ޔާމިން ރަޝީދު މަރާލި މައްސަލައާ ގުޅިގެން މިއަނިޔާވެރި އަމަލު ހިންގި ބަޔަކު ހޯދުމަށާއި މިކަމުގެ ފަހަތުގައި ފޮރުވިފައި ތިބި ބަޔަކު ހޯދުމަށް ބާރު އަޅައި އިންސާފް ހޯދުމުގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އެދި 454 ސިޓީ ޔާމިންގެ އާއިލާއާއި އެކުވެރިން ހުށަހަޅައިފި އެވެ.
ޔާމިންގެ ރަޝީދުގެ އާއިލާގެ ފަރާތުން އާދިއްތަ ދުވަހު އާންކުރި ބަޔާނުގައި ބުނެފައިވަނީ މި ސިޓީތައް ހުށަހަޅާފައިވަނީ 11 ޖޫން 2017 ގައި ކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި ހިނގި ގޮތް ބަލައި، އެޗްއާރުސީއެމްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް މިސިޓީތަކުގައި ވަނީ ގޮވާލައިފައެވެ.
މިގޮތުން މިމައްސަލައަށް ހާއްސަ ސަމާލުކަމެއް ދިނުމާއި މީހުންނަށް ބިރުދެއްކުމާއި އިންޒާރު ދިނުމުގެ މައްސަލަތައް ބެލުމަށާއި، ޔާމިން ރަޝީދު މަރާލުމުގެ ކުރިން އޭނާއަށް ދީފައިވާ އިންޒާރުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅި ނަމަވެސް އެދެވޭ ގޮތެއްގައި އެމައްސަލަތައް ބަލާފައި ނުވާތީ، އެކަން ތަޙްޤީޤް ކުރުމުގައި ފުލުހުންގެ އިދާރާއިން އިހުމާލުވެފައިވޭތޯ ބަލައި ދިނުމަށް ވަނީ އެދިފައެވެ.
Press statement by the family regarding letters submitted to HRCM today pic.twitter.com/0i1aEoXVzM
— WeAreYaamyn (@WeAreYaamyn) June 11, 2017
ޔާމިން ރަޝީދުގެ މަރަށްފަހު އާއިލާއިން ދިރިއުޅެމުންދަނީ ހިތްދަތިކަމާއި ވޭނުގައި، މިމައްސަލައަށް އިންސާފު ލިބޭނެ ދުވަހެއްގެ އުއްމީދުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި އޭނާގެ އާއިލާ އާއި އެކުވެރިން ޕޮލިހަށް ހުށަހެޅި 800 ސިޓީ ބަލައި ނުގަންނަ ގޮތަށް ވަނީ ނިންމައިފަ އެވެ.