ފްރާންސްގެ މޮނާކޯއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރ އޮޣޭލިއަން ޗުއަމެނީ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޗުއަމެނީ ވަނީ ރެއާލްއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އޭނާ ހޯދުމަށްޓަކައި ރެއާލްއިން މޮނާކޯއަށް 80 މިލިއަން ޕައުންޑުގެ ފީއެއް ދައްކަން ޖެހޭނެއެވެ. މީގެ އިތުރުން، އެޑްއޮންސް ތަކާއެކު ޗުއަމެނީ ހޯދުމަށް ޖުމްލަ 100 މިލިއަން ޕައުންޑް ރެއާލްއިން ޚަރަދު ކުރާނެއެވެ.
ޗުއަމެނީ ހޯދުމަށްޓަކައި ޔޫރަޕުގެ ބޮޑެތި ކްލަބުތަކަކުން މަސައްކަތް ކުރިއެވެ. އޭގެ ތެރޭގައި ޕީއެސްޖީއާ ލިވަޕޫލްވެސް ހިމެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޗުއަމެނީ ހޯދުމަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ޕީއެސްޖީއެވެ. ނަމަވެސް އޭނާ ބޭނުންވީ ރެއާލްއަށް ކުޅޭށެވެ. އެހެންކަމުން މިދިޔަ ހުކުރު ދުވަހު ޕީއެސްޖީން ވަނީ ޗުއަމެނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލާފާކަމަށް ރިޕޯޓުތައް ބުނެއެވެ.
ލިވަޕޫލުންވެސް ވަނީ ޗުއަމެނީ ހޯދުމަށް ސީދާ އޭނާގެ އެޖެންޓާ މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ސީދާ ޗުއަމެނީއަށް ގުޅި ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
ޗުއަމެނީ ރެއާލްއަށް ބަދަލުވާކަން ރަސްމީކޮށް އަންގާނީ މެޑިކަލް ޓެސްޓުތައް ހެދުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗުއަމެނީއަކީ މިއަންނަ ސީޒަނަށް ރެއާލްއަށް ގެންދާ ދެވަނަ ކުޅުންތެރިޔާއެވެ. ރެއާލްއިން މިހާރު ވަނީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ސޮއިވެސް ހޯދާފައެވެ.