ޗައިނާގެ ވިޔަފާރީގެ މައި ހަބްގެ ގޮތުގައި ބެލެވޭ ޝަންހާއީގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މީގެ ދެ މަސްދުވަސް ކުރިން ކުރި ލޮކްޑައުން ޖޫން 1ން ފެށިގެން ނިމުމަކަށް އަންނާނެކަމަށް ޝަންހާއީގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ރޭ މެންދަމުން ފެށިގެން އަމިއްލަ ކާރުތަކާއި ޓެކްސީތަކަށް އެއްވެސް ހުރަހެއް ނެތި އެއްތަނުން އަނެއްތަނަށް ދަތުކުރެވޭނެއެވެ. މީގެއިތުރުން ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ގޭބިސީތަކުގައި އުޅޭ މީހުންނަށް ގޭގައި އޮންނަ ހުސްތަނަށް ވަދެނިކުމެ ހެދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މީގެއިތުރުން ޖޫން 1ން ފެށިގެން ބަހާއި ޓްރެއިންގެ ދަތުރުތައްވެސް އަލުން ފަށާނެކަމަށާއި ޑިސްޓްރިކްޓްތަކުގެ ދެމެދުގައި ފެރީ މެދުވެރިކޮށް ކުރާ ދަތުރުތައްވެސް އަލުން ފަށާނެކަމަށް ޝަންހާއީ ސިޓީގެ ސަރުކާރުން ވީޗެޓުގައި ޕޯސްޓްކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައިކަމަށާއި ހާލަތު އަންނަނީ ރަނގަޅުވަމުންކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އަދިވެސް ބޭރުގައި އުޅޭއިރު މާސްކު އަޅަންޖެހޭނެކަމަށާއި ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް ވަނީ ބާރު އަޅާފައެވެ.
25 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޝަންހާއީގައި ކޮވިޑް-19 ފެތުރެން ފެށުމުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެސިޓީ ލޮކްޑައުންކޮށްފައިވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއާއެކު ހަރުކަށި ފިޔަވަޅުތަކެއްވެސް އެޅިއެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކު ރުޅިއައިސްގެން ސަރުކާރަށް ފާޑުކިޔާ ހަދާފައިވެއެވެ. އާމްދަނީ ހޯދޭނެ ގޮތްތައް ބަންދުވުމާއި ކާބޯތަކެތި ހޯދުމަށް ކުރިމަތިވި ދަތިތަކާގުޅިގެން ޝަންހާއީގެ ރައްޔިތުން ތިބީ ވަރަށް ރުޅިގަދަވެފައެވެ.
ކޮވިޑް-19ގެ ހާލަތު ރަނގަޅުވާން ފެށުމުން ފާއިތުވި ހަފްތާތަކުގައި ބައެއް ފިޔަވަޅުތަކަށް ވަނީ ލުއިތައްދޭން ފަށާފައެވެ. ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްތައްވަނީ މެދުކަނޑާލާފައެވެ. މީހުންނަށް އެއްތަނުން އަނެއްތަނަށް ދަތުކުރުމުގެ ފުރުސަތު ދެމުން ގެންދިޔައީ ދުރާލާ ހުއްދަ ނަގައިގެންނެވެ.