ޓައިވާންގެ މައްސަލާގައި އެމެރިކާއިން ބުނި ބަހުގެ އިތުބާރު ހިފަހެއްޓުމަށާ، ދޭދޭ ގުޅުމަށް އުނިކަން އަޔަ ނުދިނުމަށްޓަކާ، ޗައިނާ ފިއްތާލުމުގެ ގޮތުން ޓައިވާން "ބޭނުން ނުކުރުމަށް" ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމުގެ މަގާމަށް ފައި ވިއްދަމުންދާ ޗައިނާއިން އެމެރިކާއަށް ގޮވާލައިފިއެވެ.
ޗައިނާގެ ފަރާތުން މިކަމަށް ގޮވާލީ، "ޓައިވާންގެ މިނިވަންކަމަށް" އެމެރިކާއިން ތާއީދު ނުކުރާކަމަށް ބަޔާންކޮށް މެއި 28، 2022 ވަނަ ދުވަހު އެމެރިކާގެ ހާރިޖިއްޔާގެ ވެބްސައިޓު އަޕްޑޭޓްކުރި ކުރުމާ ބެހޭ ގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ގައުމުގެ ހާރިޖިއްޔާގެ ތަރުޖަމާނު ޝާއޯ ލީޖިއާންއެވެ.
ޝާއޯ ވިދާޅުވީ ހަގީގަތަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ތާރީހަކީ ބަދަލު ކުރުމުގެ ފުރުސަތު ދެވިގެންވާނެ އެއްޗެއް ނޫން ކަމަށެވެ. ރަނގަޅާއި ނުރަނގަޅަކީ ހަގީގަތް އޮޅޭ ގޮތަށް ބަދަލު ކުރެވިގެން ވާނެ އެއްޗެއް ނޫން ކަމަށްވެސް ޝާއޯ ވިދާޅުވިއެވެ. ދުނިޔޭގައި އޮތީ އެންމެ ޗައިނާއެއް ކަމަށާ، ޓައިވާންއަކީ ދެބަސްވެވެން ނެތް ގޮތުގައި ޗައިނާގެ ބައެއް ކަމަށް ޝާއޯ ވިދާޅުވިއެވެ. ޗައިނާ ރަމްޒުކޮށްދޭނެ ހަމައެކަނި ފަރާތަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ނުވަތަ މައި ޗައިނާގެ ސަރުކާރު ކަމަށްވެސް ޝާއޯ ވަނީ ފާހަގަ ކުރައްވާފައެވެ.
ޓައިވާންގެ މައްސަލާގައި އެމެރިކާއިން މިހާތަނަށް ވެފައިވާ އެއްބަސްވުންތައް ދަމަހައްޓަން ޖެހޭނެ ކަމަށާ، ޓައިވާންގެ މައްސަލަ ބޭނުން ކޮށްގެން ސިޔާސީ ކުޅިގަނޑު ކުޅުމާވެސް އެމެރިކާ ދުރުވާން ޖެހޭ ކަމަށް ޗައިނާއިން ވަނީ އިޝާރާތް ކޮށްފައެވެ. އެނޫން ގޮތަކަށް އެމެރިކާއިން ކަން ކުރަނީ ކަމުގައި ވަނީނަމަ، އެމެރިކާއާއި ޗައިނާގެ ގުޅުމަށް ސީރިއަސް ގެއްލުންތަކެއް ލިބި، ސަރަހައްދީ ހަމަޖެހުމާއި ސުލްހައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރުވެސް ޝާއޯ ވަނީ ދެއްވާފައެވެ.
"ޓައިވާންގެ މިނިވަންކަމަށް ތާއީދުނުކުރާ" ކަމަށް ބުނެ އެމެރިކާގެ ހާރިޖިއްޔާގެ ވެބްސައިޓް އަޕްޑޭޓް ކޮށްފައި ވާއިރު، އެކަމުގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ވެބްސައިޓްގެ އިބާރާތްތައް ހުރި ގޮތުންވެސް ޗައިނާއިން މީގެ ކުރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މެއި 28 ވަނަ ދުވަހު، އެމެރިކާގެ ހާރިޖިއްޔާގެ ވެބްސައިޓްގައި ޓައިވާންގެ ގުޅުންތަކާ ބެހޭ ބަޔަށް ބަދަލު ގެނައީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން ވިދާޅުވި ބަސްފުޅުގެ ރޫހާ އެއްގޮތަށް ކަންކަން ބައްޓަން ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
ޓައިވާންއަކީ ޗައިނާގެ މުށުތެރެއިން ދެމިގަނެ، މިނިވަން ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ރުހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ. ނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި، މިނިވަން ގައުމެއްގެ ގޮތުގައި ޓައިވާން ބަލައިގެންފައި ވަނީ މަދު ގައުމަކުންނެވެ. އެމެރިކާއާއި ޓައިވާންއާ ދެމެދު ރަސްމީ ސިފައެއްގައި ގުޅުން ގާއިމު ކޮށްފައި ނުވި ނަމަވެސް، އެމެރިކާއަކީ، ބައިނަލްއަގުވާމީ މައިދާނުގައި ޓައިވާންއަށް އެންމެ ފުޅާ ދާއިރާއެއްގައި ތާއީދު ކުރާ އަދި ޓައިވާންއަށް އެންމެ ގިނަ އަދަދަކަށް ހަތިޔާރު ފޯރުކޮށްދޭ ބައިވެރިޔާވެސްމެއެވެ.
ޓައިވާންގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ޓައިވާންއަކީ 1949 ވަނަ އަހަރުގެ ދާހިލީ ހަނގުރާމާގައި ކޮމިއުނިސްޓް ޕާޓީއާ ބައްދަލުކޮށް ބަލިވި ގުރޫޕުން އުފެއްދި ވަކި ސަރަހައްދެކެވެ. ކޮމިއުނިސްޓް ޕާޓީއިން ވެރިރަށަކީ ބޭޖިންގ ކަމުގައި ހަދާ، މައި ޗައިނާ ނުވަތަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެއްދިއެވެ.
މައި ޗައިނާއިން ޓައިވާން ވަކިވުމަށް މަސައްކަތް ކުރާނަމަ އަސްކަރީ ފިޔަވަޅު އެޅުމަށް ގާނޫނީ ބާރު ލިބިދޭ ގޮތަށް ޗައިނާގެ ސަރުކާރުން އެ ގައުމުގެ ގާނޫނަށް ބަދަލު ގެނައީ 2005 ވަނަ އަހަރުއެވެ.
ޓައިވާންގެ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ބާރު އޮތް ހަމައެކަނި ހައްގުވެރިންނަކީ އެ ގައުމުގެ އާބާދީގައި ހިމެނޭ 23 މިލިއަން މީހުންނެވެ. އަދި އެމީހުން ބޭނުންވަނީ ސުލްހަ ކަމަށާ، ހަމަލާ ދީފި ނަމަ ގައުމު ދިފާއު ކުރާނެ ކަމަށްވެސް ޓައިވާންގެ ސަރުކާރުން ވަނީ ބުނެފައެވެ.