ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 07:29
އިންޑިޔާގެ ވަފުދާ ތާލިބާން ސަރުކާރުގެ ވަގުތީ ފޮރިން މިނިސްޓަރ ބައްދަލުކުރައްވަނީ
އިންޑިޔާގެ ވަފުދާ ތާލިބާން ސަރުކާރުގެ ވަގުތީ ފޮރިން މިނިސްޓަރ ބައްދަލުކުރައްވަނީ
އަލްޖަޒީރާ
އިންޑިޔާ - އަފްޣާނިސްތާނު ގުޅުން
ތާލިބާނުން ވެރިކަމަށް އައިފަހުން ފުރަތަމަ ފަހަރަށް އިންޑިޔާގެ އޮފިޝަލުން އަފްޣާނިސްތާނަށް
އިންޑިޔާއިން ވަނީ އަފްޣާނިސްތާނަށް އެހީވުމުގެ ގޮތުން ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައި
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ މި ބައްދަލުކުރެއްވުން ސިފަކުރެއްވީ ރަނގަޅު ފެށުމެއްގެ ގޮތުގައި

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ހަވާލުވިފަހުން، ފުރަތަމަ ފަހަރަށް އިންޑިޔާގެ ވަފުދެއް އަފްޣާނިސްތާނަށް ހިނގައްޖެއެވެ.

މިދަތުރާ ގުޅޭގޮތުން ތާލިބާނުން ބުނީ އިންޑިޔާގެ އޮފިޝަލުންތަކެއް އަފްޣާނިސްތާނުގެ ވަގުތީ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައިފަހުން، އިންތިހާ ދަރަޖައިގެ ފަގީރުކަމާއި ބަނޑުހައިހޫނުކަން ވަނީ އެގައުމަށް ކުރިމަތިވެފައެވެ. އިންޑިޔާއިން ވަނީ އަފްޣާނިސްތާނަށް އެހީވުމުގެ ގޮތުން ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީގެ ވަފުދާ ބައްދަލުކުރުމަށްފަހު ތާލިބާން ސަރުކާރުގެ ފޮރިން މިނިސްޓަރގެ ސްޕޯކްސްމަން އަބްދުލްގައްހާރު ބަލްކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމާއި ވިޔަފާރީގެ ގުޅުމުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ މިބައްދަލުކުރެއްވުން ސިފަކުރެއްވީ ރަނގަޅު ފެށުމެއްގެ ގޮތުގައިކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

އިންޑިޔާއާއި ތާލިބާން ސަރުކާރާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުވެފައެއްނުވެއެވެ. ނަމަވެސް އިންޑިޔާގެ ވަފުދަކުން މީގެކުރިން ވަނީ ތާލިބާންގެ އޮފީސް ހުންނަ ދޯހާގައި ތާލިބާނުންގެ އޮފިޝަލުންތަކަކާ ބައްދަލުކޮށްފައެވެ.

އިންޑިޔާގެ ވަފުދުން އަފްޣާނިސްތާނަށް މިކުރާ ޒިޔާރަތަކީ ތާލިބާން ސަރުކާރު ރަސްމީ ގޮތުން ބަލައިގަތުންތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އިންޑިޔާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން އަރިންދަމް ބަގްޗީ ވިދާޅުވީ، މިދަތުރާގުޅޭ ކަންކަން ނޫސްވެރިން މާދުރަށް ގެންދަނީކަމަށެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީން ވަނީ މިދަތުރާ ގުޅޭގޮތުން ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ، އިންޑިޔާގެ ވަފުދުން އިންޑިޔާއިން އެހީތެރިކަން ދީގެން އަފްޣާނިސްތާނުގައި ހިންގަމުންދާ މަޝްރޫއުތައް ކުރިޔަށްދާގޮތް މިދަތުރުގައި ބަލާނެކަމަށެވެ. އަދި އިންޑިޔާއިން ދޭ އެހީތެރިކަން ބޭނުންކުރެވޭ ގޮތްތައްވެސް ބަލާނެކަމަށެވެ.

އިންޑިޔާއިން ވަނީ މިހާތަނަށް 20،000 ޓަނުގެ ފުށާއި، 13 ޓަނުގެ ބޭހާއި، 500،000 ޑޯޒްގެ ކޮވިޑް-19 ވެކްސިން އަފްޣާނިސްތާނަށް ދީފައެވެ. މީގެއިތުރުން ފިނިމޫސުމާ ދިމާކޮށް، ހެދުމާއި ބޭހާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަގުމަތީގައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އިންޑިޔާއިން ވަނީ އަފްޣާނިސްތާނުގައި ހުރި އެގައުމުގެ އެމްބަސީ ބަންދުކޮށް، އޮފިޝަލުން އަނބުރާ ގައުމަށް ގެންގޮސްފައެވެ.

އަލުން އެމްބަސީ ހުޅުވާނެ ދުވަހަކާ ގުޅޭގޮތުން އެއްޗެއް ވިދާޅުވުމަށް ބަގްޗީ ވަނީ ދެކޮޅުހައްދަވާފައެވެ.

އިންޑިޔާގެ ވަފުދާ ތާލިބާނު ސަރުކާރުގެ ފޮރިން މިނިސްޓަރާ ދެމެދު ކުރިޔަށްދިޔަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ވަނީ، އިންޑިޔާގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިޔާގެ މަޝްރޫއުތައް އަފްޣާނިސްތާނުގައި ކުރިޔަށްގެންދިޔުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންޑިޔާގެ ޑިޕްލޮމެޓުން އަފްޣާނިސްތާނުގައި ތިބުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވުމާ ހަމައަށް އިންޑިޔާއިން ވަނީ އަފްޣާނިސްތާނުގެ ސެކިޔުރިޓީއާ ގުޅުންހުރި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ހަތިޔާރު ދިނުމާއި އަސްކަރީ ތަމްރީނުތައް ދިނުން ހިމެނެއެވެ. އިންޑިޔާއަކީ އަފްޣާނިސްތާނަށް މިސަރަހައްދުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ގައުމުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް