ބްރެޒިލްގެ ސެންޓަރ ބެކް ޑިއޭގޯ ކާލޯސް އިނގިރޭސިވިލާތުގެ އެސްޓަން ވިލާއާ ގުޅިއްޖެއެވެ.
ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން އަންނަ ކާލޯސް ހޯދުމަށް އެސްޓަން ވިލާއިން ހުށަހެޅި ބިޑަށް ސެވިއްޔާއިން ވަނީ އެއްބަސްވެފައެވެ. ކާލޯސް ހޯދުމަށްޓަކައި އެސްޓަން ވިލާއިން ސެވިއްޔާއަށް 31 މިލިއަން ޕައުންޑް ދޭން ޖެހޭނެއެވެ. ސެވިއްޔާއިން ކާލޯސް ދޫކުރުމަށް ނިންމާފައި ވާއިރު، ސެވިއްޔާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ.
އެސްޓަން ވިލާއާ ގުޅެން ނިންމާ، ކުރިއަށް އޮތް ދެތިން ގަޑިއިރުގެ ތެރޭގައި ކާލޯސް އިންގްލެންޑަށް ދަތުރުކުރާނެއެވެ. އަދި މިރޭގެ ވަގުތެއްގައި އޭނާގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކޮށް، ޕާސަނަލް ޓާމްސްތަކަށް އެއްބަސްވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އެސްޓަން ވިލާއިން ކާލޯސް ހޯދާފައިވާއިރު، މިއަންނަ ސީޒަނަށް ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް އެޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކާލޯސްގެ އިތުރުން، ފިލިޕޭ ކޮޓީނިއޯ އާއި ބޫބަކާ ކަމާރާވެސް މިހާރު ވަނީ އެޓީމަށް ގެންގޮސްފައެވެ.