ގދ. ފިޔޯރީއަށް ވަގުތީގޮތުން ކަރަންޓު ދީފައިވާކަމަށް ފެނަކަ ކޯޕްރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރއަހްމަދު ޝަރީފް ވިދާޅުވީ މިހާރު ފިޔޯރީއަށް ދެވިފައިވަނީ ވަގުތީ ކަރަންޓެއް ކަމަށާއި ދާއިމީކޮށް ކަރަންޓު ދިނުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. ވަގުތީ އިންޖީނުގެ، އާ އިންޖީނުގެއަށް ބަދަލުކުރުމުގެ މަސައްކަތް ހުއްޓިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހޮނިހިރު ދުވަހު އިރުއޮއްސި 6 ޖެހިއިރު ދިޔަ ކަރަންޓު އައިސްފައި ވނީ ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި އެ ރަށުގެ އިންޖީނުގޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއަށްފަހު އެރަށަށް ކަރަންޓް ފޯރުކޮށްދެމުން އައީ އަތޮޅުގެ އެހެން ރަށަކުން ގެނައި ބާ އިންޖީނެއް ބޭނުންކޮށްގެންނެވެ.އެ ހާދިސާގައި ޑިއުޓީގައި ހުރި އެރަށުގެ ޒުވާނަކު ވަނީ މަރުވެފައެވެ.
ފިޔޯރީ އަށް ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ ތިން ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ. އެގޮތުން ބޭނުން ކުރަމުން ދިޔައީ 250 ކިލޯވޮޓްޖަނެރޭޓަރަކާއި 70 ކިލޯވޮޓްގެޖަނަރޭޓަރެއްގެ އިތުރުން 80 ކިލޯވޮޓްޖަނަރޭޓަރެއް ކަމަށެވެ. އޭގެތެރެއިން އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވަނީ 250 ކިލޯ ވޮޓްގެ ޖަނަރޭޓަރެވެ.
ފެނަކަ ކޯޕްރޭޝަންގެ މެނޭޖިގ ޑައިރެކްޓަރުޝަރީފް ވިދާޅުވީ އާ އިމާރާތަށް އިންޖީނުގެ ބަދަލު ކުރުމަށް އިމާރާތަށް މިހާރު ބޮޑެތި ބަދަލުތައް ގެނެސްފައިވާ ކަަމަށާއި އެތެރޭގެ ފާރެއް ތަޅާލައި ޖާގަ ބޮޑުކޮށް އެހެނިހެން ގިނަ މަސައްކަތްކެއް ނިމިފައިވާ ކަމަށެވެ.