ފަސް އަހަރުގެ މުއްދަތަށް ސްރީލަންކާއިން ބޭރު ގައުމުތަކުގައި ވަޒީފާ އަދާކުރުމަށް ނުވަތަ އެހެނިހެން ކަންކަމުގައިވެސް ޤައުމުން ބޭރަށް ދާ ސަރުކާރުގެ މުވައްޒަފުންނަށް ނޯ ޕޭ ލީވް ދިނުމަށް ހަމަޖެހިފައިވާކަމަށް ލަންކާގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ހޯމް އެފެއަރޒް ޕްރޮވިންޝަލް ކައުންސިލްސް އަދި ލޯކަލް ގަވަމަންޓް މިނިސްޓަރ ދިނޭޝް ގުނަވަރްދޭނާ ވިދާޅުވެއްޖެއެވެ.
އޮބްޒަރވާ އަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ ފަސް އަހަރު ފުރިހަމަކުރުމުން ދިގު މުއްދަތަކަށް ޚިދުމަތްކުރުމުން ލިބޭ ފައިދާތައް ލިބޭނެކަމަށެވެ. އަދި އެމުއްދަތު ފުރިހަމަކުރިކަމަށްޓަކައި ލިބޭ ފައިދާތައްވެސް ލިބޭނެކަމަށެވެ.
މި ޕްރޮގްރާމްގެ ސަބަބުން ސަރުކާރު މުވައްޒަފުންނަށް ލަންކާއިން ބޭރުގައި ވަޒީފާ އަދާކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި މިޕްރޮގްރާމްގެ ދަށުން މުވައްޒަފުންނަށް ގިނަ ފައިދާތަކެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ސްރީލަންކާގެ 120،000ށްވުރެ ގިނަ މީހުން އެހެން ގައުމުތަކަށް ވަޒީފާ އަދާކުރުމަށް ހިޖުރަކޮށްފައިވާކަމަށް، ލަންކާގެ ބިޔުރޯ އޮފް ފޮރިން އެމްޕްލޯއިމެންޓުން ވަނީ ބުނެފައެވެ.
މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅައިބަލާއިރު 100 އިންސައްތައިގެ މަތިވުމެއްކަމަށް އެއިދާރާއިން ބުނެއެވެ. މިދިޔަ 2021 ވަނަ އަހަރު ލަންކާ ދޫކޮށް އެހެން ގައުމުތަކުގައި ވަޒީފާ އަދާކުރުމަށް ގޮސްފައިވަނީ 122،000 މީހުންކަމަށް އެއިދާރާއިން ބުނެއެވެ.
ބިޔުރޯއިން ބުނީ މިއަހަރު 300،000 މިހުން ބޭރު ގައުމުތަކުގެ ވަޒީފާތަކަށް ފޮނުވުމަށް ރާވަމުންދާކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެކި ގައުމުތަކާއެކު އެއްބަސްވުންތަކާ ހަމައަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ފޮރިން ރިޒަރވް ވަނީ 50 މިލިއަން ޑޮލަރަށްވުރެ ދަށްވެފައެވެ. ފޮރިން ރިޒަރވް ދަށްވެ، އެގައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީތަކެތި އިމްޕޯޓްކުރުމަށް އެކަށީގެންވާ ފައިސާ ނެތުމުގެ ސަބަބުން ވަނީ ދަތިތަކާކުރިމަތިވެފައެވެ. އެހެންކަމުން ލަންކާއިން އަންނަނީ އެގައުމަށް ބޭރު ފައިސާ އިތުރުކުރާނެ އެކި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރަމުންނެވެ.
ބޭރު ގައުމުތަކުގައި މަސައްކަތްކުރަމުން އަންނަ ލަންކާ ރައްޔިތުން ގައުމަށް ބޭރު ފައިސާ ފޮނުވުމަށް އެދިފައިވާއިރު، ލަންކާގައި ވަކި މިންވަރަކަށް ބޭންކުގައި ޑޮލަރު ޑިޕޮސިޓްކުރުމުން ވަކި މުއްދަތަކަށް ވިސާ ދޭގޮތަށްވެސް ވަނީ ނިންމާފައެވެ.