ކ. މާލެ
|
27 މެއި 2022 | ހުކުރު 18:54
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ
ރޮއިޓަރސް
މަންކީޕޮކްސް ދުނިޔޭގެ ހާލަތު
އަވަސް ފިޔަވަޅުތަކެއް އަޅައިފިނަމަ މަންކީޕޮކްސް ފެތުރުން ކޮންޓްރޯލްކުރެވޭނެ: ޑަބްލިޔުއެޗްއޯ
މިހާތަނަށް ބަލި އާންމުކޮށް ފެނިފައިނުވާ 20 ގައުމަކުން މިބަލި ފެނިފައިވޭ
200ށް ވުރެ ގިނަ ކޭސް މިހާތަނަށް އައިއިރު ދެނެގަނެވިފައިވޭ

މަންކީޕޮކްސް އާންމުކޮށް ނުފެތުރޭ ސަރަހައްދުތަކުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އިސްކަމެއްދޭންޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނެފިއެވެ.

ހުކުރު ދުވަހު އެޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ޑިރެކްޓަރ ފޮރ ގްލޯބަލް އިންފެކްޝިއަސް ހަޒަރޑް ޕްރިޕެއަރޑްނަސް ސެލްވީ ބްރެއަންޑް ވިދާޅުވީ މިހާރުން ފެށިގެން އަވަސް ފިޔަވަޅުތަކެއް އެސަރަހައްދުތަކުގައި އެޅިއްޖެނަމަ ބަލި ފެތުރުން ކޮންޓްރޯލްކުރެވޭނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މަންކީޕޮކްސް އަކީ އެފްރިކާގެ ގައުމުތަކުން އާންމުކޮށް ފެންނަމުންގޮސްފައިވާ ބައްޔެކެވެ. ނަމަވެސް މިފަހަކުން އެބަލި ވަނީ ކުރިން ނުފެންނަ ހިސާބުތަކުން ފެންނަން ފަށާފައެވެ. އެގޮތުން ޔޫރަޕުގެ ގައުމުތަކާއި އެމެރިކާއިން ގިނަ އަދަދެއްގެ ކޭސްތަކެއް ފެންނަން ފެށުމުން މިބައްޔާމެދު ކަންބޮޑުވުންވަނީ އުފެދިފައެވެ. މިހާތަނަސް ބަލި އާންމުކޮށް ފެނިފައިނުވާ 20 ގައުމަކުން މިބަލި ފެނިފައިވެއެވެ. 200ށް ވުރެ ގިނަ ކޭސް މިހާތަނަށް އައިއިރު ދެނެގަނެވިފައިވެއެވެ.

ސެލްވީ ވިދާޅުވީ ބަލިއިތުރަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވިދާނެކަންކަން އެބަހުރިކަމަށެވެ. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ސެލްވީ ފާހަގަކުރެއްވީ އާންމު ރައްޔިތުން މިބައްޔާމެދު މާބޮޑަށް ކަންބޮޑުނުވުމަށެވެ. އެއީ ކޮރޯނާވައިރަސް ފަދައިން ފަސޭހަކަމާއެކު ފެތުރޭ ވައިރަސް އަކަށް މިވައިރަސް ނުވާތީއެވެ.

ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބަލިން ދިފާއުވުމަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިނުން މިވަގުތު މުހިންމު ނޫންނެވެ. ނަމަވެސް ބަލި އުޅޭ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާއި ބަލި ޖެހިފައިވާ މީހުންނާ ދިމާވެފައިވާ މީހުން ނުވަތަ ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަށް ވެކްސިން ދިނުން މުހިންމުކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ކޭސްތައް އިންވެސްޓިގޭޓްކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދާ ގޭގައި އެކަހެރިވުމަށް ޑަބްލިޔުއެޗްއޯގެ އޮފިޝަލުން ގެންދަވަނީ ލަފާދެއްވަމުންނެވެ.

- ކޮމެންޓް