ސްރީލަންކާގެ ދަނޑުވެރިން އިތުރު ހިތްވަރަކާއެކު ހަނޑޫ އިންދުމަށް އެޤައުމުގެ ސަރުކާރުން ދަނޑުވެރިންގެ ކިބައިން އެދިއްޖެއެވެ.
ދަނޑު އިންދުމަށް ގޮވާލައްވަމުން އެޤައުމުގެ އެގްރިކަލްޗަރ މިނިސްޓަރު މަހިންދަ އަމަރަވީރަ ވަނީ ކާބޯތަކެތީގެ ދަތިކަން އަދިވެސް އިތުރަށް ގޯސްވަމުން ދާނެކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަންގާރަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އެގްރިކަލްޗަރ މިނިސްޓަރު އަމަރަވީރަ ވިދާޅުވީ ހަމަވީހާވެސް އަވަހަކަށް، ކުރިޔަށް އޮތް ދިހަވަރަކަށް ދުވަހުގެތެރޭގައި ވިޔަސް ދަނޑުވެރިން ދަނޑުތަކަށް ނިކުމެ އަލުން ހަނޑޫ އިންދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިޤްތިސާދީ ގޮތުން ޤައުމު ވެއްޓިފައިވާ ފުންވަޅުގަނޑުން ސަލާމަތް ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ސްރީލަންކާ ސަރުކާރުން އަންގާރަ ދުވަހުވަނީ ބައެއް ޓެކްސްތައްވެސް އިތުރުކޮށްފައެވެ. ބޭނުމަކީ ކާބޯތަކެއްޗާއި ފިއުލް ފަދަ ޒަރޫރީ ތަކެތި ގަތުމަށް ބޭނުންވާ ފައިސާ ހޯދުމެވެ. މިގެނެވުނު ބަދަލާއެކު ވެލިއު އެޑަޑް ޓެކްސް 8 އިންސައްތައިން 12 އިންސަތަޔަށް އިތުރުކޮށްފައިވެއެވެ. އަދި އިތުރުކުރި ޓެކްސްއިން އާމްދަނީއަށް 65 ބިލިއަން ސްރީލަންކާ ރުޕީސް އިތުރަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. ވެލިއު އެޑަޑް ޓެކްސްގެ އިތުރުން އޮކްޓޯބަރު މަހުން ފެށިގެން ކޯޕޮރޭޓް ޓެކްސް ވެސް 24 އިންސައްތައިން 30 އިންސައްތަޔަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ.
ސްރީލަންކާގެ ކާބޯތަކެތީގެ ހާލަތު ކުރިޔަށް އޮތް ދުވަސްތަކުގައި އަދިވެސް އިތުރަށް ގޯސްވާނެކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަވެސް ވިދާޅުވުމާއި ގުޅިގެން ސްރީލަންކާ ސަރުކާރުގެ އިސް އޮފިޝަލުން ގެންދަވަނީ ކާބޯތަކެތި ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. މިގޮތުން ފުޑް ކަމިޝަނަރު ޖޭ. ކްރިޝްނަމޫރިތީ ވަނީ ސައުތު އޭޝިއަން ފުޑް ބޭންކުގެ އެހީއަށް އެދިވަޑައިގެންފައިވާނެކަމަށް ވިދާޅުވެފައެވެ. ފުޑް ކަމިޝަނަރު ވިދާޅުވީ ސަރަހައްދީ އެއްބާރުލުމަށް އުފައްދާފައިވާ "ސާކް" ޖަމާއަތް މެދުވެރިކޮށް އެހީ ހޯދުމުގެ ޕްރޮސެސް ފަށާފައިވާ ކަމުގައެވެ. މިގޮތުން ސްރީލަންކާއިން އެދިފައިވާނީ ހަދިޔާގެ ގޮތުގައި ނުވަތަ އަގުހެޔޮ ރޭޓެއްގައި އެއްލައްކަ މެޓްރިކް ޓަނުގެ ދަނޑުގޮވާން ހޯދުމަށްކަމަށް އޭނާ ވިދާޅުވި ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
ސްރީލަންކާގެ ރައްޔިތުން މިވަގުތު ގެންދަނީ ފާއިތުވި 70 އަހަރުތެރޭވެސް ކުރިމަތިނުވާވަރުގެ ތަދުމަޑުކަމާއި ކުރިމަތިލަމުންނެވެ.