ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 18:47
މީރާ: މިދިޔަ މޭމަހު ލިބުނު އާމްދަނީ މިދިޔައަހަރު މެއި މަހަށްވުރެ އިތުރު
މީރާ: މިދިޔަ މޭމަހު ލިބުނު އާމްދަނީ މިދިޔައަހަރު މެއި މަހަށްވުރެ އިތުރު
އަޒުމޫން އަހުމަދު
ީމީރާ
އެއަރޕޯޓް ސަރޗާޖް ނަގަންފެށުމާއެކު މޭމަހު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
އެންމެ ގިނަ ފައިސާ ލިބުނީ ޖީއެސްޓީއަށް
ޑޮލަރުގެ ގޮތުގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވޭ

މިއަހަރުގެ މޭ މަހު އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށާއި  އޭގެ ތެރޭގައި އެމެރިކާ ޑޮލަރުން ބަލައިގަތް އާމްދަނީގެ ގޮތުގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުނެއެވެ.
މީރާ އިން ބުނި ގޮތުގައި އެ މިންވަރަކީ މިދިޔަ އަހަރުގެ މޭ މަހު މީރާއަށް ލިބުނު އާމްދަނީ އާ އަޅާބަލާއިރު 5.9 އިންސައްތަ އިތުރު މިންވަރެކެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީ.އެސް.ޓީ، ވިތުހޯލްޑިންގް ޓެކްސް، އެއާޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ އިތުރުވުން  ކަމަށް މީރާއިން ބުނެއެވެ.

މިއަހަރުގެ މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 49 އިންސައްތަ ކަމަށާއި އެއީ 598.2 މިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނި ގޮތުގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައެވެ. ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މީރާއަށް މިދިޔަ މޭ މަހު 317.1 މިލިއަން ރުފިޔާ ލިބުނެއެވެ.

ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި މޭ މަހު މީރާއަށް 72.4 މިލިއަން ރުފިޔާ ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި 63.1 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މީރާއަށް 49.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

- ކޮމެންޓް