އެފްރިކާއިން ބޭރުން ގިނަ އަދަދެއްގެ މަންކީޕޮކްސްގެ ކޭސްތަކެއް ފެންނަމުން ދިޔަނަމަވެސް މަންކީޕޮކްސް ޕެންޑަމިކަކަށް ބަދަލުވެގެންދާނެކަމަށް ގަބޫލުނުކުރެވޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނެފިއެވެ.
މީގެއިތުރުން ބަލީގެ އަލާމާތްތައް ނުފެނި ބަލި ޖެހޭ މީހުންގެ ފުށުން މަންކީޕޮކްސް ފެތުރޭކަން އަދި ދެނެގަނެވިފައިނުވާކަމަށް ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ވަނީ ބުނެފައެވެ. މަންކީޕޮކްސްއާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ ޓެކްނިކަލް ހެޑް ރޮސަމުންޑް ލުވިސް ވިދާޅުވީ އަލާމާތްތައް ނުފެނި ބަލި ފެތުރޭކަމާމެދު މިހާތަނަށް އެއްވެސް އެއްޗެއް އަދި ބުނަން ނޭންގޭކަމަށެވެ. ނަމަވެސް މާޒީގައި ފެނިފައިވާ ކޭސްތަކަށް ބަލާއިރު މަންކީޕޮކްސް ފެތުރިފައިވާ މައިގަނޑު ގޮތަކީ އެއީ ނޫންކަމަށާއި ނަމަވެސް އެކަން ބަލަމުންދާކަމަށް ރޮސަމުންޑް ވިދާޅުވިއެވެ.
މިހާތަނަށް އައިއިރު މަންކީޕޮކްސްގެ 300 ކޭސް ފެނިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ޝައްކުކުރާ ކޭސްތަކާއި ޔަގީންވެފައިވާ ކޭސްތަކެވެ. ޔޫރަޕުން މަންކީޕޮކްސްގެ ގިނަ ކޭސްތަކެއް ފެންނަން ފަށާފައިވަނީ މެއި މަހުގެ ތެރޭގައެވެ.
ޑަބްލިޔުއެޗްއޯއިން އަންނަނީ މިހާރު ފެންނަމުންދާ ކޭސްތަކާއެކު މިއީ ބައިނަލްއަގްވާމީ ލެވެލެއްގެ ޕަބްލިކް ހެލްތު އެމަރޖެންސީއެއްތޯ ކަނޑައެޅުމާމެދު މަޝްވަރާކުރަމުންނެވެ. މިހާތަަނަށް ބައިނަލްއަގްވާމީ ފެންވަރުގެ ޕަބްލިކް ހެލްތު އެމަރޖެންސީއެއްކަމަށް ކަނޑައަޅާފައިވަނީ ކޮވިޑް-19 އާއި އެބޯލާ އެވެ.
މަންކީޕޮކްސް ޕެންޑަމިކަކަށް ބަދަލުވެގެން ހިނގައިދާނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މަންކީޕޮކްސްއާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ހެލްތު އެމަރޖެންސީ ޕްރޮގްރާމްގެ ޓެކްނިކަލް ހެޑް ރޮސަމުންޑް ލުވިސް ވިދާޅުވީ އެކަމާމެދު އަދި ވަކި އެއްޗެއް ބުނަން ނޭންގޭކަމަށާއި ނަމަވެސް ޕެންޑަމިކަކަށް ބަދަލުވެދާނެކަަމަށް ގަބޫލުނުކުރެވޭކަމަށެވެ. މިހާރުގެ ކަންބޮޑުވުމަކީ ޕެންޑަމިކަކަށް ބަދަލުވެދާނެތޯ ނޫންކަމަށް ރޮސަމުންޑް ވިދާޅުވިއެވެ.
ބަލިޖެހޭ މީހުންގެ ތެރެއިން މަރުވަނީ ވަރަށް މަދު އަދަދެއްގެ ބަޔެކެވެ. މިހާތަނަށް ޔޫރަޕުން ފެނިފައިވާ ކޭސްތަކަށް ބަލާއިރު ދަތުރުފަތުރުކުރުމަކާ ނުލާ ފެނިފައިވާ ގިނަ ކޭސްތަކެއް ވަނީ ފެނިފައެވެ. އެހެންކަމުން ސައިންސްވެރިން އަންނަނީ އެކަން އިތުރަށް ދިރާސާކުރަމުންނެވެ.