މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހައްޖު ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި 100 ކޯޓާގެ ދަށުން ޙައްޖަށް ދިއުމަށް ހޮވޭ ފަރާތްތައް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން 06 ޖޫން ވާ ހޯމަ ދުވަހުގެ 16:00 ގައި ޕީ.އެސް.އެމް ނިއުސް އިން ލައިވްކުރާނެކަމަށެވެ. ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ ލިސްޓުގައި ސިންގަލް ކެޓަގަރީ ޝަރުތުހަމަވާ 264 މީހުން އެބަތިއްބެވެ. ޑަބަލް ކެޓަގަރީން ޝަރުތުހަމަވާ ތިބީ 315 ފަރާތެވެ.
ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ 100 ކޯޓާއަށް ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނީ އާއްމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. އެގޮތުން، ގުރުއަތުން 100 މީހުންނަށް ފުރުސަތު ލިބޭއިރު، ކިޔޫގައި ޖެހުމަށް އިތުރު 25 ޖާގައަށް މީހުން ނަގާނެކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވާ ރަސްމީ ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި 100 ކޯޓާއަށް ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 (ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) އެވެ. ކުންފުނީގެ ޙައްޖު އަދި އުމްރާގެ ޚިދުމަތް ހޯދުމާއިބެހޭ ޕޮލިސީގެ ދަށުން ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށް، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވާ ފަރާތްތައް ޙައްޖަށް ގެންދިއުމަށް ކުންފުނިން ކަނޑަޅާފައިވާ އަގަކީ ކުރީ އަހަރުތަކުގައިވެސް ޙައްޖު ދަތުރަށް ކަނޑައެޅުނު އަގު ކަމަށެވެ. އެއަގަކީ 69,965 (ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ) ރުފިޔާ އެވެ.
ސައޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް 453 ކޯޓާދީފައިވާއިރު މި ހުރިހާ ކޯޓާއެއް ސަރުކާރުން ވަނީ ހައްޖު ކޯޕަރޭޝަނަށް ދީފައެވެ. މީގެ ތެރެއިން 353 ކޯޓާ ދޫކުރާނީ މިހާރު ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި ތިބި ފަރާތްތަކަށެވެ. ބާކީ 100 ކޯޓާ އާއްމުނަށް ހުޅުވާލާއިރު، މިހާރު ކިޔޫގައި ތިބި ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.