ރައީސް އޮފީހަކީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މައި އިދާރާ ކަމަށްވާތީ، އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ޤައުމު ހިންގެވުމުގެ އެންމެ މުހިންމު ދައުރު އަދާކުރެއްވީ ރައީސް އޮފީހުގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި އަދި ޚިދުމަތްކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅަކަށް ފިލާ އަރުވާފައި ވަނީ އެބޭފުޅުންގެ ހަނދާނަށެވެ.
ރައީސް އޮފީހުގެ މުވައްޒަފުންނާ މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ ޒަމާނުއްސުރެ ސަރުކާރު ހިންގުމުގައި ރައީސް އޮފީހުން އަދާކުރައްވަމުން ގެންދެވި ދައުރު ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވި ގޮތުގައި ޚިދުމަތުގެ އަގު ވަޒަންކުރެވުނު ބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު، އެ ބޭފުޅުންގެ ފަރާތުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، އެބޭފުޅުން ދެމެހެއްޓެވި ވަޒީފާގެ އަޚުލާޤުކަމުގައި ވިދާޅުވެ، އެ މުވައްޒަފުންނަށް ދިގު މުއްދަތަކަށް އެއް ވަޒީފާއެއްގައި ދެމިތިއްބެވޭ އެއް ސަބަބަކީ ވެސް، އެ ސިފަކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އޮފީހަކަށް ވާންޖެހޭނެ އޮފީހެއްކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް އޮފީހުގެ މުވައްޒަފުންގެ ޢަދަދަށް ބެއްޔަސް ފެންނަނީ އެފަދަ ނަމޫނާއެއްކަމުގައި ވިދާޅުވެފައެވެ. އަދި، އޭގެ ތެރެއިން ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ ޢަދަދު ވެސް ހުރީ ދާދި އެއް ވަރަކަށް ކަމަށާއި، މިއީ މިންތީގެ ތަފާތުތައް ނައްތާލައި ދެ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަލާއިރު ވެސް ރަނގަޅު ނަމޫނާއެއް ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް ޢުމުރުފުރާއަށް ބަލާއިރު ވެސް، ޢުމުރުން ވަރަށް ދޮށީ މުވައްޒަފުންނާއި ވަރަށް ހަގު މުވައްޒަފުން ވެސް ރައީސް އޮފީހުގައި ތިއްބެވިކަމަށާއި ގިނަ ދުވަސްވީ މުވައްޒަފުން ނަމޫނާއަކަށް ބަލައިގެން އެހެން މުވައްޒަފުން ކުރިޔަށް ދިޔުމުގެ ބޭނުންތެރިކަމަށް އެކަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން ވެސް މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި، އަދި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު މިރާއްޖެ ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ސިޔާސަތުތަކެއް ސަރުކާރުން ކަނޑައަޅާފައިވާކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ޙިމާޔަތްކުރުމުގެ ސިޔާސަތުތައް ފަދަ ސިޔާސަތުތަކުގެ ނަތީޖާ، ޤައުމީ ފެންވަރުގައި ފެންނަން ފަށާނީ، ފަރުދީ ފެންވަރުގައި އެ ސިޔާސަތުތައް ތަންފީޒުކޮށްގެންކަމުގައި ވިދާޅުވެފައެވެ. މިގޮތުން، އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަކީ ކޮންމެ ފަރުދަކު ތަންފީޒުކުރަންޖެހޭ ސިޔާސަތެއްކަމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށްޓަކައި، އެކި ގިންތީގެ ކުނި ވަކިކޮށްދިނުމަކީވެސް، ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން ވެސް ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުން ރައްކާތެރިވުމަށް ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުމާއި، ކަރަންޓު ޚަރަދު ކުޑަކުރުމާއި، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން ފަދަ ކަންކަން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ހުރިހާ ދިވެހިންގެ ކިބައިން އެކަންކަން ކުރުމަށް އިލްތިމާސްކުރެއްވިއެވެ.
މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 40 އަހަރާއި، 35 އަހަރާއި، 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 49 ބޭފުޅަކަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 33 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 44 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.