ. ދެ ބޭފުޅަކު އިންތިޚާބު ކުރަންޖެހޭ އެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. އެ މަގާމަށް ކުރިމަތިލެއްވީ މިހާރުވެސް އެ މަގާމުގައި ހުންނެވި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ބާކީ ތިބި ހުރިހާ މަގާމަށް ކުރިމަތިލީ އެ މަގާމުތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ އިންތިޚާބަކާ ނުލައި، އެ ބޭފުޅުން ވަނީ އިންތިޚާބުވެ ވަޑައިގެންފައެވެ. އެގޮތުން ޕީޖީ ގްރޫޕުގެ އަމީން އާންމުގެ މަގާމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ހޮވުނުއިރު އަމީން އާންމުގެ ނައިބުގެ މަގާމަށް ހޮވުނީ ހެންވޭރު ދެކުުނު ދާއިރާގެ މެމްބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.

ޗީފް ވިޕްގެ މަގާމަށް މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ހޮވުނުއިރު ވިޕުންގެ ދެ މަގާމަށް ހޮވުނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް