Advertisement
ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 14:11
އަމީން ފައިސަލް
އަމީން ފައިސަލް
ގޫގުލް
އަމީން ފައިސަލް ޝަރީއަތް
އަމީން ފައިސަލް މައްސަލައިގެ ހެކިބަސް ނެގުން މިއަދު
އަމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީނާއި މޫސާ އަލީ ޖަލީލް ހުށަހަޅުއްވާފައިވޭ
ސިޔާސީ މަސްރަހާ ބެހޭ ގޮތުން ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ސްކްރިޕްޓް ވެސް ދައުލަތުން ހުށަހެޅި
މިއަދު އޮންނާނީ ހެކިކެންގެ ހެކިބަސް ނެގުން

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު 13:00 އަށް ތާވަލް ކޮށްފައިވާ އަޑުއެހުމުގައި  ކުރިއަށް ދާނީ ހެކިންގެ ހެކިސްބަސް ނެގުމުވެ. އެގޮތުން އެންމެ ފުރަތަމަ ނަގާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހެވެ.

މި މައްސަލާގައި އެންމެ ފަހުން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ މޭ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ ހެކި ހުށަހެޅުމުގެ މަރުހަލާއެވެ.

އަމީން ފައިސަލް އާއި ދެކޮޅަށް ހިންގާ ޝަރީޢަތުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު އޭރު ވިދާޅުވި ކަން ސާބިތުކުރަން ސިއްރު ހެއްކެއް ވެސް ހުށަހަޅައިފައެވެ.

ހެކި ހުށަހެޅުމަށް ފަހު ދައުލަތުން ބުނި ގޮތުގައި ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބަންދު ކޮށްފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެމަނިކުފާނު ދޫނުކޮށްފި ނަމަ ނަޝީދުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ސިއްރު ހެކިވެރިޔާ އަށް ގުޅާފައި ވިދާޅުވުމުން އެ ހެކިވެރިޔާ އެ ވާހަކަ ނަޝީދަށް ދެންނެވުމުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެ ހެކިވެރިޔާގެ އިތުރުން ވެސް އެހެން ހެކިވެރިޔަކު ވަނީ ދައުލަތުން ހުށަހަޅައިފައެވެ. އެއީ އޭރު ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ނާޒިމްގެ ގޭގައި އެމަނިކުފާނު ހުންނެވި އިރު ދޮރު ނުހުޅުވައިފި ނަމަ ދޮރު ވައްޓާލައިގެން ވިޔަސް ސިފައިން ގެއަށް ގެންދާނެ ކަމަށް އަމީން ފައިސަލް ވިދާޅުވި އަޑު އިވުނު ކަމަށް ބުނާ މީހެކެވެ.

މީގެ އިތުރަށް އެ މައްސަލައިގެ ސިއްރު ރިޕޯޓަކާއި ރައީސް ޔާމީން ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިންގި ގޮތުގެ ރިޕޯޓާއި ރައީސް ޔާމީން ދޫކޮށްލަން އަންގައި، އޭރުގެ ޕީޖީ މުއިއްޒު ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަކާއި އޭރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ސްކްރިޕްޓް ވެސް ދައުލަތުން ހުށަހެޅިއެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީނަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ވެސް ދައުލަތުން އަމީނާ ދެކޮޅަށް ހުށަހެޅިއެވެ.

އަމީން ފައިސަލް އޭނާގެ ދިފައީ ހެއްކެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވެއެވެ.

އަމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނާގެ އިތުރުން ދެން ހުށަހެޅީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި މޫސާ އަލީ ޖަލީލާއި އޭރު ސިފައިންގެ ލީގަލް ހެޑަކަށް ހުންނެވި ޒުބައިރު އަހުމަދު މަނިކެވެ.

ރައީސް ޔާމީން ހެއްކެއްގެ ގޮތުގައި ހުށަހެޅިއްވީ ދައުވާގައި ބުނެފައިވާ ކަމެއް ހިނގާފައިވޭތޯ އާއި ތަހުގީގަށް އެމަނިކުފާނު ދެއްވި ބަޔާނަކީ ސައްހަ ބަޔާނެއްތޯ ސާފުކުރުމަށް ކަމަށް އޭނާގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވިއެވެ.  މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތިތަކެއް އެ ބޭފުޅާއަށް އެނގިލައްވާތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލާގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް