ކ. މާލެ
|
31 މެއި 2022 | އަންގާރަ 13:50
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
 
"ވިއަވަތި" ކޮންފަރެންސަކީ ކައުންސިލަރުން އެއް މޭޒެއްގެ ދަށުގައި މަޝްވަރާކުރެވި ހައްލު ހޯދުމަށް ބޭއްވި ކޮންފަރެންސެއް
 
ކޮންފަރެންސްގައި ބައިވެރިވިކަން ނޭނގުމުން ކައުންސިލަރަކު ވަނީ މުއިއްޒުއަށް ސިޓީއެއް ފޮނުއްވާފައި

"މުއިއްޒުވުން" މިއީ ރަސްމީ ނުވިނަމަވެސް ފަހަކަށް އައިސް ބައެއް މީހުން މަޖާޒީ ގޮތުން ބޭނުންކުރަން ފަށާފައިވާ ބަހެކެވެ. މިބަސް ބޭނުން ކުރަން ފަށާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ހައުސިންގ މިނިސްޓަރު ޑރ މުއިއްޒު ކުރެއްވި ބައެއް ކަންކަމަށް ނިސްބަތް ކޮށެވެ. އެމިނިސްޓްރީން ކުރި ގިނަ ކަންތައްތަކެއް ދެފަހަރަށް ކުރަން ޖެހުމުންނާއި ކުރާ ކަންކަމުގެ ސަބަބުން އެކަމުގެ ފަސޭހައަށްވުރެ ބޮޑަށް ބައެއް ފަހަރަށް ތަކުލީފު އުފުލަން ޖެހުމުންނެވެ.

އއ އުކުޅަހުގައި ކައުންސިލްތަކަށް ބޭއްވި "ވިއަވަތި" ކޮންފަރެންސްއާ ގުޅިގެން މުއިއްޒު "މުއިއްޒުވަނީ" ނޫންބާއޭ މިވަނީ ހީވާން ފަށާފައެވެ. އެކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލުން ބައިވެރި ނުވީތީ އެވެ. އެ ކަމާއި ގުޅިގެން ކައުންސިލް އެތެރެއާއި ބޭރުގައި ހިނގާން ފެށި ބަހުސް ތެރެއިންނެވެ. ކައުންސިލަރުން ވިދާޅުވާން ފެށި ބަސްތަކުންނާއި ފޮނުވާންފެށި ސިޓީ ބިޓީތަކުންނެވެ.

އެކޮންފަރެންސްއަކީ ކައުންސިލްތަކަށް ދިމާވާ އަދި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށާއި ކަންކަމުގައި ފެނިދެނިވެ ތިބެގެން މަޝްވަރާ ކުރުމަށް އިންތިޒާމް ކުރެވިގެން ބޭއްވި ކޮންފަރެންސެކެވެ. ކޮންފަރެންސްގައި ވެރިކަން ކުރާ ޕާޓީއެއް އިދިކޮޅެއް އިސްތިސްނާވުމެއް ނެތެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލްތަކުންވެސް ފޯރީގައި ބައިވެރިވެގެން އުޅުނެވެ. ޤައުމީ ކަމެއްގެ ގޮތުގައެވެ. އެކަމަކު އަޅައިގަތީ މާލޭ ސިޓީ ކައުންސިލުން ފޫކަހާފައި އެކައުންސިލުގައި ބައިވެރި ނުވީމައެވެ.

ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވެފައިވަނީ ކޮންފަރެންސަށް ދައުވަތު ދިނީ މާ ލަހުން ކަމަށެވެ.

ކައުންސިލަރުންގެ ކޮންފަރެންސް ބޮއިކޮޓްކުރިކަން މާލޭ ސިޓީ ކައުންސިލުން ދޮގުކުރަމުން ނަރީޝް ވިދާޅުވެފައިވަނީ، ދައުވަތު އައީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށާއި ބައިވެރިވެވަޑައިނުގެންނެވުނީ ރަށުގައި ނޫޅުއްވާތީ ކަމަށެވެ. އަދި ކައުންސިލަރުން އެ ކޮންފަރެންސުގައި ބައިވެރިވެއްޖެނަމަ މާލޭގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެ ކަމަށެވެ.

މިއަށް ފުރަތަމަ ރައްދު ދެއްވީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒެވެ. މަބްރޫކް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް މި މަހުގެ 21 ގައި ކޮންފަރެންސަށް ދައުވަތު ދިން ކަމަށެވެ. އެކަމަކު ކޮންފަރެންސަށް ޝައުގުވެރިވާނެ އެއްވެސް ކައުންސިލަރެއް ނެތް ކަމަށް ލިއުމުން ޖަވާބުދީފައިވާ ކަމަށް ވިދާޅުވިއެވެ.

މަޖާގަނޑާ ކުރިމަތިވީ އެހާހިސާބުންނެވެ. ނަރީޝްއާއި މަބްރޫކްގެ ވާހަކައަށްފަހު ސީދާ އެކައުންސިލްގެ ކައުންސިލަރަކު މުއިއްޒުއަށް ފޮނުއްވި ސިޓީއަކާ ހިސާބުންނެވެ.

އެކޮންފަރެންސަށް ދާން މާލެ ސިޓީ ކައުންސިލަށް ދައުވަތު ދިންކަން ސިޓީ ކައުންސިލުން ކައުންސިލަރުންނަށް އަންގާފައި ނުވާ ކަމަށް ބުނެ، އެކަމުގެ ޝަކުވާ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއަކުން ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހްއެވެ. ބައެއް މީޑިޔާތަކަށް އޭނާ ވިދާޅުވީ އެ ކޮންފަރެންސްގައި ބައިވެރިވާނެ ޝައުގުވެރިކަން އެއްވެސް ކައުންސިލަރަކު ފާޅުކޮށްފައި ނުވާކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށެވެ.

"އަޅުގަނޑަށް ނުވެސް އެނގޭ ކޮންފަރެންސެއް އޮތްކަމެއްވެސް. ނާންގަންޏާ ނޭނގޭނެ ދެއްތޯ. އެންގިނަމަ ޔަގީނުންވެސް އަޅުގަނޑު ކޮންފެރެންސްގައި ބައިވެރިވާނަން،" ސައިފް ވިދާޅުވެފައިވެއެވެ.

އަދި ސިޓީ ކައުންސިލުން ވިއަވަތި ކޮންފަރެންސުގައި ބައިވެރި ނުވި ސަބަބާ ބެހޭ ގޮތުން އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ދެއްކެވި ވާހަކަތަކާއި ގުޅިގެން ސައިފް ވިދާޅުވީ ކޮންފެރެންސްގައި ބައިވެރިވުމަށް ދެ ތިން ކައުންސިލަރުން ދިޔުމަކުން މާލޭގެ އޮޕަރޭޝަންސް ހުއްޓުމަކަށް އަންނާނެހެނެއް ހީނުވާ ކަމަށެވެ. ސަބަބުވެސް އޭނަ ވިދާޅުވިއެވެ.

"ކައުންސިލަރުންނެއް ނޫން ދޯ ނުކުމެ މަސައްކަތް ކުރަނީ. ޕޮލިސީއެއްނޫންތޯ ކައުންސިލަރުން ކަނޑައަޅާނީ،" ސައިފް ވިދާޅުވިއެވެ.

އަދި ކައުންސިލަރުންނަކީ އަމަލީގޮތުން މަސައްކަތް ކުރުމަށް ނުކުމެ އުޅެން ޖެހޭ ބަޔަކަށް ނުވާއިރު ކޮންފަރެންސްގައި ބައިވެރިވެއްޖެނަމަ މާލޭގެ މަސައްކަތްތައް ހުއްޓޭނެ ކަމަށް ބުނުމުން އެކަން ގަބޫލުނުކުރެވޭނެ ކަމަށެވެ.

''މިސާލަކަށް މަގުތަކުގައި ގާ އެޅުން. އަޅުގަނޑުމެން ކައުންސިލަރުންނެއް ނޫން ދެއްތޯ ގޮސް ގާއެޅުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ. އަޅުގަނޑުމެން ހަމައެކަނި މި ކިޔައިދެނީ ގާއަޅަންވީގޮތް،" ސައިފް ވިދާޅުވެފައިވެއެވެ.

މިކޮންފަރެންސް ބޭއްވުމުގެ ކުރިންވެސް މާލޭ ސިޓީ ކައުންސިލާއި މޭޔަރު މުއިއްޒުގެ ބޮޑު ޝަކުވާއަކީ ސަރުކާރުން އެކައުންސިލަށް އެއްބާރުލުން ނުދޭ ވާހަކައެވެ. ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވިއިރު އޭރު މެޖޯރިޓީ އޮތް އެމްޑީޕީ ކައުންސިލަށް ކުޑަވެސް ބާރެއް ނުދީ ހިފަހައްޓައިގެން އުޅުއްވި މުއިއްޒުގެ މޭޔަރުކަމުގައި ބޭއްވި މި ކޮންފަރެންސަކީ ކައުންސިލްތަކަށް ދިމާވާ މައްސަލަތަކުގައި ކައުންސިލަރުންނާ އެކު އެއް މޭޒެއްގައި މަޝްވަރާކޮށް، ހައްލު ހޯދަން ބޭއްވި ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، އަހަރެއްހާ ދުވަހުގެ ތެރޭގައި ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދަން ބާއްވާ މުހިއްމު ކޮންފަރެންސްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިނުވާ މަށެވެ.

ކޮންމެއަކަސް މުއިއްޒުގެ މި ނިންމުން ނުވަތަ މާލެ ސިޓީ ކައުންސިލްގެ ނިންމުމާމެދު ގިނަބައެއްގެ ފާޑު ކިޔުންތައް އެވަނީ މުއިއްޒުއަށާއި ސިޓީ ކައުންސިލަށް އަމާޒުވެފައެވެ. މެޖޯރިޓީ އޮތީތީ ކުރެވުނުހާ ޖެއްސުމެއް ސަރުކާރަށް ކުރަމުން މުޅިން ވަކި ސަރުކާރެއްގެ ގޮތުގައިވެސް ފާހަގަވާ ވަރަށް ކުރަމުންދިޔަ ކަންކަމުގެ އަސްލު ސާފުވެފައިވާކަމަށް އެއްބަޔަކު ދަނީ ބުނަމުންނެވެ. މުއިއްޒު ކުރެއްވި ކަމަކުން މުއިއްޒުއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާއިރު މިއީވެސް "މުއިއްޒުވުން" ފަދަ ކަމެކެވެ. ޕީޕީއެމްގެ ބައެއް މީހުން ތުހުމަތު ކުރާހެން އަންނަ ދައުރަކަށް އެބުނާ ޓިކެޓެއް ހޯދަން ފޫގަޅައިގެން އުޅުއްވާ ބޭފުޅަކު މިފަހަރު އެއެޅުއްވީ ބޮޑު ޅައެއްޗެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް