އިނގިރޭސިވިލާތުގެ ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ, ބާސެލޯނާއަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށް ރަފީނިއާގެ ބައްޕަ ރަފައޭލް ބުނެފިއެވެ.
ރަފައޭލް ބުނީ މިކަމަށް ގޮތް ނިންމާނީ ރަފީނިއާ ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ތިން ފަރާތެއްކަން ފާހަގަކޮށް ރަފައޭލް ބުނީ، އެއީ ރަފީނިއާ ހޯދުމަށް ޝައުގުވެރިކަން ހުރި ކްލަބުތަކާއި، މިހާރު އޭނާ ހުރި ކްލަބުގެ އިތުރުން ރަފީނިއާ ކަމަށެވެ. ރަފައޭލް އިތުރަށް ބުނީ މިހާރު އެންމެނަށްވެސް އެނގޭނީ ޚަބަރުތަކުން ފެންނަ އެއްޗެއް ކަމަށެވެ. ނަމަވެސް ލީޑްސްގައި މަޑުކުރުމާމެދު ރަފީނިއާ ވިސްނަމުން އަންނަކަން ފާހަގަކޮށް ރަފައޭލް ބުނީ، ގޮތް ނިންމާނީ އޭނާގެ ދަރިފުޅު ކަމަށެވެ.
އުމުރުން 25 އަހަރުގެ ފޯވާޑް ވަނީ މިދިޔަ ސީޒަންގައި ލީޑްސްއަށް 35 މެޗު ކުޅެދީ، 11 ލަނޑު ޖަހާފައެވެ. ލީޑްސްއާއެކު ރަފީނިއާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބާސެލޯނާއިން އަންނަނީ އެޓީމަށް ދިމާވެފައިވާ ލަނޑު ޖެހުމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ފޯވާޑުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޓީމުގެ ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭގެ ކޮންޓްރެކްޓް ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ބާސެލޯނާއިން އަންނަނީ އޭނާގެ ކޮންޓްރެކްޓް އައުކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޑެމްބެލޭ ވަކި ގޮތެއް އަދި ނުނިންމައެވެ. ޑެމްބެލޭ ބާސެލޯނާގައި މަޑުނުކޮށްފިނަމަ ޓީމުގެ އެޓޭކިންގގައި ރަފީނިއާއަށް އިސް ދައުރެއް އޮންނާނެއެވެ.