ޕެސިފިކް ކަނޑުގައި އޮންނަ ކުޑަ ޖަޒީރާ ގައުމެއްކަމަށްވާ ވަނުއަޓޫގައި މޫސުމީ ބަދަލުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
މޫސުމީ ބަދަލާ ގުޅިގެން ކުރާ އަސަރުން ރައްކާތެރިވުމަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު އެ ގައުމަށް ބޭނުންވާކަމަށް ކަނޑައަޅައި، އެ ގައުމުގެ މަޖިލީހުން މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ހުކުރު ދުވަހުއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން އެ ގައުމުގެ ބޮޑު ވަޒީރު ބޮބް ލޯމޭން ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރާ އަސަރު ވަރަށް ބޮޑުކަމަށެވެ. ފާއިތުވި އަހަރުތަކުގައި ޕެސިފިކް ސަރަހައްދަށް އައި ސައިކްލޯންތަކުގެ އަސަރުވެސް ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.
"ދުނިޔެ މިހާރު މިވަނީ އިންތިހާއަށް ހޫނުވެފަ. ރައްކާތެރިއެއް ނޫން. އަހަރެންމެން މިހާރު މިތިބީ ނުރައްކާތެރި ހާލަތެއްގަ. ނުރައްކާ އޮތީ މުސްތަގުބަލުގައެއް ނޫން" ލޯމޭން ވިދާޅުވިއެވެ.
މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ހުރިހާ މެމްބަރުންވެސް ތާއީދުކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ އަސަރުތަކާ ބެހޭގޮތުން ގާނޫނީ ލަފާ ހޯދުމަށް އދ.ގެ އެންމެ މަތީ ކޯޓަށް ދިއުމަށްވެސް ވަނުއަޓޫއިން މިދިޔަ އަހަރު ނިންމިއެވެ. ވަނުއަޓޫއަކީ ގާތްގަނޑަކަށް 3 ލައްކަ މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.