ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 07:42
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓަސް
ސައޫދީ އެމެރިކާ ގުޅުން
ބައިޑަން ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ
ބައިޑަން ވިދާޅުވީ ސައޫދީއަށް މިހާރުން މިހާރަށް ވަޑައިގަތުމުގެ ޕްލޭނެއް ނެތްކަމަށް
ބައިޑަން ޖޫން މަހުގެ ތެރޭގައި އިސްރާއީލާއި ޔޫރަޕަށް ވަޑައިގަންނަވާނެ
ސައޫދީއާ އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމަށް ބައިޑަންގެ ވެރިކަމުގައި ވަނީ ހިޔަނިއެޅިފައި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައޫދީ އަރަބިއްޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް، އެމެރިކާގެ ގިނަ މީޑިޔާތަކަކުން ރިޕޯޓްކޮށްފިއެވެ.

ހުކުރު ދުވަހު ބައިޑަން ވިދާޅުވީ ސައޫދީއަށް މިހާރުން މިހާރަށް ވަޑައިގަތުމުގެ ޕްލޭނެއް ނެތްކަމަށެވެ. ނަމަވެސް ސައޫދީއަށް ވަޑައިނުގަންނަވާނެކަމަކަށް ވިދާޅެއްނުވެއެވެ.

ސައޫދީއާ އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމަށް ބައިޑަންގެ ވެރިކަމުގައި ވަނީ ހިޔަނިއެޅިފައެވެ. އެއީ ސައޫދީ އަރަބިއްޔާއިން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާކަމަށް އެމެރިކާއިން ގަބޫލުކުރާތީއެވެ.

އަނެއްކޮޅުން ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި، ސައޫދީއާއި ދެންވެސް ތެޔޮ އުފައްދާ މައި ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެމެރިކާއިން އަންނަނީ ބާރުއަޅަމުންނެވެ.

އެމެރިކާގައި ކުރިޔަށްއޮތީ މިޑްޓަރމް އިންތިޚާބުކަމަށްވުމާއެކު ބައިޑަންގެ ޑިމޮކްރަޓިކް ޕާޓީއަށް އެ އިންތިޚާބު ކާމިޔާބުކުރުމަށް، ތެލާއި ގޭހުގެ އަގު މަތިވާނަމަ އުނދަގޫތަކާ ކުރިމަތިވާނެއެވެ. އެހެންކަމުން ހައުސްއާއި ސެނެޓުގައި މެޖޯރިޓީ ހޯދުމަށްޓަކައި ގޭހުގެ އަގު މަތިވިޔަނުދީ ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންކަމެކެވެ.

ރިޕޯޓްތައް ބުނާގޮތުން ބައިޑަން ޖޫން މަހުގެ ތެރޭގައި އިސްރާއީލާއި ޔޫރަޕަށް ވަޑައިގަންނަވާނެއެވެ. މީގެއިތުރުން ބައިޑަންގެ މި ދަތުރުފުޅުގައި ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވާނެއެވެ.

2018 ވަނަ އަހަރު ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލީ ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށްކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އެއާއެކު އެމެރިކާއިން ބުނެފައިވަނީ ބައިޑަން މުހައްމަދު ބިން ސަލްމާނާ ސީދާގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވާނެކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޓްރަމްޕް ވަނީ މުހައްމަދު ބިން ސަލްމާނާ ގާތްގުޅުމެއް ބާއްވަވާފައެވެ.

އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އިންތިޚާބުގެ ތެރޭގައި 2019 ވަނަ އަހަރު ކުރިޔަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ބައިޑަން ވަނީ، ޚާޝޮގްޖީގެ މަރުގެ ޒިންމާ ސައޫދީން ނަގަންޖެހޭނެކަމަށާއި އެކަމުގެ އަގު އަދާކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފަހަކަށް އައިސް އެމެރިކާގެ ރާގު އަންނަނީ ސައޫދީއާމެދު ބަދަލުވަމުންނެވެ. ބައިޑަން ވިދާޅުވީ، އިންސާނީ ހައްގުތަކާ ގުޅޭގޮތުން ދެކެވަޑައިގަންނަވާގޮތް ބަދަލުނުވާކަމަށާއި، ބައިޑަންގެ ޒިންމާއަކީ ސުލްހަ ގެނައުންކަމަށެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ، އިސްރާއީލާއި އަރަބި ގައުމުތަކަށް ފަހަރެއްގައި ވަޑައިގަންނަވާފާނެކަމަށެވެ. އަދި އެދަތުރުފުޅުގައި ސައޫދީ ހިމެނޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ބައިޑަން ވިދާޅުވިއެވެ. ނަމަވެސް މިހާރުން މިހާރަށް އެކަމުގެ ޕްލޭނެއް ނެތްކަމަށް ބައިޑަން ވިދާޅުވިއެވެ.

ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާނުތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ، ދަތުރުގެ މައިގަނޑު އަމާޒަކަށްވާނީ، އަރަބި ގައުމުތަކާ އިސްރާއީލާ ދެމެދު މިއޮންނަ ހަމަނުޖެހުންތަކާއި ހަނގުރާމަތައް ނިމުމަކަށް ގެނެސް ސުލްހަ ގެނައުންކަމަށެވެ.

- ކޮމެންޓް